ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 7 ގެ ޗެމްޕިއަންކަން ދެއްވަދޫ ހޯދައިފިއެވެ.
ދެއްވަދޫން ޒޯން 7 ގެ ޗެމްޕިއަންކަން ހޯދީ ދައިނަލްގައި ސ. ހިތަދޫ 3 ލަނޑު 1 ލަނޑުން ބަލިކުރުމަށްފަހުގައެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި މިމަހުގެ 2 ވަނަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަހުނަފް ރަޝީދު (އަހުއްކޮ) ވަނީ ލަނޑެއް ޖަހައި ދެއްވަދޫ އަށް ކުރިހޯދަދީފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން މުހައްމަދު އިމްރާން (އިންމި) ޖެހި ލަނޑާއެކު ދެއްވަދޫން ފުރަތަމަަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ދެއްވަދޫގެ ތިންވަނަ ލަނޑު ޖެހީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ހިތަދުއަށް އުއްމީދެއް ލިބުނީ މެޗުގެ 31 ވަނަ މިނެޓުގައި ހަސަން ރާއިފް އަހުމަދު ޖެހި ލަނޑާއެކުއެވެ. ނަމަވެސް، މެޗް ނިމިގެން ދިޔައިރުވެސް އެ ޓީމަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
ޒޯނުގެ ފައިނަލަށް ދެއްވަދޫ ދަތުރުކުރީ ސެމީ ފައިނަލުގައި ގދ.ވާދޫ ބަލިކުރުމަށްފަހު އެވެ. އަދި ހިތަދޫ ސެމީއަށް ދަތުރުކުރީ ސ.މަރަދޫ ބަލިކޮށްފައެވެ.
ޒޯން 7 ގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދެއްވަދޫގެ ރާއްކޮ އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މަރަދޫގެ ހަސަން ލައުހު އެވެ.
މިމުބާރާތުގައި ޒޯން ބުރަށްފަހު ދެން އޮންނާނީ މުބާރާތުގެ ގަދަ 16 ގެ ބުރެވެ. ގަދަ 16 ގެ މެޗުތައް ފަށާނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

