އައްޑޫ ސިޓީ މީދޫގައި ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމުގައި ދިމާވަމުންދާ އެކި އެކި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މީދޫ ކައުންސިލްގެ އިސް ވަފުދަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މީދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ނައިބު ރައީސް އަމީން ހާނީ އާއި، ކައުންސިލް މެންބަރު ރަޝީދާ އިބްރާހީމެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މީދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މިހާރު ދިމާވަމުންދާ ދަތިތަކާއި، ޓްރާންސްޕޯޓްގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ. އެގޮތުން، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހުރި ގޮންޖެހުންތައް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.
ކައުންސިލްގެ މަންދޫބުން ވަނީ މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ވަނީ މީދޫގެ ދަތުރުފަތުރުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
މީދޫ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ވީ އެންމެ އަވަހަކަށް ހައްލުކޮށްދީ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

