މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހެވެ. މި މަތިވެރި މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި 1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމާއި ދީނުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވި އަގުހުރި އަބުޠާލުންނަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.
ތާރީޚުގެ މިފަދަ ޞަފްޙާތަކެއް ފުރޮޅެމުންދާއިރު، ޤައުމުގެ ޙައްޤުގައި ޖާން ފިދާކުރި ޝަހީދުންނާއި ޤައުމަށް ޚިޔާނާތްތެރިވި ބާޣީން ވަކިކޮށް ދަސްކުރުމަކީ ކޮންމެ ދިވެހި ފަރުދަކުވެސް ޤައުމީގޮތުން ކުރުން ލާޒިމްކަމެއްގެ ގޮތުގައި މިއަދު ދެކެންޖެހެއެވެ.
1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ ރާވާ ހިންގުމުގައި ދިވެހިންގެ ތެރެއިން އެންމެ އިސްކޮށް ތިބީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރު ކަމަށް ވަނީ ޝަރީޢަތަށް ސާބިތުވެފައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލުމަށް ދިން މި ނުރައްކާތެރި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ސާބިތުވެ އިތުރު 5 ދިވެއްސެއްގެ މައްޗަށް ޝަރީޢަތުން ވަނީ ޙުކުމް ކޮށްފައެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު އަދި ޢުމަރު ޖަމާލެވެ.
މި މައްސަލަތަކުގައި ޝަރީޢަތުން ޙުކުމް ސާބިތުވެ ނިމިފައިވީ ނަމަވެސް، އަދި އެ ހާދިސާއަށް ފަހު ކިތަންމެ އަހަރެއް ފާއިތުވެދިޔަޔަސް، ޤައުމަށް ޣައްދާރުވި މި ބާޣީންގެ ނަންތައް އަޑުއިވޭ ހިނދު ކޮންމެ ދިވެއްސެއްގެ ލޭ ކެކިގެންދާނެއެވެ. އަދި އަމިއްލަ ވަޒަނަށް ބޭރުގެ ކުލީ ސިފައިން ގެނެސް، ކުށެއްނެތް އެތައް ދިވެހިންނެއް ޝަހީދުކޮށްލި މި ޣައްދާރުންނަށް ދިވެހި ތާރީޚުގައިވެސް އަދި ދިވެހި ރައްޔިތުންގެ ހިތްތަކުގައިވެސް ދުވަހަކުވެސް މަޢާފެއް ނޯންނާނެއެވެ.







ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

