މިގޮތުން އައްޑޫ މީދޫގައި ހޭންޑްބޯޅަ ކުރިއެރުވުމަށްޓަކައި ލުބުނާ އިސްނަގައިގެން ކުރި ބުރަ މަސައްކަތަކީ މިއަދު އެ ރަށުގެ ކުޅިވަރުގެ ތާރީޚުގައި ރަންއަކުރުން ފަވާލަންޖެހޭ ފަދަ ނަމޫނާ މަސައްކަތެކެވެ. މިއީ މާޔޫސްވުމެއް ނެތި، ދެގޮތެއްނުވެ ކުރި ހިތްވަރުގެ ފޮނި ނަތީޖާ ފެނިގެންދިޔަ ގޮތުގެ ވާހަކައެވެ.
މީދޫގައި ހޭންޑްބޯޅަ ކުރިއެރުވުމުގެ ބުރަ ދަތުރު ލުބުނާ ފެށީ ސްކީމް ޖަމްއިއްޔާގެ އައްމީދޫގެ ފޯކަލް ޕޮއިންޓަކަށް ހުންނެވިއިރު ހުޅުމީދޫ ޕޮލިހުންގެ ފަރާތުން ލިބުނު ފުރުސަތެއްގައި ލުބުނާއާއި އަދިވެސް މީދޫ އެހެން އަންހެންކުއްޖަކާއެކު ފެށި މަސައްކަތުންނެވެ.
އެއަށްފަހު މި ކުޅިވަރަށް ޝައުގުވެރިކަން ހުރި ޒުވާން އަންހެން ކުދިންތަކެއް ހޯދައި، އެކުދިންނާ ވާހަކަދައްކައިގެންނެވެ. އެއަށްފަހު ފަރިތަކުރުންތައް ފަށައި، ކުޅުންތެރިންގެ ފެންވަރު ވަޒަންކުރުމަށާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިތަދޫގެ މައިލޯ ޓީމާއި ފޭދޫ ޓީމު މީދޫއަށް ގެނެސްގެން އެކުވެރިކަމުގެ މެޗުތައް އިންތިޒާމުކުރިއެވެ. މި މެޗުތަކުގައި ފެނިގެންދިޔައީ ފަރަގު ބޮޑު ނަތީޖާތަކެކެވެ. ވަރަށް ބޮޑު ތަފާތަކުން ލުބުނާގެ ޓީމު ބަލިވި ނަމަވެސް، އެއިން އެއްވެސް ކަމަކުން ލުބުނާގެ އަޒުމަކަށް ގުޑުމެއް ނޭރިއެވެ. ހިތްވަރު އެލުވާނުލައި، އެ ބަލިވުންތަކުން އިބުރަތް ހާސިލުކޮށް، ކުދިން ތަމްރީނުކުރުމުގައި އޭނާ ދެމިހުރީ ސާބިތުކަމާއެކުގައެވެ.
ހޭންޑްބޯޅަ އިތުރަށް ތަރައްގީކޮށް، މި ކުޅިވަރުގެ ބިންގާ ރަށުގައި ވަރުގަދަކުރުމުގެ މަގުސަދުގައި ލުބުނާގެ އިސްނެގުމާއެކު މީދޫ އަދި އަވަށްޓެރި ހުޅުދޫގެ ކުދިން އެއްކޮށް، މެދުކެނޑުމެއްނެތި ފަރިތަކުރުންތައް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް، ރަސްމީ ސިފައެއް ގެނައުމަށްޓަކައި "ލެވެންޑާސް" ގެ ނަމުގައި ޖަމްއިއްޔާއެއް ރަޖިސްޓްރީކޮށް، ކުދިން ބާރުވެރިކުރުވުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފެށިއެވެ. މިއީ މި ކުޅިވަރު މީދޫއާއި ހުޅުދޫގައި ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން މި ބުރަ މަސައްކަތުގެ ފޮނި މޭވާ ލިބިގެން މާ ގިނަ ދުވަސްތަކެއް ނުނެގިއެވެ.
މިގޮތުން މީދޫ ޑަބްލިއުޑީސީން އައްޑޫ ސިޓީއަށް ހުޅުވާލައިގެން މީދޫގައި ބޭއްވި ފޯރިގަދަ ހޭންޑްބޯޅަ މުބާރާތުގައި، މީދުން ވާދަކުރި ޓީމު މުޅި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ކުރިން ބޮޑެތި ތަފާތުތަކުން ބަލިވި ޓީމެއް، އެކަތިގަނޑަކަށްވެ، މުޅި އަތޮޅުގެ އެންމެ މޮޅު ޓީމުގެ ޝަރަފު ހޯދައިގަތުމަކީ ލުބުނާގެ ލީޑަޝިޕާއި ކެތްތެރިކަމަށް ލިބުނު ވަރަށް އަގުހުރި ކާމިޔާބީއެކެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން، މީދޫގައި އަންހެނުންގެ ކުޅިވަރު ކުރިއެރުވުމަށް ލުބުނާ ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތަށްޓަކައި އޭނާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން ޖެހެއެވެ. އެއްވެސް ފަސްޖެހުމެއްނެތި، އަމިއްލަ އިސްނެގުމުގައި ޒުވާނުންތަކެއް ބިނާކުރުމަށް އޭނާ ދެއްކި މިސާލަކީ އެންމެންނަށްވެސް ހުރި ފިލާވަޅެކެވެ. ވީމާ، މިފަދަ އަގުހުރި ޚިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކޮށް، މީދޫގެ ކަމާބެހޭ މުއައްސަސާތަކުންނާއި ވެރިންގެ ފަރާތުން ލުބުނާގެ މި މިންނެތް މަސައްކަތުގެ އަގުވަޒަންކުރުމަކީ ނުހަނު މުހިންމު އަދި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އޭރުން މިފަދަ އިތުރު ޒުވާނުން މުޖުތަމައު ބިނާކުރުމަށް ކުރިއަށް ނުކުތުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

