ރަށްރަށުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކާއި އެކިއެކި އިނާމުގެ ދިނުމުގެ ޙަފުލާތަކުގެ ޝެޑިއުލްތައް އެކުލަވައިލާއިރު، ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ މުއައްސަސާތަކުގެ އިސްވެރިންނަށް ތަފާތުކުރުމެއް ނެތި އިނާމު ދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރިވެތި އުޞޫލެކެވެ.
ކައުންސިލް އިދާރާތަކާއި، ސްކޫލްތަކާއި، ޞިއްޙީ މަރުކަޒުތައް އަދި ފުލުހުންނާއި ސިފައިންނާއި ބޭންކް ފަދަ ޚިދުމަތްތެރި މުއައްސަސާތަކުގެ ވެރިންނަށް ދަޢުވަތު ދެއްވައިގެން ގެންނަވާއިރު، އެ ބޭފުޅުން ބާކީނުކޮށް ޝަރަފުވެރިކަމާއެކު ބައިވެރިކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

މުބާރާތްތައް ނިންމުމުގެ ރަސްމިއްޔާތުތަކާއި އިނާމު ދިނުމުގެ ޖަލްސާތަކަކީ އެތައް ދުވަހެއްގެ ބުރަ މަސައްކަތަށްފަހު ވަރަށް ފުރިހަމަ ތައްޔާރީތަކަކާއެކު ކުރިއަށްގެންދެވޭ ޚާއްޞަ ޙަފުލާތަކެކެވެ. މިފަދަ ޖަލްސާތަކުގެ އެޖެންޑާ ނުވަތަ ޝެޑިއުލް އެކުލަވައިލުމުގެ މަސައްކަތް ޙަފުލާގެ އެތައް ދުވަހެއް ކުރިން ފެށިގެންދާއިރު، އެ ރަށެއްގައި ހުންނަ ސަރުކާރުގެ އަދި އަމިއްލަ އެކިއެކި މުއައްސަސާތަކުގެ ވެރިންނަށް ޚާއްޞަ ދަޢުވަތު ކާޑު ފޮނުއްވައެވެ. މިގޮތުން ޙާޟިރުވެވަޑައިގަންނަވާ އިސްވެރިންނަށް ޖަލްސާގެ ތެރެއިން ޙައްޤުވާ ޤަދަރާއި ޢިއްޒަތް އަރުވައި، ތައްޓާއި، މެޑެއްޔާއި އަދި ސެޓްފިކެޓް ޙަވާލުކުރުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ތަރުތީބުކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އިޖުތިމާޢީ ޙަރަކާތްތައް ހިންގާ ފަރާތްތަކުން ބަޔާންކުރެއެވެ. އެއްވެސް މުއައްސަސާއެއްގެ ވެރިޔަކު ބާކީނުވާނޭހެން އިންތިޒާމުތައް ހަމަޖެއްސުމަކީ އެ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ އިތުރުން ޖަލްސާގެ ފުރިހަމަކަން އިތުރުވެގެންދާނެ ކަމެކެވެ.
އާންމުގޮތެއްގައި ބައެއް ރަސްމިއްޔާތުތަކުގައި ފެނިގެންދަނީ ވަކި ޚާއްޞަ މަދު ބޭފުޅުންކޮޅަކަށް ތަކުރާރުކޮށް އިނާމު ދިނުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާ މަންޒަރެވެ. އޭގެ ސަބަބުން ޖަލްސާގެ ކުރީ ސަފުގައި ޝަރަފުވެރިކަމާއެކު ވަޑައިގެން ތިއްބަވާ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ހަމައެކަނި ތިއްބަވަން ޖެހިވަޑައިގަންނަވަނީ ބަލަން ތިއްބަވާ ބައެއްގެ ގޮތުގައެވެ. މިފަދަ މަންޒަރުތައް ބަދަލުކޮށް، ދުރާލައި ޝެޑިއުލް އެކުލަވައިލާއިރު އެންމެހައި ވެރިންގެ މެދުގައި ވަނަތަކާއި ހަނދާނީ ފިލާތައް ބަހާލެވިއްޖެނަމަ، އެކަމުގެ ސަބަބުން ދަޢުވަތު ޤަބޫލުކުރައްވައިގެން ވަޑައިގެންނެވި ބޭފުޅުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. މިއީ ވަކި މުއައްސަސާއެއްގެ ޤަދަރު އުފުލުމުގެ ބަދަލުގައި، ރަށުގެ ހުރިހާ ދާއިރާތަކެއްގެ މެދުގައި އޮންނަ އިޙްތިރާމް އިތުރުވެގެންދާނެ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ކޮންމެ މުއައްސަސާއަކީވެސް ރަށުގެ ތަރައްޤީއަށާއި މުޖުތަމަޢުގެ ލާބައަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަންތަނެވެ. އެހެންކަމުން މުބާރާތްތަކުގެ ނިންމުމުގެ ވަގުތަކީ އެކަންކަމުގެ އަގު ވަޒަންކޮށް، ގުޅުން ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުޞަތަކަށް ވާންޖެހެއެވެ. ޝެޑިއުލް ރާވާ މީހުން މިފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަކީ ކުރިމަގުގައި އެފަދަ އިވެންޓްތަކަށް ލިބޭ އެއްބާރުލުން އިތުރުވެގެންދާނެ ކަމެކެވެ. މިއީ އިޖުތިމާޢީ ގޮތުން ބަލާއިރުވެސް އެންމެ އެދެވިގެންވާ ރިވެތި އުޞޫލު ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ކުރިމަގުގައި މިފަދަ އިންތިޒާމުތައް ހަމަޖައްސާއިރު، އިވެންޓް މެނޭޖްކުރާ ކޮމިޓީތަކުން ޚާއްޞަ ޗެކްލިސްޓެއް އެކުލަވައިލުމަކީ ބޭނުންތެރި ކަމެކެވެ. ދަޢުވަތު ދެވޭ ވެރިންގެ ލިސްޓު ކުރީން ތައްޔާރުކޮށް، އެ ބޭފުޅުންނަށް އެރުވޭނެ ވަނަތައް ނުވަތަ ކެޓަގަރީތައް ކަނޑައަޅައި، ޖަލްސާގެ ކުރިން އެ މަޢުލޫމާތު އެ ބޭފުޅުންނާ ޙިއްޞާކުރެވިދާނެއެވެ. މިފަދައިން ކަންކަން ރޭވުމުން އެއްވެސް ވެރިޔަކު ބާކީނުވެ، ހުރިހާ ބޭފުޅުންނަށްވެސް އަމިއްލަ ނަފްސަށް އިޙްތިރާމް ލިބިގެންދިޔަކަމުގެ އިޙްސާސް ކުރެވި، ކުރިއަށް އޮންނަ ޙަރަކާތްތަކަށް ލިބޭ އެއްބާރުލުން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. މިއީ މުޖުތަމަޢުގެ ބަދަހިކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެޅޭނެ ވަރަށް ބިނާކުރަނިވި ފިޔަވަޅެކެވެ.
ނޯޓް: އިޚްލާސްތެރިކަމާއެކު ދަންނަވަން : މިއުލަކީ ވަކިފަރާތަކަށް ނިސްބަތްކޮށްފައިވާ ލިއުމެއް ނޫން – މިއީ ލިއުމުގައިވާގޮތައް ކަންތައްތައް ކުރުމަކީ ރަގަޅުގޮތެއްކަމުގައި ފެންނާތީ ލިއުނު ލިއުމެއް- ޚިޔާލަކީ ތަފާތު އެއްޗެއް -
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

