އައްޑޫމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްދާ ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް މީދޫ ފެލްކަންއާއި ހިތަދޫ މައިލޯ ސިޓީ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.
މީދޫ ފެލަކަން ޓީމު މިމުބާރާތުގެ ފައިނަލަށް ހޮވުނީ މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗުގައި މިމަހުގެ 26 ވަނަ ދުވަހުގެރޭ ފޭދޫ ޗެލެންޖާސްއާ ދެކޮޅަށް ކުޅެ، 18-7 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ފެލްކަން ޓީމުގެ ހައްވާ ސައުސަންއެވެ.

ހިތަދޫ މައިލޯސިޓީ ސްޕޯޓްސް ފައިނަލަށް ހޮވުނީ މިމުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗުގައި މިމަހުގެ 26 ވަނަ ދުވަހުގެރޭ ހުޅުދޫ ހުވަގު ޓީމާ ދެކޮޅަށް ވާދަވެރި ކުޅުމެއް ކުޅެ، 12-10 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކީ މައިލޯ ސިޓީގެ މަރިޔަމް ސުހާއެވެ.

މިމެޗުން ހުވަގު ޓީމަށް ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، އެ ޓީމުން ވަނީ މެޗުގައި ވަރަށް ވާދަވެރި ކުޅުމެއް ދައްކާފައެވެ. މެޗުގެ ގިނަ ވަގުތު ލީޑުގައި އޮތީ ހުވަގު ޓީމެވެ. މައިލޯ ސިޓީން މެޗުގެ ކުރި ހޯދާފައިވަނީ އެންމެ ފަހުގެ 7 މިނިޓް ތެރޭގައެވެ.
ހުވަގު ޓީމަށް މިމެޗުގައި ލިބުނު ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެއްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރަށް، މައިލޯ ސިޓީ ޓީމުގެ ކުޅުންތެރިޔަކަށް ރަތްކާޑު ދައްކައި 2 މިނިޓަށް ދަނޑުން ބޭރުކުރުމުންވެސް، އެ ފުރުސަތުގެ ބޭނުން ހިފައިގެން މެޗުގެ ނަތީޖާ ބަދަލުކުރުމަށް ހުވަގު ޓީމުގެ ކުޅުންތެރީންނަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނެވެ.
ރޭގެ މެޗު ބެލި ބައެއް ކޯޗުން ހާމަކުރެއްވި ގޮތުގައި، ހުވަގު ޓީމުގައި ހުރި އިސްކޮޅުން ދިގު ކުޅުންތެރިޔާގެ ފުރިހަމަ ބޭނުން ކުރެވުނުނަމަ، މިމެޗު އެޓީމަށް ކާމިޔާބު ކުރެވުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރިއެވެ.
މިމުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ 2026 އޮކްޓޯބަރު 28 ވާ ބުދަ ދުވަހުގެ ރޭ މީދޫ ފުޓްސަލް ޓާފް ދަނޑުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

