އައްޑޫމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ ހޭންޑްބޯލް މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެއެވެ.
މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މީދޫ ފެލްކަން ޓީމާ ފޭދޫ ކްލަބް ޗެލެންޖާސްއެވެ. މިރޭ 20:15 ގައި ފަށާ މިމެޗްގައި ބައްދަލުކުރާ ދެޓީމްގެ ތެރެއިން މީދޫ ފެލްކަން ޓީމް ސެމީފައިނަލަށް ހޮވުނީ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ފޭދޫ ޗެލެންޖާސް ސެމީފައިނަލަށް ހޮވުނީ ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

މިރޭ 21:45 ގައި ފެށުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ހުޅުދޫ ހުވަގު ޓީމާ ހިތަދޫ މައިލޯ ސްޕޯޓްސް ކްލަބެވެ. މިދެޓީމްގެ ތެރެއިން ހިތަދޫ މައިލޯ ސްޕޯޓްސް ކްލަބް ސެމީފައިނަލަށް ހޮވުނީ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހުޅުދޫ ހުވަގު ޓީމް ސެމީފައިނަލަށް ހޮވުނީ ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

މިމުބާރާތުގައި ރޭވެސް ދެމެޗް ކުޅެވުނެވެ. މިގޮތުން ފޭދޫ ކްލަބް ޗެލެންޖާސްއާއި މީދޫ ލެވަންޑަރ ބައްދަލުކުރި މެޗް 19-4 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ފޭދޫ ކްލަބް ޗެލެންޖާސްއެވެ. މިމެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ފޭދޫ ޗެލެންޖާސްގެ ޒަހުވަތު އަހުމަދެވެ.
ރޭ ކުޅެވުނު އަނެއްމެޗްގައި ހުޅުދޫ ހުވަގު ޓީމާ ފޭދޫ ސީނު ސްޕޯޓްސް ބައްދަލުކުރި މެޗް ވާދަވެރި ކުޅުމަކަށްފަހު 13-11 އިން ކާމިޔާބުކުރީ ހުޅުދޫ ހުވަގު ޓީމެވެ. މިމެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ހުޅުދޫ ހުވަގު ޓީމްގެ މަރިޔަމް ޒަހާއެވެ.
މިމުބާރާތް ކުރިއަށްދަނީ މީދޫ ފުޓްސަލް ޓާފް ދަނޑުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

