ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަމްބަރުތަކަށް ޕޭޕަލްގެ ހިދުމަތް ލިބޭނެ ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީ، ޕޭޕަލް ކުންފުންޏާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ނިންމައި އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދިޔުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ނިޔާޒް ވިދާޅުވީ އުރީދޫން މިހާރު ތައާރަފް ކުރަން މަސައްކަތް ކުރަމުންދާ ޕޭޕަލްގެ ހިދުމަތަކީ އެމްފައިސާ ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ހިދުމަތެއް ކަމަށެވެ. އަދި އެމްފައިސާއަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ ވޮލެޓަކަށް ވާތީ، ކޮންމެ ސާވިސް ޕްރޮވައިޑަރެއްގެ ނަމްބަރެއް ގެންގުޅުނު ނަމަވެސް އެމްފައިސާ ވޮލެޓެއް ހެދުމަށްފަހު ޕޭޕަލްގެ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރަން އުރީދޫން ނިންމިއިރު، އެކަމަށްޓަކައި ނަގަންޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ބުދަ ދުވަހު ވަނީ އުރީދޫއަށް ދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

