ދިވެހިރާއްޖޭގެ މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްގެ ފަރާތުން އައްޑޫ މީދޫ ކައުންސިލްގެ ނާސަރީއަށް ބޭނުންވާ ޒަމާނީ އެއަރ ފައިބަރ ޑިވައިސް އަދި ގަސްއިންދުމާއި ބެލެހެއްޓުމަށް ބޭނުންވާ ޚާއްޞަ ޓޫލްކިޓްތަކެއް ހަދިޔާކޮށްފިއެވެ.

މި ތަކެތި ރަސްމީކޮށް ހަވާލުކޮށްފައިވަނީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން އޮކްޓޯބަރ 16 ވަނަ ދުވަހުގެރޭ މީދޫގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
މި އެހީގެ މައިގަނޑު މަޤްޞަދަކީ މީދޫގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ނާސަރީގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާ އެކު ފުޅާކުރުމަށް އެއްބާރުލުން ދިނުމެވެ. އެގޮތުން އުރީދޫން ހަދިޔާކުރި އެއަރ ފައިބަރ ޑިވައިސްގެ ސަބަބުން ނާސަރީގެ ޑިޖިޓަލް މަސައްކަތްތަކަށާއި މުވާޞަލާތީ ކަންކަމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން އޮކްޓޯބަރ 16 ވަނަ ދުވަހުގެރޭ މީދޫގައި ބޭއްވި ކުލަގަދަ ޖަލްސާގައި ދަޢުލަތުގެ މުހިންމު ފަރާތްތަކަކުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙްމާން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިނާން ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ އިސް ބޭފުޅުން ވެސް މި ޖަލްސާގައި ޝަރަފުވެރިކަމާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ މެދުގައި އޮތް ގުޅުން ރަމްޒުކޮށްދޭ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކައުންސިލްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރު އާއި، ރ. އަލިފުށީ ކައުންސިލްގެ ރައީސްގެ އިތުރުން ލ. ގަމު ކައުންސިލްގެ ބައެއް މެމްބަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ގދ. ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ މީދޫ ކައުންސިލުން ވަނީ ދަނޑުވެރިކަމުގެ މިފަދަ މުހިންމު މުނާސަބަތެއްގައި އުރީދޫގެ ފަރާތުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ. އަދި މި އެހީގެ ސަބަބުން ރަށުގެ ދަނޑުވެރިކަން ކުރިއެރުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

