ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލާ ދެމެދު މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި، ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި އޮކްޓޯބަރ 16 ވަނަ ދުވަހުގެރޭ ބޭއްވުނު ޚާއްޞަ ރަސްމީ ޖަލްސާގެ ތެރެއިންނެވެ.
މި ޖަލްސާގައި ދެފަރާތުގެ ދެމެދުގައި ސޮއިކުރެވުނު މުހިންމު ތިން އެއްބަސްވުމަކީ:
މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ޤާއިމުކުރުމުގެ އެއްބަސްވުން:
މި އެއްބަސްވުމުގެ ދަށުން، ރުއްގަހަށް ޖެހޭ ބަލިތަކާއި، ކާބަފަދަ ސޫފިތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދެނެގަނެ، އެކަންކަމަށް ޢިލްމީ އަދި ޢަމަލީ ޙައްލުތައް ހޯދުމަށްޓަކައި ޚާއްޞަ ލެބޯޓްރީއެއް މީދޫގައި ޤާއިމުކުރެވޭނެއެވެ. މިއީ ދިވެހި ރުއްތައް ހިމާޔަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމުގެ އެއްބަސްވުން:
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހި އަދި މޫސުމަށް އަންނަ ބަދަލުތަކުން ދަނޑުވެރިކަމަށް ކުރާ އަސަރު ކުޑަކުރެވޭނެ ފަދަ ގޮތަކަށް ދަނޑުވެރިކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން، މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ފޯރުކޮށްދިނުމަށް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.
މީދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ޤާއިމުކުރުމުގެ އެއްބަސްވުން:
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ވުޒާރާއާއި ކައުންސިލް ގުޅިގެން މީދޫގައި "އެގްރޯފޮރެސްޓްރީ" ނުވަތަ ޖަންގައްޔާއި ދަނޑުވެރިކަން އެކުލެވޭ ނިޒާމެއްގެ ދަށުން ދަނޑެއް ޤާއިމުކުރުމެވެ. މިކަމުގެ ސަބަބުން ބިމުގެ ފަސްގަނޑު މުއްސަނދިވެ، ދެމެހެއްޓެނިވި ގޮތެއްގައި ގަސްގަހާގެހި ހެއްދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި އެއްބަސްވުންތަކަކީ އައްޑޫ މީދޫގެ އިޤްތިޞާދީ ކުރިއެރުމަށާއި، ދަނޑުވެރިކަމުގެ ސިނާޢަތް އައު އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ. އަދި މީގެ ސަބަބުން ރަށުގެ ދަނޑުވެރިންނަށް ޒަމާނީ ވަސީލަތްތަކާއެކު އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑެތި ފުރުޞަތުތަކެއް ހުޅވިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

