އަންނަ ފެބްރުއަރީ 12 ގައި ބަންގްލަދޭޝްގެ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހްމާން 17 އަހަރު ފުރިފައިވަނިކޮށް ގައުމަށް އެނބުރި ވަޑައިގެންފިއެވެ. ލަންޑަންގައި ދިރިއުޅުއްވަމުން ގެންދެވި ތާރިގް ގައުމަށް ވަޑައިގަތުމާއެކު ޑާކާގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސަޕޯޓަރުން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
ތާރިގް 2007 ވަނަ އަހަރު ބަންގްލަދޭޝް ދޫކުރައްވައި ލަންޑަނަށް ދިރިއުޅުން ބަދަލުކުރެއްވީ އެވަގުތު ވެރިކަމުގައި ހުންނެވި ޝައިޚް ހަސީނާގެ ސަރުކާރުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގއާއި ހަސީނާ އަވަހާރަކޮށްލަން ރޭވިކަން ހިމެނޭގޮތުން ގިނަ ދައުވާތަކެއް އުފުލުމުންނެވެ. ތާރިގް އިންކާރު ކުރެއްވި މިދައުވާތައް ކޯޓުން ބެލީ އޭނާގެ ޣައިރު ހާޒިރުގައެވެ. ކޯޓުން ވަނީ ތާރިގްގެ މައްޗަށް ހުކުމް އިއްވާފައެވެ. ނަމަވެސް މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވެއްޓުމާއެކު އެންމެ މަތީ ކޯޓުން މިހުކުމްތައް ވަނީ ބާތިލްކޮށްފައެވެ.
17 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު މުޅިން ބަދަލުވެއްޖެއެވެ. ހަސީނާގެ ޕާޓީ މަނާޕާޓީއަކަށްވެ، އެކަމަނާގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، އޭނާގެ ގެދޮރާއި މިލްކިއްޔާތު ވަނީ ފުނޑާލާފައެވެ. އަނެއްކޮޅުން ތާރިގްގެ މަންމާފުޅު ޚާލިދާ ޒިޔާ މުސްކުޅި ބައްޔާއި އެހެނިހެން ބަލިތަކުގެ ޝިކާރައަކަށްވެ ތެދުވެ ނޫޅެވޭވަރަށް ބަލިވެފައިވާއިރު، އެކަމަނާ ހަސީނާގެ ވެރިކަމުގައި ހަތް އަހަރަށް ވުރެ ދިގު މުއްދަތެއް ޖަލުގައި އޮންނަން ޖެހިވަޑައިގެންފައިވެއެވެ.
ޚާލިދާ އަދި އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައި ނުވާއިރު، ރިޕޯޓްތަކުން ބުނާގޮތުގައި ބީއެންޕީން ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނީ ތާރިގެވެ. އެކަން އަންނަ ޖަނަވަރީގައި އެޕާޓީން އިއުލާން ކުރާނެކަމަށް ބެލެވެއެވެ. ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާގޮތުގައި ކުރިޔަށް އޮތް އިންތިޚާބުގައި ކާމިޔާބު ކުރާނީ ބީއެންޕީއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

