"ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. އަހަރެމެން މިއަށްވުރެ ރަނގަޅު ކުޅުމަކަށް އުންމީދުކުރިން،" މެޗު ނިމުމުން ޔުނައިޓެޑްގެ ސަޕޯޓަރުން ނުރުހުން ފާޅުކުރި ކުރުމުން، އެމީހުންވެސް އެދެނީ މިއަށްވުރެ ރަނގަޅު ނަތީޖާއަކަށްކަން ސާފު”
ވުލްވްސްގެ ދަނޑުގައި ކުޅެ 1-1 އިން އެއްވަރުވެ، މާޔޫސްކުރުވަނިވި ނަތީޖާއަކާ ކުރިމަތިލާން ޖެހުމުން މެންޗެސްޓަރ ޔުނައިޓެޑްގެ ވަގުތީ ކެޕްޓަން ލިސަންޑްރޯ މާޓިނޭޒް، މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޓީމުގެ މިހާރުގެ ހާލަތު ސިފަކޮށްދިނެވެ.
ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ކުރިމަތިލިއިރު ވުލްވްސް އޮތީ ލީގުގައި ޖެހިޖެހިގެން 11 މެޗުން ބަލިވެފައެވެ. އޮކްޓޯބަރު މަހަށްފަހު ރޭ އެޓީމަށް ފުރަތަމަ ޕޮއިންޓް ލިބުނު ނަމަވެސް، ޕްރިމިއާ ލީގުގެ ތާރީޚުގައި ފެނުނު އެންމެ ދަށް ޓީމު ކަމަށްވާ ޑާބީ ކައުންޓީގެ ރެކޯޑާ އަޅާބަލާއިރު ވުލްވްސްގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
ރޭ ކުޅެވުނު މިމެޗްގައި ލަނޑު ޖަހާނެ ފުރުސަތުތައް އުފެއްދުމަށް ޔުނައިޓެޑަށް ދަތިތަކެއް ކުރިމަތިވުމުން، ސަޕޯޓަރުން ދިޔައީ "އެޓޭކް، އެޓޭކް، އެޓޭކް" އޭ ބުނެ އަޑުގަދަކުރަމުންނެވެ.
މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް، ޔުނައިޓެޑްގެ ރޫބެން އަމޮރިމް، ސެންޓްރަލް ޑިފެންޑަރު އައިޑެން ހެވަންގެ ބަދަލުގައި އަނެއްކާވެސް ޑިފެންޑަރެއް ކަމަށްވާ ލެނީ ޔޮރޯ ކުޅެން އެރުވުމަކީ ސަޕޯޓަރުން ހައިރާންވި ކަމެކެވެ. ބެންޗުގައި ޒުވާން އަދި ހުނަރުވެރި ފޯވާޑުން ކަމަށްވާ ޗިޑޯ އޯބީ އާއި ޝެއާ ލޭސީ ތިބި ނަމަވެސް، ކޯޗް އެ ކުޅުންތެރިންނަށް ފުރުސަތެއް ނުދިނެވެ.
ފަހަކަށް އައިސް ޔުނައިޓެޑްގެ ފަރާތުން ފެންނަނީ ހިތްހަމަނުޖެހޭ ފަދަ ނަތީޖާތަކެކެވެ. 10 ކުޅުންތެރިންނާއެކު ކުޅުނު އެވަޓަން އަތުން ބަލިވުމާއި، ތާވަލުގެ ފުލުގައި އޮތް ވެސްޓް ހަމް އަތުން މޮޅުނުވުމުގެ އިތުރުން، ބޯންމައުތު އަތުން ހަތަރު ގޯލު ވަނުމަކީ ޓީމުގެ ހާލަތު އޮތް ގޮތް ހާމަކޮށްދޭ ކަންކަމެވެ. ބޮކްސިންގް ޑޭގައި ނިއުކާސަލް އަތުން މޮޅުވި ނަމަވެސް، ވުލްވްސް މެޗުގެ ނަތީޖާއާއެކު އަނެއްކާވެސް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް 2025 ވަނަ އަހަރު ޔުނައިޓެޑުން ނިންމާލީ ލީގު ތާވަލުގެ 6 ވަނައިގައި އޮވެއެވެ. ޗެލްސީއާ އެއްވަރަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ފަހަތުގައި އޮތީ ހަމައެކަނި ގޯލުގެ ތަފާތުންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އުންމީދު ކުރެވިދާނެ މަގާމެކެވެ.
އާ އަހަރާ ކުރިމަތިލާއިރު ޓީމާ މެދު ކުރެވޭ އިހުސާސްތަކާ ބެހޭގޮތުން ސުވާލުކުރުމުން އަމޮރިމް ބުނީ، "އަހަރެންގެ ވަރަށް ބޮޑު އިތުބާރެއް އެބައޮތް. އަހަރެމެންނަށް ބޭނުންވަނީ އަނިޔާގައި ތިބި ކުޅުންތެރިން ފިޓްވެގެން އެނބުރި އައުން،" ކަމަށެވެ.
މީގެ އިތުރުން ސީޒަން ނިމުމުން މުޅި ޓީމުގެ ކަންކަން މުރާޖާކުރާނެ ކަމަށާއި، ހުރިހާ ކުޅުންތެރިން ހަމަވުމުން ޔުނައިޓެޑަކީ ވަރުގަދަ ޓީމަކަށް ވާނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށްވެސް އޭނާ ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

