އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
ސްޓެމްފޯޑް ބްރިޖުގައި ޗެލްސީ އާއި ބޯންމައުތު ބައްދަލުކުރި ފޯރިގަދަ މިމެޗު 2-2 އިން އެއްވަރުވިއިރު، މެންޗެސްޓަރ ސިޓީއަށް ބަދަލުވާނެ ކަމަށް ބެލެވޭ ސެމެންޔޯގެ ހުށިޔާރުކަން މި މެޗުން ފެނިގެންދިޔައެވެ.
65 މިލިއަން ފައުންޑްގެ އަގަކަށް ސިޓީއަށް ބަދަލުވުމުގެ މަޝްވަރާތައް ކުރިއަށްދާ 25 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ބޯންމައުތުން ޖެހި ދެ ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ.
މެޗުގެ ހަވަނަ މިނެޓުގައި ސެމެންޔޯ ފޮނުވާލި ދުރު އެއްލުމަކުން (ލޯންގް ތްރޯ-އިން) ލިބުނު ފުރުސަތެއްގައި ޑޭވިޑް ބްރޫކްސް ވަނީ ގޯލުގެ ކައިރިން ބޯޅަ ގޯލަށް ފޮނުވާލައި ބޯންމައުތަށް ކުރިހޯދައިދީފައެވެ.
ނަމަވެސް، މެޗްގެ 15 ވަނަ މިނެޓުގައި ބޯންމައުތުގެ އޭރިއާ ތެރެއިން ސެމެންޔޯ، ޗެލްސީގެ އެސްޓެވާއޯ ވިލިއަންއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ޗެލްސީއަށް ޕެނަލްޓީއެއް ދީފައެވެ. ކޯލް ޕާމާ މި ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއިރު، އޭގެ އިރުކޮޅެއް ފަހުން އެންޒޯ ފެނާންޑޭޒް ޖެހި ލަނޑާއެކު ޗެލްސީން 2-1 އިން ލީޑު ނެގިއެވެ.
ޗެލްސީގެ މި ލީޑު ދެމެހެއްޓުނީ އެންމެ ހަތަރު މިނެޓުވަންދެނެވެ. އަނެއްކާވެސް ސެމެންޔޯ އެއްލި ދުރު ބޯޅައެއްގެ އެހީގައި ޖަސްޓިން ކްލައިވަޓް ވަނީ ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން މެޗްގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފުގައި ބޯންމައުތުން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި 14 ހަމަލާއެއް ފޮނުވާލައި މޮޅު ކުޅުމެއް ދައްކާފައެވެ.
ދެވަނަ ހާފުގައި ޗެލްސީގެ ކޯޗު އެންޒޯ ޓިމަށް ބަދަލުތަކެއް ގެނައި ނަމަވެސް، ބޯންމައުތުގެ ދިފާއީ ފާރު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ 77 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވިއިރު، މެޗުގެ ފަހުކޮޅު ޕާމާގެ ބަދަލުގައި ޔާއޯ ޕެޑްރޯ ކުޅެން އެރުވުމުން ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގައި ބޯންމައުތުގެ އެނެސް އުނާލްއަށް މެޗުން މޮޅުވާން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.
މި ނަތީޖާއާއެކު ޗެލްސީއަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ މެޗަކުންކަން ފާހަގަކުރެވިފައެވެ. އަދި ބޯންމައުތުން އެންމެ ފަހުން ކުޅުނު 10 މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

