1997 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު 'ބޯޑަރ' އަކީ އިންޑިއާގެ ސިނަމާގައި ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ އަސަރުތަކެއް ދޫކޮށްލި ފިލްމެކެވެ. އެ ފިލްމާ އެއްފެންވަރަކަށް ތައްޔާރުކޮށްފައިވާ 'ބޯޑަރ 2' އަކީ ވެސް ހަމަ އެފަދަ ފުރިހަމަ، އަދި ބަލާލަން ރީތި ހަނގުރާމަވެރި ފިލްމެކެވެ.
ފިލްމުގެ މައިގަނޑު ވާހަކަމި ފިލްމު ބިނާވެފައިވަނީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ތާރީޚީ ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ސިފައިން ދެއްކި ހިތްވަރުގަދަ ޖިހާދުގެ މައްޗަށެވެ. ފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައި ފެންނަނީ ސަނީ ޑިއޯލް، ވަރުން ދަވަން، ދިލްޖީތު ދޯސާންޖް އަދި އަހާން ޝެޓީ އެވެ.
ފިލްމުގެ ވާހަކަ ފެށިގެން އަންނަނީ އިންޑިއާގެ ވައިގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ނިރްމަލް ޖީތު ސިންގް (ދިލްޖީތު) ގެ ކައިވެނީގެ އުފާވެރި މަންޒަރުތަކުންނެވެ. މި ކައިވެނީގެ ޙަފްލާގައި އޭނާގެ ގާތް ދެ އެކުވެރިން ކަމަށްވާ މޭޖަރ ހޯޝިއާރު ސިންގް (ވަރުން) އަދި ލެފްޓިނަންޓް ކޮމާންޑަރު މަހެންދުރަ (އަހާން) ބައިވެރިވެއެވެ. ނަމަވެސް ބޯޑަރުގެ ހާލަތު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން، ކައިވެނީގެ އުފާވެރިކަން ދޫކޮށް މި ތިން އެކުވެރިންނަށް ޖެހެނީ ވަގުތުން ގައުމީ ވާޖިބަށް ނުކުންނާށެވެ. އެމީހުންގެ ޓްރެއިނަރު ލެފްޓިނަންޓް ކާނަލް ފާތިހް ސިންގް (ސަނީ ޑިއޯލް) ގެ އިރުޝާދުގެ ދަށުން، މަދު ސިފައިންކޮޅަކާއެކު ދުޝްމަނުންގެ ބޮޑު ލަޝްކަރަކާ ކުރިމަތިލާން ޖެހޭ މަންޒަރުތަކަކީ ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ މަންޒަރުތަކެކެވެ.
ޑައިރެކްޝަނާއި މަންޒަރުތައްޑައިރެކްޓަރު އަނޫރާގް ސިންގްގެ މަސައްކަތް މި ފިލްމުގައި ވަރަށް ފުރިހަމައެވެ. ފިލްމުގެ ހަނގުރާމައިގެ މަންޒަރުތަކަކީ ބަލާލަން ފަސޭހަ އަދި އެހާމެ އަސަރުގަދަ މަންޒަރުތަކެކެވެ. ޚާއްޞަކޮށް ފިލްމުގެ އިންޓަވަލް އާއި ފަހު 15 މިނެޓަކީ ބެލުންތެރިންގެ ޝުއޫރުތައް ވަރަށް ބޮޑަށް ކުޅެލާނެ ވަގުތުކޮޅެކެވެ. ފިލްމުގައި ހަމައެކަނި ހަނގުރާމައިގެ އިތުރުން، ލޯތްބާއި، މަޖާ މަންޒަރުތަކާއި، އަދި އާއިލީ ގުޅުންތައް ވެސް ވަރަށް ފުރިހަމައަށް ރީތިކޮށް ގެނެސްދީފައިވެއެވެ.
އެކްޓިންގް އަދި ފަންނީ މަސައްކަތްއެކްޓަރުންގެ ހުނަރަށް ބަލާއިރު، ސަނީ ޑިއޯލް އަދިވެސް ހުރީ އޭނާގެ އެންމެ ވަރުގަދަ ފޯމުގައެވެ. އޭނާގެ އަޑާއި ހަރަކާތްތަކުން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ވަރުން ދަވަން އާއި ދިލްޖީތު ދޯސާންޖްގެ އެކްޓިންގް އަށް ވެސް ވަރަށް ބޮޑަށް ތައުރީފު ހައްގެވެ. ނަމަވެސް، ފިލްމުގެ ބައެއް މަންޒަރުތަކުގެ ވީއެފްއެކްސް (VFX) ކުޑަކޮށް ދަށްކޮށް ހުރިކަން ފާހަގަކުރެވެއެވެ. އަދި ފިލްމުގެ ދިގުމިނުގެ ސަބަބުން ބައެއް ފަހަރު ބެލުންތެރިން ފޫހިވާ ގޮތްވީ ނަމަވެސް، މިއީ ޖުމްލަގޮތެއްގައި ކޮންމެހެން ބަލާލަންޖެހޭ ފަދަ ވަރުގަދަ ފިލްމެކެވެ.
މި ފިލްމަކީ ގައުމީ ލޯތްބާއި، ރަހުމަތްތެރިކަމުގެ ބަދަހި ގުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހިތްގައިމު އުފެއްދުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

