އައްޑޫ މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ ހޭންޑްބޯލް މުބާރާތް މިރޭ މީދޫގައި ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެއެވެ.
މީދޫ ފުޓްސަލް ޓާފް ދަނޑުގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 6 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މިގޮތުން ގްރޫޕް އޭ ގައި ހިމެނެނީ މީދޫއަށް ނިސްބަތްވާ ފެލްކަން، ފޭދޫގެ ޓީމެއް ކަމަށްވާ ސީނު ސްޕޯޓްސް އަދި ހުޅުދޫގެ ޓީމް ހުވަގެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ފޭދޫގެ ކްލަބް ޗެލެންޖާސް، ހިތަދޫއަށް ނިސްބަތްވާ މައިލޯ ސިޓީ ސްޕޯޓްސް އަދި މީދޫގެ ލެވެންޑާސްއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި ރޭގަނޑު 20:15 ގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ ހުޅުދޫ ޓީމް ހުވަގާއި މީދޫ ފެލްކަން އެވެ. އަދި މިރޭ ކުޅެވޭ ފޯރިގަދަ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީ ގެ ހިތަދޫ މައިލޯ ސިޓީ ސްޕޯޓްސް އާއި ފޭދޫ ކްލަބް ޗެލެންޖާސް އެވެ.
މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މެޗުތައް ބަލާލުމަށާއި، ބައިވެރިވާ އެކި ރަށްރަށުގެ ޓީމުތަކަށާއި ކުޅުންތެރިންނަށް ހިތްވަރުދީ ސަޕޯޓްކުރުމަށް ވީހާވެސް ގިނަ ފަރާތްތަކަކުން މީދޫ ފުޓްސަލް ޓާފް ދަނޑަށް ދުރުވެދެއްވުމަކީ މީދޫ ޑަބްލިއުޑީސީގެ ވަރަށް ބޮޑު އެދުމެކެވެ. މިއީ އައްޑޫ ސިޓީގެ އަންހެން ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މުހިންމު މުބާރާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

