އެމިރޭޓްސް ސްޓޭޑިއަމްގައި އެސްޓަން ވިލާގެ މައްޗަށް ކުރިހޯދައި، އާސެނަލްއިން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާއެކު މި އަހަރު ނިންމާލައިފިއެވެ.
ރޭ އެސްޓަންވިލާއާއި އާސެނަލް ބައްދަލުކުރި މިމެޗުގެ ދެވަނަ ހާފުގައި އާސެނަލްއިން ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ގޯލު 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޮވެމްބަރު މަހު ލިބުނު އަނިޔާއަށްފަހު އަލުން ކުޅެން ފެށި ސެންޓަރ ބެކް ގަބްރިއެލް މަގަލްހޭސްއެވެ. ކޯނަރަކުން ލިބުނު ފުރުސަތެއްގައި އޭނާ ބޯޅަ ގޯލަށް ވައްދާލިއިރު، ވިލާގެ ގޯލްކީޕަރު އެމީ މާޓިނޭޒްއަށް ފައުލްކުރި ކަމަށް ބުނެ އެ ޓީމުން މައްސަލަ ޖެއްސި ނަމަވެސް ރެފްރީ ނިންމީ އެއީ ސައްހަ ގޯލެއް ކަމަށެވެ.
އާސެނަލްގެ ދެވަނަ ގޯލަކީ ކެޕްޓަން މާޓިން އޯޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން މާޓިން ޒުބިމެންޑީ ކާމިޔާބުކުރި ގޯލެކެވެ.
އާސެނަލްގެ ތިންވަނަ ގޯލު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ލެއަންޑްރޯ ޓްރޮސާޑް ކާމިޔާބުކުރިއިރު، މި ގޯލު ރަގަޅު ކަމަށް ރެފްރީ ނިންމީ ވީއޭއާރުން ވަރަށް ބޮޑަށް ޗެކްކުރުމަށްފަހުއެވެ.
އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަބްރިއެލް ޖީސަސް ވަނީ އޭރިއާ ބޭރުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް، ދީފައެވެ.
އެސްޓަން ވިލާގެ ހަމައެކަނި ގޯލު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އޮލީ ވަޓްކިންސްއެވެ.
މެޗަށްފަހު ވިލާގެ ކޯޗު އުނާއި އެމެރީ، އާސެނަލްގެ ކޯޗު މިކެލް އާޓެޓާއާ ސަލާމްނުކޮށް ދަނޑުން ފޭބި ނަމަވެސް، ފަހުން ދެ ކޯޗުންވެސް ވަނީ އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ބުނެފައެވެ. މި މެޗަށް ނިކުތްއިރު ވިލާ އޮތީ ބަލިނުވެ 11 މެޗު ހަމަކޮށްފައެވެ. ނަމަވެސް މެޓީ ކޭޝް އާއި ބޫބަކާ ކަމާރާ ފަދަ މުހިންމު ކުޅުންތެރިން ސަސްޕެންޝަންގައި ތިބުމުން އެމެރީގެ ރޭވުންތައް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު އާސެނަލް މިހާރު އޮތީ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ ފަސް ޕޮއިންޓު ކުރީގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

