އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކަކާއި، އީރާނުގެ ކައިވެނި ހަފުލާއަކަށް އަމާޒުވި ހަމަލާއެއްގައި ހަތަރު މީހުން މަރުވުމާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވެ، އީރާނުން ބުދަ ދުވަހު މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކުގައި، އުރުދުން، ޔޫއޭއީ، ކުވެއިތު، ބަހްރެއިން އަދި އިރާގުގެ އުތުރުގެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވަނީ ހަމަލާދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން އިންޒާރު ދެއްވާފައިވަނީ، އެމެރިކާގެ ހަމަލާތަކަށް އީރާނުން ރައްދު ދީފިނަމަ، މިއަށްވުރެ "ވަރުގަދަ އަދި މަތީ ފެންވަރުގެ" ހަމަލާތަކެއް ދޭނެ ކަމަށެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތަކުގައި 18 މީހުން ވަނީ މަރުވެފައެވެ.
މި ހަމަލާތަކާއެކު ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ތެޔޮ އެކްސްޕޯޓްކުރާ މައި މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ދަމަހައްޓަމުންދާއިރު، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އީރާނުގެ ރެޑް ކްރެސެންޓުން އަންގާރަ ދުވަހު ބުނި ގޮތުގައި، އީރާނުގެ ދެކުނުގައި ބޭއްވި ކައިވެނި ހަފުލާއަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ހަތަރު މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އީރާނު ސަރުކާރުގެ އެކައުންޓަކުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ސިރީކްގައި ހުރި އެ ހަފުލާ ބޭއްވި ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީހުން ހަޅޭއްލަވާ އަޑު ބެކްގްރައުންޑުން އިވެއެވެ.
އީރާނުގެ އިސް މަންދޫބު މުޙައްމަދު ބާގިރު ޤާލީބާފް އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އެއީ "ޝައިތާނެއް" ކަމަށް ސިފަކުރެއްވިއެވެ. "ބާރަކުން ޝައިތާނެއް ފަދައިން އަމަލުކޮށް، ޝައިތާނެއް ފަދައިން އަމާޒުތައް ހޮވައި، ޝައިތާނެއް ފަދައިން މީހުން މަރާނަމަ، އެއީ ޝައިތާނެއް. އަދި ހަމަ އެފަދައިން އަމަލުކުރާ ކުޑަ ޝައިތާނަކަށް ހިމާޔަތްދޭނަމަ، އެއީ 'ބޮޑު ޝައިތާނާ،
" އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ކައިވެނި ހަފުލާއަށް ދިން ހަމަލާއާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް ގެ ތަރުޖަމާނު ޓިމް ހޯކިންސް ވިދާޅުވީ، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ޚިލާފަށް އެމެރިކާގެ އަސްކަރިއްޔާއިން ދުވަހަކުވެސް އާންމުންނަށް އަމާޒުކޮށް ހަމަލާނުދޭނެ ކަމަށެވެ.
'ވަރުގަދަ އަދި ބާރުގަދަ'މި ފަހުގެ ކުރިމަތިލުންތައް ފެށުނީ އާދީއްތަ ދުވަހު ވޮޝިންގޓަނުން އީރާނުގެ އަމާޒުތަކަށް ދިން ހަމަލާތަކުންނެވެ. މިއީ ފާއިތުވި ހަފުތާތަކެއްގެ ތެރޭގައި އެމެރިކާއިން ދިން ފުރަތަމަ ހަމަލާތަކެވެ. އޭގެ ރައްދުގައި ތެހެރާނުގެ ސިފައިން ވަނީ އުރުދުންއާއި ޔޫއޭއީގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައެވެ. އަދި ދެ ތެޔޮ ޓޭންކަރަކަށްވެސް ވަނީ ހަމަލާދީފައެވެ.
ޓްރަމްޕް ވިދާޅުވީ އާދީއްތަ ދުވަހު ދިން "ވަރުގަދަ އަދި ބާރުގަދަ" ހަމަލާތަކަކީ، ކަނޑުއޮޅީގައި މައިން ހަރުކުރަން އީރާނުން ކުރި މަސައްކަތާއި، އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒަށް އީރާނުން އަށް މިސައިލް ފޮނުވާލުމާ ގުޅިގެން ދިން ރައްދެއް ކަމަށެވެ.
އަންގާރަ ދުވަހުވެސް އެމެރިކާއިން އިތުރު ހަމަލާތަކެއް ދީފައިވާއިރު، އީރާނުގެ ދެކުނުގެ ސަރަހައްދުތަކާއި ކަރްމާން ޕްރޮވިންސްގެ އެއާޕޯޓަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. މި ހަމަލާތަކުގައި ހަތް މީހުން މަރުވެ، އަށް މީހުން ޒަހަމްވި ކަމަށް އިރްނާ ނިއުސް އެޖެންސީން ބުނެއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނި ގޮތުގައި، އެމެރިކާގެ ހަމަލާތަކުގައި އެމީހުންގެ ހަތަރު ސިފައިންނާއި ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން އިރާގުގެ އަރްބީލްގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީ، އެތަނުގެ މަރާމާތުކުރާ މަރުކަޒަކާއި ގުދަންތަކެއް ހަލާކުކޮށްލާފައިވާ ކަމަށް އެޖަމާއަތުން ބުނެއެވެ. އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ ތަމްރީނު ކޭމްޕަކަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށްވެސް އީރާނުން ހާމަކުރެއެވެ.
ރިވޮލިއުޝަނަރީ ގާޑްސްގެ ތަރުޖަމާނު ހުސައިން މުހިއްބީ އެކްސްގައި އިންޒާރު ދެއްވި ގޮތުގައި، ވޮޝިންގޓަނުން ދިން ހަމަލާތަކާމެދު ހިތާމަކުރަން ޖެހޭނެއެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނީ ފެބުރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއެއްގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭގެ ފަހުން ގާއިމުކުރި ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިގެން ދިޔައީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުތަކަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ.
ޓްރަމްޕް އޭނާގެ 'ޓްރުތު ސޯޝަލް' ޕްލެޓްފޯމްގައި ވިދާޅުވީ، އީރާނުން އެމެރިކާއަށް ރައްދު ދީފިނަމަ، "އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ބާކީ އޮންނާނީ ވަރަށް ކުޑަ މިންވަރެއް" ކަމަށެވެ.
ޚާރިޖީ ގޮތުން މަސްރަހު ގޯސްވެފައިވީ ނަމަވެސް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ކުރާ ކޮންމެ ކަމަކަށް އީރާނުން އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް، އެމެރިކާއިން ބިރުދެއްކުމާއި ފިއްތުންތަކުގެ ސިޔާސަތު ކުރިއަށް ގެންދާނަމަ، ޑިޕްލޮމެސީގެ މަގު ބަންދުވެދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

