އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވެސްޓްހަމް ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވުމުން، ލީގު ތާވަލުގެ ތިންވަނައަށް އެރުމަށް މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު ފުރުސަތު އެ ޓީމުން ބޭކާރުކޮށްލައިފިއެވެ.
މި މެޗަށް ކުރިމަތިލިއިރު ދެ ޓީމުވެސް އޮތީ އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ ރަނގަޅު ފޯމެއްގައެވެ. އެގޮތުން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 އިން ޓޮޓެންހަމް ބަލިކޮށްފައިވާއިރު، ވެސްޓްހަމް އިން ވަނީ ބާންލީ އަތުން 2-0 އިން މޮޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި މެޗުވެސް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ކޮންޓްރޯލް ކުރި ނަމަވެސް، ދެ ޓީމަށްވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަނީ ކުޅުން ވަރުގަދަކޮށް އެޓޭކުތައް އިތުރުކޮށްފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސްޓްހަމްއިންނެވެ.
މި ލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑަރު ތޯމަސް ސޯސެކްއެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފޯވާޑް ޖެރާޑް ބޮވެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ 13 މިނެޓު ފަހުން ޔުނައިޓެޑްގެ ކަސަމީރޯ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްލޮވޭނިއާގެ ފޯވާޑް ބެންޖަމީން ޝެޝްކޯއެވެ.
މި ނަތީޖާއާއެކު، ކުޅުނު 26 މެޗުން ލިބުނު 45 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މި މެޗުން ލިބުނު ޕޮއިންޓާއެކު ވެސްޓްހަމް އޮތީ 26 މެޗުން 24 ޕޮއިންޓް ހޯދައިގެން ތާވަލުގެ 18 ވަނައިގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

