ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު ފޯރިގަދަ "ކަޓަލަން ޑާބީ" ގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު، ބާސެލޯނާއިން ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ބީބީސީ ސްޕޯޓްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މެޗުން ބާސެލޯނާ މޮޅުވީ މެޗު ނިމެން ފަސްމިނެޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުތަކުންނެވެ.
ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާއިން މެޗުގެ ނަތީޖާ އަނބުރާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފާމިން ލޯޕޭޒް ތަނަވަސްކޮށްދިން ފުރުސަތުތަކަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޑެނީ އޮލްމޯ ކާމިޔާބުކުރީ ލޯޕޭޒް ދިން ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ލޯޕޭޒް އަރިމަތިން ކުރި މޮޅު މަސައްކަތުން ތަނަވަސްވި ފުރުސަތެއްގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ގޯލުގެ ކައިރީގައި ހުރެ ވަރަށް ރީތިކޮށް ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
މި ސީޒަނުގެ ލަލީގާގައި ބާސެލޯނާ ފާހަގަކުރެވެނީ މެޗުތަކުގެ ފަހު ވަގުތުގައި އެންމެ ނުރައްކާތެރި ޓީމުގެ ގޮތުގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މެޗުތަކުގެ ފަހު 15 މިނެޓުގެ ތެރޭގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަކީ ބާސެލޯނާއެވެ. އެގޮތުން އެ ޓީމުން މިހާތަނަށް 12 ލަނޑު ފަހު ވަގުތުގައި ކާމިޔާބުކޮށްފައިވެއެވެ.
މި މެޗު އެސްޕަންޔޯލުން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ކުރިން ބްލެކްބާން ރޯވާސްއަށް ކުޅުނު ޓައިރިސް ޑޯލަން ފޮނުވާލި ހަމަލާއެއް މެޗުގެ ހަތަރުވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ބްލޮކްކޮށްފައެވެ.
މި މެޗުގައި ބާސެލޯނާގެ ކީޕަރު ޖޮއާން ގާސިއާ ވަނީ އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ނުވަ އަހަރަށްފަހު މިދިޔަ ހޫނު މޫސުމުގައި އެސްޕަންޔޯލް ދޫކޮށްލި 24 އަހަރުގެ ކީޕަރު ވަނީ އެސްޕަންޔޯލުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. އަނެއްކޮޅުން އެސްޕަންޔޯލްގެ ކީޕަރު މާކޯ ޑްމިޓްރޮވިޗް ވެސް ވަނީ މެޗުގެ 72 ވަނަ މިނެޓުގައި އެރިކް ގާސިއާ ފޮނުވާލި ހަމަލާއެއް ދިފާއުކޮށްފައެވެ.
މެޗު އެއްވަރުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ބާސެލޯނާއިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ވަގުތު ދިން ވަރުގަދަ ޕްރެޝަރާ އެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.
ލީގުގައި އެންމެ ފަހުން 2009 ވަނަ އަހަރު ބާސެލޯނާ އަތުން މޮޅުވި އެސްޕަންޔޯލް މި ބައްޔާއެކު މިވަގުތު އޮތީ ތާވަލުގެ ފަސްވަނަ މަގާމުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

