މިނޫހުގައި 31 އޮކްޓޯބަރ 2026 ގައި ޝާއިއު ކުރެވުނު ލިޔުމަކާ ގުޅިގެން ތަފާތު ޚިޔާލުތަކާއި ފާޑުކިޔުންތައް އަމާޒުވަމުންދާތީ މިކަމާ ގުޅިގެން ކަން ހިނގައިދިޔަ ގޮތުގެ ޙަޤީޤަތް ބަޔާންކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްލަންޖެހެނީ، އެ ލިޔުމަކީ ހަމައެކަނި ވަކިމީހެއްގެ އަމިއްލަ މަސައްކަތާއި، އޭނާގެ ހިތްވަރު ފާހަގަކޮށް، އޭނާގެ ވާހަކަ ގެނެސްދިނުމަށް ޚާއްޞަކުރެވިގެން ތައްޔާރުކުރެވުނު ލިޔުމެއް ކަމެވެ. އެ ލިޔުމުގެ މަޤްޞަދަކީ އޭނާއާއި އެކު މަސައްކަތްކުރާ ނުވަތަ މީގެ ކުރިން މަސައްކަތްކޮށްފައިވާ އެހެން އެއްވެސް ފަރާތެއްގެ ވާހަކަ ގެނެސްދިނުމެއް ނޫނެވެ. އަދި އެހެން ބައެއްގެ އަގު ވައްޓާލުމެއްވެސް ނޫނެވެ. މިކަމަކީ ލިޔުމުގެ ޢިބާރާތްތަކަށާއި އޭގެ މައިގަނޑު މައުޟޫޢަށް ފުންކޮށް ބައްލަވާލެއްވުމުންވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ.
މިކަމުގެ ސާފު މަޢުލޫމާތު ތަކުރާރުކޮށް އޮޅުންފިލުވައިދެވިފައިވީ ނަމަވެސް، މިކަން ބައެއް ފަރާތްތަކަށް ޤަބޫލުނުކުރެއްވިގެން މިއުޅޭ މައްސަލައަކީ، ލިޔުމުގެ މަފްހޫމާ މުޅިން ތަފާތު، އެހެން ހިސާބަކުން އުފަންވެގެން އުޅޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ވަކި ފަރުދެއްގެ ކާމިޔާބީ ފާހަގަކުރުމަކީ އެހެން މީހުން ބާކީކުރުން ކަމަށް ދެކޭ ދެކުމަކީ ހަމަޖެހޭ އުޞޫލެއް ނޫނެވެ.
އެކުވެރިކަމާއެކު ގްރޫޕެއް ހަދައިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ބައެއްގެ ތެރެއިން ވަކި މީހެއްގެ ވާހަކަ ގެނެސްދޭއިރު، ގްރޫޕްގެ އެހެން ހުރިހާ މެންބަރުންގެ ވާހަކަ ކޮންމެހެން ހިމަނާކަށް ނުޖެހެއެވެ. އެހެންނަމަވެސް، އެގޮތަށް ގެނެސްދޭ ލިޔުމަކާ ގުޅިގެން އެކަން ކަމުނުގޮސްގެން ގްރޫޕްގެ އެހެން މީހުން ފާޑުކިޔައި، ނުރުހުން ފާޅުކުރުމަކީ ވަރަށް ދެރަ ކަމެކެވެ. މިއީ އެކުގައި މަސައްކަތްކުރާ އެކުވެރިޔާއާ މެދު އަދި އަނެކާގެ ކުރިއެރުމާ މެދު އެ ގްރޫޕްގައި ހިމެނޭ އެހެން މީހުން ދެކޭގޮތާއި، އެމީހުންގެ މެދުގައި އޮތް ޙަޤީޤީ ގުޅުން ވަރަށް ތަފްޞީލުކޮށް ހާމަވެގެންދާ ކަމެކެވެ.
ޙަޤީޤީ އެކުވެރިކަމަކީ އަދި ޓީމު ރޫޙަކީ، ޓީމުގެ އެކަކަށް ލިބޭ ކުރިއެރުމާއި ތަޢުރީފުގައިވެސް އަނެކުން އުފާކުރުމެވެ. އެހެންކަމުން، ވަކިވަކި ފަރުދުންގެ ކާމިޔާބީތައް ފާހަގަކުރުމަށް ޖާގަދީ، ހިތްތިރިކަމާއެކު އެކަން ބަލައިގަތުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

