ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ބާސެލޯނާއާއި ޕީއެސްޖީ ބައްދަލުކުރިމެޗް ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
މިމެޗް ޕީއެސްޖީ ކާމިޔާބުކުރީ ބާސެލޯނާ ލަނޑެއް ޖަހާ ކުރިހޯދާފައިވަނިކޮށް ފަހަތުން އަރާ 2 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.
ރޭ ބާސެލޯނާގެ ދަނޑުގައި ކުޅެވުނު މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރީހޯދީ ބާސެލޯނާއެވެ. އެއީ މެޗްގެ 19 ވަނަ މިނިޓްގައި ޓޯރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޕީއެސްޖީ އެއްވަރުކުރީ 38 ވަނަ މިނިޓްގައި ސެނީ މެޔުލޫ އެވެ.

ފުރަތަމަ ހާފު 1-1 އިން އެއްވަރުވެގެން ނިމުނު މިމެޗްގެ ދެވަނަ ހާފުގެ ފަހު މިނިޓްގައި ޕީއެސްޖީ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކޮންކަލޯ ރާމޯސް އެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޕީއެސްޖީ ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ބާސެނޯލާއަށް 2 މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ލީގު ބުރުގައި 36 ޓީމު ވާދަކުރާ އިރު އެންމެ މޮޅު އަށް ޓީމު އޮޓަމެޓިކުން ނޮކްއައުޓް ސްޓޭޖަށް ދާނެ އެވެ. ގަދަ 16ގެ އަނެއް އަށް ޓީމު ކަނޑައަޅާނީ ނުވަ ވަނައިން ފެށިގެން 24 ވަނައާ ހަމައަށް އޮންނަ 16 ޓީމު މެދުގައި ޕްލޭ އޮފް މެޗުތައް ކުޅެގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

