ފަހަތުން އަރައި ރެއާލް ސޮސިއެޑާޑް ދެލަނޑު 1 ލަނޑުން ބަލިކޮށް ބާސެލޯނާ ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗްގައި ސޮސިއެޑާޑް ވަނީ 31 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑުނަގާފައެވެ. މިލަނޑު އެޓީމަށް ކާމކިޔާބުކޮށްދިނީ އަލްވަރޯ އޮޑްރިއޯޒޯލާއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއަށް ލިބުނު ކޯނަރަކުން ރަޝްފޯޑް ފޮނުވާލި ބޯޅަ ބޮލުން ޖަހާ ގޯލްތެރެއަށް ފޮނުވާލައިގެން ނަތީޖާ އެއްވަރު ކޮށްދިނީ ކުންޑޭ އެވެ.

މިމެޗުން ބާސެލޯނާ މޮޅުވި ލަނޑު 59 ވަނަ މިނިޓުގައި ޖަހައިދިނީ ލެވަންޑޯސްކީ އެވެ. އޭނާ މި ލަނޑު ޖެހީ ޔަމާލް ފޮނުވާލި ބޯލައެއް ބޮލުން ޖަހައިގެންނެވެ
މިއީ މިދިޔަ މަހު ލިބުނު އަނިޔާއިން ސަލާމަތްވެގެން ޔަމާލް ކުޅުނު ފުރަތަމަ މެޗެވެ. އަނިޔާގެ ސަބަބުން ބާސާ ލީގުގައި، ރޭގެ ކުރިން ކުޅުނު ތިން މެޗުގައި ޔަމާލް ކުޅެފައެއް ނުވެއެވެ. އަދި މި މަހު ކުޅުނު ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެ އެވެ.
ސްޕެނިޝްލީގުގައި ކުރިން އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް، ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކޯ އަތުން ބަލިވެފައި ވުމާ އެކު ބާސާ މިހާރު ވަނީ ޓޭބަލްގެ އެއްވަނައަށް ޖެހިލާފައެވެ.
އެއީ ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ހަތް މެޗުން ޖުމްލަ 19 ޕޮއިންޓް ލިބިގެންނެވެ. ރެއާލަށް 7 މެޗުން ލިބިފައިވަނީ ވަނީ 18 ޕޮއިންޓެވެ.
ބާސާގެ ކުޅުންތެރީންގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވަނިކޮށް މިހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ މެޗްތަކުގެ ތެރެއިން ބުދަ ދުވަހުގެ ރޭ ބާސާ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެންޖެހޭ މެޗް އޮންނާނެއެވެ
ބާސެލޯނާގެ މުހިންމު ގިނަ ކުޅުންތެރިން މިހާރު ވެސް އަނިޔާގައި ތިބިއިރު، މިމެޗާ ކުރިމަތިލާއިރު މިއީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހީނަރުކަމެކެވެ.
ރަފީނިއާގެ ފައިގެ ފަހަތު މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ގާތްގަނޑަކަށް ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ލަފާކުރެވެއެވެ. ޖޯން ގާސިއާގެ ކަނާތު ފައިގެ މެނިސްކަސް އިރައިގެން ދިއުމުގެ ސަބަބުން އޮޕަރޭޝަން ކުރުމަށްފަހު، ރަނގަޅުވާ މިންވަރަކުން ހަތަރު ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެއެވެ.
އަދި ބާސެލޯނާގެ މިޑްފީލްޑަރު ގާވީގެ ކަކުލުގެ އޮޕަރޭޝަން ކުރުމަށްފަހު، ފަސް މަސް ދުވަހަށް ނުކުޅެވޭނެ ކަމަށް ބެލެވެއެވެ. އަދި މީގެ އިތުރަށް ފާމިން ލޯޕޭޒް ވެސް ހުރީ އަނިޔާގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

