މެންޗެސްޓާ ޔުނައިޓެޑުން ރޭ ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފިއެވެ.
މެންޗެސްޓަރގެ ދަނޑުގައި ހޮނިހިރު ކުޅެވުނު މިމެޗް މެންޗެސްޓަރ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ.
މި މެޗު ޔުނައިޓެޑަށް މޮޅުވާން ފަސޭހަވީ، މެޗުގެ ފަސް ވަނަ މިނިޓްގައި ޗެލްސީގެ ގޯލްކީޕަރު، ސަންޗޭޒަށް ރަތް ކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ ފަހަތަށް އައި ބޯޅައެއް ހޯދަން އޭރިޔާއިން ބޭރަށް ޖެހި ސަންޗޭޒް ވަނީ ޔުނައިޓެޑްގެ ބްރަޔާން އެމްބުއޭމޯ އަށް ފައުލުކޮށްފައެވެ. އެ ފައުލަށް ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
1 ކުޅުންތެރިޔަކު މަދުން ކުޅެމުންދިޔަ ޗެލްސީގެ ކޮޅަށް ޔުނައިޓެޑުން މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ 14 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. މި ލަނޑު ކަށަވަރު ކުރުމަށް ގިނަ ވަގުތުތަކެއް ވަންދެން ރެފްރީން ވަނީ ވީއޭއާރު މެދުވެރިކޮށް ބަލާފައެވެ. މިއީ ފެނާންޑޭޒް ޔުނައިޓެޑަށް ޖަހައިދިން 100 ވަނަ ލަނޑެވެ.

ޔުނައިޓެޑްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ ކަސެމީރޯއެވެ. ދެ ލަނޑުގެ ލީޑަކާއިއެކު ކުޅެމުން ދިޔަ ޔުނައިޓެޑަށް މައްސަލަ ދިމާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ކަސެމީރޯއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. ދެ ޓީމުން ވެސް މެޗުގެ ދެވަނަ ހާފު ކުޅެފައި ވަނީ ދިހަ ކުޅުންތެރިންނާއި އެކުއެވެ.
ޗެލްސީން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ޗަލޮބާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ރީސް ޖޭމްސްގެ އެހީތެރިކަމާއިއެކުއެވެ.
ލީގުގައި މިހާތަނަށް ޔުނައިޓެޑުން ފަސް މެޗު ކުޅެފައިވާއިރު މޮޅުވީ އެންމެ ދެ މެޗުންނެވެ. އެއް މެޗުން އެއްވަރުވީއިރު ދެ މެޗުން ވަނީ ބަލިވެފައެވެ. ހަތް ޕޮއިންޓާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. ޗެލްސީ ހަވަނާގައި އޮތީ 8 ޕޮއިންޓް ހޯދައިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އަމޮރިމް ބުނީ މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށާއި، މިއީ މުހިންމު މޮޅެއް ކަމަށެވެ. އަދި މި މެޗުން އެ ޓީމަށް މިއަށް ވުރެ ފަސޭހައިން މޮޅުވެވެން ވާނެ ކަމަށެވެ. އޭނާ ބުނީ ދެ ލަނޑުގެ ލީޑެއްގައި އޮތުމަށް ފަހު، އުނދަގޫ ހާލަތަކަށް ޓީމް ވައްޓާލީ އަމިއްލަ އަށް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

