ރާއްޖޭގެ 63 ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި މުޙައްމަދު ޝައްފާން ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން މި ދެ ކުޅުންތެރިން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.
ރަފާ ޗެމްޕިއަންކަން ހޯދީ މިދިޔަ ފަސް އަހަރުގެ ޤައުމީ ތަށި ހޯދި ފާތިމަތު ދީމާ އަލީ ބަލިކޮށްގެންނެވެ.
ފައިނަލް މެޗުން ރަފާ ކުރިހޯދީ، ސީދާ ހަތަރު ގޭމުންނެވެ. އެންމެ ފަހުން ކުޅެވުނު ޤައުމީ ފަސް ފައިނަލުގައި ވެސް ދީމާ އަތުން ބަލިވި ރަފާ މި މެޗުގެ ސެޓުތައް ގެންދިޔައީ، 11-09، 11-09، އާއި 11-06، އަދި 13-11 އިންނެވެ.
މީގެކުރީން، ރަފާ ޗެމްޕިއަންކަން ހޯދީ 2017 އާއި 2018 ގައެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޝައްފާން ވަނީ، ޤައުމީ ޗެމްޕިއަންކަން 11 ފަހަރު ހޯދާފައިވާ މޫސާ މުންސިފް އަހުމަދުގެ މައްޗަށް 4-1 ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 13-11 އިން މުންސިފް ގެންގޮސްފައިވަނިކޮށް، ޝައްފާން ވަނީ ދެން ޖެހިގެންއައި ސެޓުތައް 11-07، 13-11، އާއި 11-08، އަދި 18-16 އިން ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގެ ފައިނަލަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ތަށްޓާއި މެޑެއްޔާއި ހަނދާނީ ލިޔުން ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

