އިނގިރޭސި ޕްރެމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ފަސޭހަކަމާއެކު ފަހަތުން އަރައި 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.
މިމެޗުގެ ކުޅުން ފެށިގެން މޮޅަށްކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސްޓްހެމް އިންނެވެ. މިލަނޑު މެޗު ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކުރީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކުއެޓާއެވެ. މިއީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޗެލްސީ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ. އަދި އެޓީމު ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. މިލަނޑަކީ ޖޮއާއު ޕެޑްރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެލްސީ އިން މިމެޗްގައި އެޓީމުން ކާމިޔާބުކުރި 3 ވަނަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.
މިއީ އެޓީމުގެ ޒުވާން ފޯވާޑް އެސްޓެވާއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އުމުރުން 18 އަހަރުގެ އެސްޓެވާއޯ ވެގެން ގޮސްފައިވަނީ ޕްރެމިއާ ލީގު ތާރީޚްގައި ޗެލްސީއަށް ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތު ތަނަވަސްކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ޗެލްސީ އިން އެޓީމުގެ ހަތަރުވަނަ ވަނަ ލަނޑު 54 ވަނަ މިނެޓުގައި އެކްއެޑޯ މިޑްފީލްޑަރު މޮއިސަސް ކައިސޭޑޯ ކާމިޔާބުކުރިއިރު، އެޓީމުގެ ފަސްވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޗަލޮބާ އެވެ.
މީގެ އިތުރުން ވެސް ދެވަނަ ހާފުގެ ކުޅުމުގައި ދެޓީމަށްވެސް ވަނީ އިތުރު ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓިމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 5-1 ގެ ނަތީޖާއަކުން ޗެލްސީ މެޗް ކާމިޔާބުކޮށްގެންނެވެ.
މިމެޗް ޗެލްސީ ކާމިޔާބުކުރުމާ ގުޅިގެން ލީގުގައި އެޓީމް ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ވަގުތީގޮތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓަހަމް ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

