ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލް މެޗް މިރޭ ކުޅުން އޮންނާނެއެވެ. މި މެޗްގައި ބައްދަލުކުރާނީ ހަސްތާލަ ވިސްތާލަ އާއި އެފްސީ އެތުލެޓިކްސް އެވެ.
ފައިނަލަށް ދަތުރުކުރި ގޮތް
ހަސްތާލަ ވިސްތާލަ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި އެފްސީ ގްރީން 5 ލަނޑު 2 ލަނޑުން ބަލިކުރުމަށްފަހުގައެވެ. އެފްސީ ގްރީން އަކީ މި މުބާރާތުގައި ވަރަށް ވަރުގަދަ ކުޅުމެއް ދައްކަމުން އައި ޓީމެއްކަމުގައި ވިޔަސް، ހަސްތާލަ ވިސްތާލަގެ ގޯލްކީޕަރުގެ ކުޅަދާނަކަމާއި ޑިފެންސްގެ ހަރުދަނާކަމުގެ އިތުރަށް ހަލުވި ކައުންޓަރ އެޓޭކްތަކުގެ ކުރިމަތީގައި އެފްސީ ގްރީންއަށް ކާމިޔާބު ހޯދޭގޮތް ނުވިއެވެ.
އަނެއްކޮޅުން، އެފްސީ އެތުލެޓިކްސް ފައިނަލަށް ދަތުރުކޮށްފައިވަނީ ދެވަނަ ސެމީފައިނަލްގައި ވަންޕާލް 8 ލަނޑު 2 ލަނޑުން ބަލިކުރުމަށްފަހުގައެވެ. މި ނަތީޖާއިން އެފްސީ އެތުލެޓިކްސްގެ ކުރިމަތީގައި ވަންޕާލް އަށް ކުރެވުނު އެއްވެސްކަމެއްނެތްކަން ވަނީ ފާހަގަވެގެން ގޮސްފައެވެ.
ގްރޫޕް ސްޓޭޖްގެ ބައްދަލުވުން
ފައިނަލްގައި ބައްދަލުކުރާ ދެ ޓީމަކީ މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނުނު ދެ ޓީމެވެ. މި ދެ ޓީމް ކުރިން ބައްދަލުކޮށްފައިވަނީ މުބާރާތުގެ ތިންވަނަ މެޗްގައެވެ. އެ މެޗްގައި އެފްސީ އެތުލެޓިކްސް ވަނީ 7 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުން ހަސްތާލަ ވިސްތާލަ ބަލިކޮށްފައެވެ.
ފައިނަލްގެ މުހިންމުކަން
ގްރޫޕް ސްޓޭޖްގެ މެޗްގައި އެތުލެޓިކޯ އަތުން ބަލިވި ބޮޑު ބަލިވުމަށްފަހު، ހަސްތާލަ ވިސްތާލަ ވަނީ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
"އަޅުގަނޑުމެން ވަނީ ގްރޫޕް ސްޓޭޖްގެ މެޗަށްފަހު ގިނަ ފިލާވަޅުތަކެއް ދަސްކޮށްފައި. ފައިނަލްގައި އެފްސީ އެތުލެޓިކްސްގެ ހަމަލާތައް ހުއްޓުވުމަށް އަޅުގަނޑުމެން ޚާއްޞަ ތައްޔާރީތަކެއް ވަނީ ވެފައި. އެކަމަކު އެތުލެޓިކްސް ގައި ހިމެނޭ ޔަންގު ކުޅުންތެރީންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް. އެކުޅުންތެރީންނާއި ދޭތެރޭ ވިސްނަން ޖެހޭނެ ، " ހަސްތާލަ ވިސްތާލައިގެ ހުއްޗޭ މިނޫހަށް މައުލޫމާތު ދެމުން މިއަދު ބުނެފައިވެއެވެ.
އެފްސީ އެތުލެޓިކްސްގެ ޔޫނޭއް ބުނީ ކުރީގެ މެޗްގެ ނަތީޖާއަށް ބަލައި އެއްވެސް ވަރަކަށް ފަރުވާކުޑަކޮށްނުލާނެ ކަމަށެވެ.
"ފައިނަލަކީ އައު މެޗެއް. ކުރިން ލިބުނު ކާމިޔާބީއަކަށް ބަލައި ފަރުވާކުޑަކޮށްލައިފިނަމަ، އެއީ އަޅުގަނޑުމެން ކުރާނެ އެންމެ ބޮޑު ގޯހަކަށް ވެދާނެ. ހަސްތާލަ ވިސްތާލައަކީވެސް ވަރަށް ޤާބިލު ޓީމެއް. އެހެންކަމުން އަޅުގަނޑުމެން ވަރަށް ފުރިހަމައަށް ތައްޔާރުވެގެން މި މެޗަށް ދާނީ." ޔޫނޭއް މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މުބާރާތުގެ ތަފްޞީލް
ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 ފެށިފައިވަނީ ފާއިތުވި މަހުގެ 28 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމު ބައިވެރިވެފައިވެއެވެ. މި މުބާރާތަކީ މީދޫގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަވެގެންގޮސްފައިވާ މަރުޙޫމް މުންގިޒު ހަނދާން އާކުރުމަށް ބޭއްވޭ މުބާރާތެކެވެ.
މުބާރާތުގެ ފައިނަލް މެޗްގެ ކުޅުންފެށޭނީ މިރޭ 8:15 ގައި މީދޫ ޓާފް ދަނޑުގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ލިބޭނެއެވެ. ރަނަރަޕް ޓީމަށް 2000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު 5 ކުޅުންތެރީން ހޮވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

