މީދޫ މޫސާގެފަންނުގެ ފިނިމައިޒާނާއި ދަނޑު ރަސްމީކޮށް ހުޅުވައިދިނުމުގެ ޚާއްޞަ ރަސްމިއްޔާތެއް ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ދަނޑާއި ފިނިމައިޒާން ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާނާއި މީދޫ ކައުންސިލަރު އާމިނަތު ޞޯލިޙާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލަރު ޞޯލިޙާ ވިދާޅުވީ މޫސާގެފަންނު ތަރައްޤީކުރުމަށްޓަކައި އަވަށު އޮފީހާއި ގުޅިގެން ސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ޚާއްޞަކޮށް "އިއްބާ" އާއި އެ ޢާއިލާއިން ކޮށްފައިވާ މަސައްކަތްތަކަކީ ވަކިން ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ޙަޤީޤަތުގައި މިއިން ކޮންމެ މައިޒާނަކީ ރައްޔިތުންގެ އެސެޓެއް. މިތަންތަން ބަލަހައްޓައި ތަރައްޤީކުރާނީ އެ ސަރަހައްދެއްގައި ތިބޭ ރައްޔިތުންނާއި އަވަށު އޮފީހާ ގުޅިގެން" ކަމަށް ޞޯލިޙާ ވިދާޅުވިއެވެ.
މި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތުގައި ކައުންސިލުން އެދިގެން އެފްކޯންސް، ޕަބްލިކް ވޯކްސް، އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ކައުންސިލަރު ޞޯލިޙާ ފާހަގަކުރެއްވިއެވެ. އަދި އިދާރީ މަސައްކަތްތައް ފުރިހަމަކުރުމުގައި ކައުންސިލް އިދާރާގެ މާނާކޮށްދެއްވާފައިވާ މަސައްކަތްތަކަކީ "އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް" ކަމަށް ބުނެ، މާނާ މުމްތާޒަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
ކައުންސިލަރު ޞޯލިޙާ އިތުރަށް ވިދާޅުވީ މީދޫއަކީ އައްޑޫސިޓީގެ ރަށްރަށުގެ ތެރެއިން ތަފާތު ރަށެއްކަމަށާއި، ނަމޫނާ ރަށެއްކަމަށެވެ. "މިރަށުގައި ވަރަށް ގިނަ މައިޒާންތައް ތަރައްޤީކޮށްފައި އެބަހުރި. މި މައިޒާންތައް ތަރައްޤީކޮށްފައިވަނީ ރައްޔިތުންނާއި އަވަށު އޮފީހާއި އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު" ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑު ފަޚުރުވެރިކަމާއި އުފަލާއެކީ ދަންނަވާލަން ބޭނުންވަނީ އައްޑޫސިޓީ އަދި މި ރާއްޖޭގެ ރަށްރަށުގެ ތެރެއިން މީދޫއަކީ ނަމޫނާ ރަށެއްކަމަށް. މި ނަމޫނާ ދެއްކެނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން" ކަމުގައި ޞޯލިޙާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އިޖްތިމާޢީ ކަންތައްތަކަށް އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
ކައުންސިލަރު ޞޯލިޙާ ހާމަކުރެއްވި ގޮތުގައި، މީދޫގައި ކުރިން ތައްޔާރުކޮށްފައިވާ އީދިގަމޫލެ މައިޒާން އިތުރަށް ތަރައްޤީކޮށް ޕިކްނިކް ދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތައްޔާރުކުރާ މައިޒާނެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. "މި މައިޒާންގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް ބޮޑު ރަސްމިއްޔާތަކާއެކު ހުޅުވުމަށް މިދަނީ ތައްޔާރުވަމުން" ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، ގަޑޮއަރި ފަންނި މައިޒާނާއި މީދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތްވެސް އެއްކޮށް ނިންމުމަށްފަހު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ޞޯލިޙާ ވިދާޅުވިއެވެ.
ކައުންސިލަރު ޞޯލިޙާ ރައްޔިތުންނަށް އިލްތިމާސްކުރެއްވީ މިފަދަ މައިޒާންތަކަކީ ރައްޔިތުންނާއި ކުޑަކުދިން ހިތްހަމަޖެއްސުމަށްޓަކައި ގޮސް ތިބޭނެ ތަންތަން ކަމަށްވާތީ، އެތަންތަނަށް ގެންދާ ކުދިންނަށް ނަސޭހަތްދީ، އެތަންތަނުގައި ބެހެއްޓިފައިވާ ތަކެއްޗަށް ގެއްލުން ނުލިބޭގޮތަށް އެކުދިންގެ ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމަކީ އެދެވިގެންވާ ކަމެއް ކަމުގައެވެ.
މި ރަސްމިއްޔާތުގައި މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލީ ނަޒީރު، ހުޅުމީދޫ ޕޮލިސް އިންޗާޖް، ބީއެމްއެލް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރު ޝަޒުލީނު، ޑިޓޮކްސެންޓަރ ހިންގުމާ ހަވާލްވެ ހުންނެވި ސިޔާދު އަދި މީގެ އިތުރުން ހުޅުމީދޫގެ ގިނަ މުއައްސަސާތަކުގެ ވެރިންނާއި މީދޫގެ ގިނައަދަދެއްގެ ރަށްޔިތުން ބައިވެރިވެފައިވެއެވެ
މި ރަސްމިއްޔާތުގައި އީޓީއެފްގެ ހުށަހެޅުމަކާއި މީދޫ ގޮމަ ގްރޫޕްގެ ހުށަހެޅުމެއް ފެނިގެން ގޮސްފައިވާކަންވެސް ފާހަގަކުރެވެއެވެ.
ޝަމްސުއާއި ހުޅުދޫ އިއްބެ ހުށަހަޅައިދިން މިއިވެންޓުގައި ފިނިމައިޒާންއާއި ދަނޑު ތައްޔާރުކުރުމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިއުންވެސް ދެވުނެވެ.
މީދޫ މޫސާގެފަންނުގެ ފިނިމައިޒާނާއި ދަނޑު ހުޅުވުމުން، ޒުވާނުންނަށާއި ކުޑަކުދިންނަށް ކުޅިވަރުކުޅުމަށާއި މުނިފޫހިފިލުވުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ތިރީގައި އެވަނީ ދަނޑާއިފިނިމައިޒާން ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގެތެރެއިން ނެގިފައިވާ ބައެއްފޮޓޯތައް








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

