ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއެވެ.
އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި އަށްޑިހަ އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ޗެލްސީ ކާމިޔާބުކޮށްފައިވަނީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރުމަށްފަހުގައެވެ.
ޗެލްސީން މިމެޗް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. މި މެޗުގައި ޖެހި ތިން ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ.
މެޗުގެ 22 ވަނަ މިނިޓާއި 30 ވަނަ މިނިޓުގައި ކޯލް ޕާމާ ކާމިޔާބު ކޮށްދިން ދެލަނޑުން ޗެލްސީ ކުރި ހޯދާފައިވަނިކޮށް ޗެލްސީގެ ތިންވަނަ ލަނޑު 43 ވަނަ މިނިޓުގައި ޕާމާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޔާއޯ ޕެޑްރޯ އެވެ.
މިމެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އަށް ބަދަލުތަކެއް ގެނެސް އެ ޓީމުން ލަނޑެއް ޖަހަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
އަދި ޕީއެސްޖީގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ، މެޗުގެ 83 ވަނަ މިނެޓުގައި ޖޮއާއޯ ނޭވްސް މާކް ޗެލްސީގެ ކުކުރޭޔާގެ އިސްތަށިގަނޑުގައި ހިފާ ދެމުމުން ވީއޭއާރުބަލައިން ރެފްރީ އޭނާއަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޗެލްސީގެ ސަންޗޭޒް ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ކޯލް ޕާމާ އެވެ. އެންމެ އުންމީދީ ކުޅުންޔތެރިޔާގެ އެވޯޑް ހޯދީ ޕީއެސްޖީގެ ޑިޒިރޭ ޑޫއޭ އެވެ. އަދި ޓޮޕް ސްކޯރާ އަކީ ރެއާލް މެޑްރިޑްގެ ރައުލްގާސިއާއެވެ.

އިނާމު ދިނުމުގެ މިރަސްމިއްޔާތުގައި ޗެމްޕިއަންޓީމަށާ މޮޅު ކުޅުންތެރީންނަށް ތައްޓާ މެޑަލް ހަވާލްކޮށްދެއްވީ އެމެރިކާގެ ރައީސް ޓްރަމްޕެވެ. ޗެލްސީގެ ކެޕްޓަން ޖޭމްސްއާއި ތަށި ހަވާލް ކުރުމަށްފަހު ޗެލްސީގެ ކުޅުންތެރީނާއެކު ޓްރަމްޕް ވެސް ވަނީ އަތްތިލަބަޑި ޖައްސަވައި އުފާ ފާފާޅުކުރުންތަކުގައި ބަިއވެރިވެ ވަޑައިގެންފައެވެ.
ޗެލްސީ ވަނީ މީގެ ކުރިން ވެސް ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އެއީ 2021 ވަނަ އަހަރެވެ. ނަމަވެސް މިއަހަރު ފީފާ އިން މިވަނީ ފުރަތަމަ ފަހަރަށް މުޅިން އަލަށް 32 ޓީމު ހިމަނައިގެން މުބާރާތުގެ ފޯމެޓް ބަދަލު ކޮށްލައިފައެވެ. އަދި ދެން ކްލަބް ވޯލްޑް ކަޕް ބާއްވާނީ ކޮންމެ ހަތަރު އަހަރަކަމަށް ފީފާއިން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

