ސުވާލު :
ޢީދުނަމާދަށް މިސްކިތުގައި އަންހެނުންނަށް ވަކި ޚާއްޞަ ޖާގައެއް ހަމަ ޖެއްސުމަކީ ކޮންކަހަލަކަމެއް !
ޖަވާބު :
ޢީދު ނަމާދު ނޫނަސް އެހެން ނަމާދުތަށް ކުރުމަށް ވިޔަސް ، މިސްކިތުގައި އަންހެނުންނަށް ޖާގައެއް ޚާއްޞަ ކުރުން ޝަރުޢީ ގޮތުން ހުއްދައެވެ . ޢާންމު ޙާލަތުގައި އަންހެނުން ގޭގައި ނަމާދުކުރުން މޮޅު އިތުރަސް . ޢީދުގެ ޖަމާޢަތް އަންހެނުން ބައިވެރިވުމަކީ މުސްތަޙަބު ކަމެކެވެ. އުންމު ޢަޠިއްޔާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ . އަހަރެމެންނަށް ޢީދު ދުވަހު (ޢީދު ނަމާދަށް) ނުކުތުމަށް އަމުރުކުރެވިގެންވެއެވެ. ގޭގައި ތިބޭ ބިކުރުވެރި އަންހެން ކުދިންނާއި ޙައިޟުވެފައިވާ އަންހެނުން ވެސްމެއެވެ. ނަމަވެސް ޙައިޟުވެފައިވާ އަންހެނުން ތިބޭނީ ނަމާދުކުރާތަނާއި ދުރުގައެވެ " އެއީ އެދުވަހުގެ ހެޔޮކަމާއި ތަކްބީރު ކިޔުމާއި މުސްލިމުންގެ ދުޢާގައި ބައިވެރިވުމަށެވެ.
އަންހެނުންނަށް ޚާއްޞަ އިންތިޒާމު ހަމަޖެއްސުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ .
- ވަކިކުރެވި އެތެރެ ނުފެންނަގޮތަށް ރަނގަޅަށް ޕާރޓްޝަން ޖެހިފައި ހުރުން
- ފިރިހެނުންނާ މަސްހުނި ނުވާގޮތައް ވަދެނުކުތުމަށް ޚާއްޞަ އިންތިޒާމު ހަމަޖެހިފައި ހުރުން
- ވުޟޫ ކުރުމަށާއި ފާޚާނާ ކުރަން ވެއްޖެނަމަ އެކަމަށް ޚާއްޞަ އިންތިޒާމެއް ހަމަޖެއްސުން
ސުވާލު :
އަންހެން ބައިގައި ޕާރޓްޝަން ދަމާނީ މިސްކިތް އޭސީ ބައިގަތޯ ! ބޭރު ފެނޑާމުގައި ތޯ ! ނުވަތަ ގޯތި ތެރޭގައިތޯ ! ނުވަތަ ކޮންތަނެއްގައިތޯ !
ޖަވާބު :
ވަކި ތަނެއްގައި ޕާރޓްޝަން ދެމުމަށް ދީނީ ގޮތުން ބަޔާންވެ އައިސްފައިނެތެވެ . ކުރިން މިބުނެވު ކަންކަމަށް ރިޢާޔަތް ކުރުމާއެކީ މިސްކިތަށް ދެން އަރާމީހުންނަށްވެސް ދަތި ނުވާގޮތަށް އަދި އަންހެނުންނަށްވެސް ދަތިނުވާގޮތަށް އެކަމުގައި ގޮތެއް ނިންމާނީ މިސްކިތުގެ ކަންކަމާއި ޙަވާލުވެގެން ތިބޭ ފަރާތްތަކުންނެވެ .
ސުވާލު :
އަންހެނުން "އަންހެން ބައިގައި" ސަފުހަދާނީ ކިހިނެތް؟
ޖަވާބު :
އަންހެނުން އެމީހުންނަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ސަފުހަދާނީ ކުރީސަފުން ފެށިގެންނެވެ. ސަފުތަށް ފުރުމާއި ފަޔާފައި ޖެހޭގޮތަށް ގާތްގާތުގައި ސަފުހަދައި ސަފު ސީދާކުރަން ސަމާލުކަން ދޭންވާނެއެވެ . ކުރީ ސަފުތަށް ފުރާނުލާ ފަހަތު ސަފުތަކަށް އަރައިގެން ނުވާނެވެ. އަދި ސަފު ނުގުޅުވާ ވަކި ތަންތަން ކޮޅުގައި ސަފުހެދުން ހުއްދައެއް ނުވާނެއެވެ .
ސުވާލު :
އަޅުގަނޑުމެން ނަމާދުކުރާ މިސްކިތުގައި އަންހުންނަށް ބައެއް ޚާއްޞަ ކުރުމުން ، ސަފުހެދުމާއި ގުޅޭގޮތުން ނަބިއްޔާ صلى الله عليه وسلم ވައްސަލަމަ ދެއްވި އިރުޝާދަށް ޢަމަލު ކުރުމުގައި ހުރަސްތަކެއް އެބަ ދިމާވެއެވެ . ބައެއްފަހަރު ފިރިހެނުންގެ ސަފުތަށް އަނެހުންގެ ސަފާއި ހަމަހަމައަށް ނުވަތަ އެއަށްވުރެން ފަހަތަށްވެސް ފިރިހެން ސަފުތަށް އެބަ ޖެހެއެވެ . މިޙާލަތުގައި ޢަމަލު ކުރާނީ ކިހިނެތް ؟
ޖަވާބު :
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. خَيْرُ صُفوفِ الرِّجالِ أَوَّلُهَا، وشرُّها آخِرُهَا وخيْرُ صُفوفِ النِّسَاءِ آخِرُها، وَشرُّهَا أَوَّلُهَا -رواه مُسلِم. މާނައީ: “ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފެވެ. ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ފަހު ސަފެވެ. އަދި އަންހެން ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފަހު ސަފެވެ. އަދި އެސަފުތަކުގެ ތެރެއިން އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފެވެ.”
މި ޙަދީސަށް ޢަމަލު ކުރުމުގައި ޢިލްމުވެރިން ބަސްފުޅުތަކުން އަންނަނިވި ކަންކަން ފާހަނގަ ކުރަމެވެ.
- ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އަންހެން ކަނބަލުންނަށް މިސްކިތުގައި ވަކި ޕާރްޓަޝަނެއް ނުހުރެއެވެ. އޭރު ތިބެނީ އެއްބަޔަކު އަނެއްބަޔަކު ފެންނަ ގޮތަށެވެ. ޖާގަ ވަކިކުރެވި ޕާރޓްޝަން ޖެހެންފެށީ ފަހުންނެވެ.
ވީމާ މިޙަދީސްގައި ބަޔާން ކޮށްފައި މިވަނީ ފިރިހެނުންނާ އަންހެނުން އެއްބަޔަކު އަނެއްބަޔަކަށް ފެންނަގޮތަށް ދެ ބައިމީހުން ސަފުހަދާ ޙާލަތުގައި ޢަމަލު ކުރަން ޖެހޭ ގޮތެވެ .
- ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އެގޮތަށް ޖާގަ ޚާއްޞަ ކުރެވިފައި ނެތަސް މިޒަމާނަކަށް އައިސް މިސްކިތުގައި އަންހެނުން ނަމާދު ކުރުމާއި އިޢުތިކާފް ކުރުމާއި ޤުރުއާން މުދާރަސާ ކުރަން ވަކި ބައެއް ޚާއްޞަ ކުރުމަށް ޢިލްމުވެރިން ހުރަހެއް ނާޅުއްވައެވެ . އަދި މިފަދަ ފިތުނަވެރި ޒަމާނެއްގައި އެކަމުގެ މުހިންމުކަން އަދި މާބޮޑެވެ .
- ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކަށް ބަލާއިރު ބައެއް މިސްކިތްތަކުގައި މިސްކިތުގެ ފަހަތު ކައިރި ނުވަތަ ބޭސްމަންޓް ، އަދި ބައެއް ތަންތާގެ ޓެރަސްވެސް އަންހެނުންނަށް ޚާއްޞަ ކުރެވެއެވެ .
- މިގޮތަށް ޚާއްޞަ ކުރާއިރު މިސްކިތުގެ ބޭރުގައި ހެދޭ ފިރިހެނުންގެ ސަފުތަށް އަންހެން ސަފަތުގައި ފަހަތުގައި ހެދުމުން ނަމާދުކުރާ ފަރާތްތަކުގެ ނަމާދަށް އަސަރުކުރާނެކަމަށް އެއްވެސް ޢިލްމެވެރިޔަކު ފަތުވާ ދެއްވާފައިވާކަން އެނގިފައިނުވެއެވެ .
- ސަބަބަކީ ޙަދީސްގައި ބަޔާންވަނީ ޚާއްޞަ ޖާގައެއް ނުހުންނަ ޙާލަތުގައި ސަފުހެދުމުގައި ގެންގުޅެންޖެހޭ ތަރުތީބު ކަމަށްވާތީއެވެ . ސަމާލުކަން ދޭންޖެހޭ ކަމަކީ އިމާމާއަށް ވުރެ ކުރިއަށް އަންހެން ސަފުތައް ނުޖެއްސުމެވެ . ޖުމްހޫރު ޢިލްމެވެރިންގެ އަރިހުގައި އިމާމާއަށް ވުރެ ކުރީގައި ހެދޭ ސަފުގައި ކުރެވޭ ނަމާދު ޞައްޙައެއް ނުވާނެއެވެ .
ސުވާލު :
އެއްވެސް ޕާރޓްޝަނެއް ފަރުދާއެއް ނެތް މިސްކިތެއްގައި އަންހެން ސަފުތަށް ފިރިހެން ސަފުތަކުގެ ތެރެއަށް ވަދެގެން ނަމާދުކޮށްފިކަމަށްވާނަމަ އެނަމާދު ބާޠިލު ވާނެ ހެއްޔެވެ !
ޖަވާބު :
އެއްބަޔަކު އަނެއްބަޔަކަށް ފެންނަ ގޮތަށް ފަރުދާއެއްނެތި ގާތްގާތުގައި އެގޮތަށް ސަފު ހެދުން ހުއްދައެއްނޫނެވެ ، ސަބަބަކީ ހިތްތަކަށް ޝައިތާނާ ވަސްވާސް ވަނުމާއި ، ނަމާދުގައި ހުންނަންޖެހޭ ޚުޝޫއަތްތެރިކަން ކުޑަވުމާއި މިނޫވެސް ފިތުނަވެރި ޙާލަތްތަށް ކުރިމަތިވާނެތީއެވެ. ނަމަވެސް އެގޮތަށް ބަޔަކު ނަމާދުކޮށްފިނަމަ އެނަމާދު ބާޠިލްވުމާއި މެދުގައި ޢިލްމުވެރިން ރައުޔު ތަފާތެވެ .
- އިބްނު ޤުދާމާ ރަޙިމަހުއްﷲ ވިދާޅުވެފައެވެ . އެގޮތަށް ސަފުހެދުން ނަހީވެގެންވެއެވެ . އަދި އެސަފުތަކުގައިވާ އަންހެނުންނާއި އެމީހުންގެ ކައިރީ ސަފުހަދައިގެން ދެންތިބި މީހުންގެ ނަމާދު މަކްރޫހަ ވާނެއެވެ. ނަމަވެސް ނަމާދު ބާޠިލް ނުވާނެއެވެ . المغني [ 3/41 – 42 ]
- އިމާމް ނަވަވީ މަޖްމޫޢުގައި ވިދާޅުވަފައިވެއެވެ . އަންހެން ސަފެއް ފިރިހެން ސަފަކަށްވުރެ ކުރިއަށް ޖެހެމުން ގޮސް އިމާމާއަށް ވުރެ ކުރި ނާރާނަމަ ، އެސަފުތަކުގައި ތިބި ފިރިހެނުންނާއި އަންހެނުންގެ ނަމާދުވެސް ޞައްޙަވާނެއެވެ . المجموع [ 4/ 297 ]
- އިމާމް މާލިކާ ސުވާލުކުރެވުނެވެ . ފިރިހެން ޖަމާޢަތެއްގެ މެދު ތެރޭގައި އަންހެން ސަފެއް ހެދިއްޖެނަމަ އެފިރިހެނުންނާ އަންހެނުންގެ ނަމާދު ފާސިދު ވާނެތޯއެވެ . ޖަވާބުގައި ވިދާޅުވި : އެއަންހެންނުނާއި ފިރިހެނުންގެ ނަމާދު ފާސިފުވާނެކަމަށް އަހަރެން ނުދެކެމެވެ . قال سحنون في المدونة [ 1/195 ]
- އިމާމް ޝައުކާނީ ވިދާޅުވެފައިވެއެވެ . އަންހެނުން ތިބުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމަ ޖެއްސެވި ގޮތް ދޫކޮށް ފިރިހެނުންގެ ސަފަށް ވައްދެއްޖެ އަންހެންމީހާ ފާފަވެރިވާނެއެވެ . ނަމަވެސް އެހާލަތުގައި އަންހެންމީހާގެ ނަމާދު ފަސާދަވާނެކަމަށް ބުނާ އެއްވެސް ދަލީލެއް ނެތެވެ . އަދި އެސަފުގައި ނަމާދުކުރާ ފިރިހެންނުންގެ ނަމާދު ފާސިދުވާނެކަމަށް ބަޔާން ކުރާ ދަލީލެއްވެސް ނެތެވެ . السيل الجرار للشوكاني [ 1/263 ]
- އިމާމް އަބޫ ޙަނީފާގެ ރައުޔަކީ އަންހެން ސަފު ފިރިހެން ސަފަށްވުރެ ކުރިއަށް ޖެހިއްޖެނަމަ ނަމާދު ބާޠިލްވާނެކަމަށް ބުނާ ރައުޔެވެ . ނަމަވެސް އިމާމް އަބޫ ޙަނީފާ އަންހެނުންނަށް ޚާޞަ ޖާގަ ކަނޑައަޅައިގެން ހެދޭ އަންހެން ސަފުތަށް މީގެ ތެރޭގައި ނުހިމަނުއްވައެވެ . ފަތުޙުލް ޤަދީރުގައި އައިސްފައިވެއެވެ. މިސްކިތުގެ ޓެރަސްގައި އަންހެން ސަފުތައް ހެދިފައި ތިރީގައި ފިރިހެން ސަފުތަށް ހެދަމަކުން ނަމާދު ފާސިދެއްނުވާނެއެވެ . އަދި ވެސް ބަޔާން ކުރައްވައެވެ . އަހެންބައި ވަކިވާފަދަ ޙާއިޠެއް / ޕާރޓިޝަނެއްގެ ފަހަތުގައި ހެދޭ ސަފުތަކުގައި ކުރާ ނަމާދު ޞައްޙަވާނެއެވެ . " فتح القدير [ 1/317 ]
ނިންމާލުން :
މި ސުވާލުތަކުގެ ޖަވާބު ތައްޔާރު ކުރީ މައްކާގެ ޢިލްމުވެރިއެއްކަމަށްވާ الشيخ : سمير بن خليل
المالكي الحسني المكي ލިޔުއްވާފައިވާ حواجز النساء في المساجد " މިސްކިތުގައިވާ އަންހެނުންގެ ޕާރޓްޝަންތައް " މި މައުޟޫގައި ލިޔުއްވާފައިވާ ރިސާލާއެއް އަޞްލަކަށް ބަލައިގެންނެވެ . މިވާހަކަތަކުގެ އަލީގައި ޢީދު ނަމާދަށާއި އެހެނިހެން ނަމާދު ތަކަށް ޙާޟިރުވާ އަންހެނުން ސަފުތަށް ހެދުމުގައި އިސްލާމްދީނުގައި ބަޔާން އައިސްފައިވާ އުސޫލުތަކަށް އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ކޮންމެވެސް އަލި އަޅުވާލެވިއްޖެކަމަށް އުންމީދުކުރަމެވެ.
މީގެއިތުރަށް މިމައިޟޫއާއި ގުޅިގެން ބައެއް ފަރާތްތަކުން އަމާޒުކޮށްފައިވާ ސުވާލުތަކަށްވެސް ޖަވާބު ހިމަނާފައިވާނެއެވެ.
އަޅުގަނޑުމެންގެ މެދުގައި ޚިޔާލު ތަފާތު ވެއްޖެނަމަ ރުޖޫޢަވާން ޖެހެނީ ކީރިތ ޤުރުއާނަށާއި ނަބިއްޔާގެ ޙަދީސް ބަސްފުޅުތަކަށެވެ. އަޅުގަނޑުމެންނަށް އެމަޞްދަރުތަކުން ޙުކުމްތައް ނަގާނެ ގޮތާއި ، އާޔަތްތަކުގެ ތަފްސީރާއި ހަދީސްގެ ޝަރަޙަ ލިބެންހުރީ މުޖްތަހިދު ޢިލްމުވެރިންގެ ބަސްފުޅުތަކުންނެވެ . މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ . فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ “ނަޙްލު 43"
މާނަ : " ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން علم ގެ أهل ވެރިންނާ سؤال ކުރާށެވެ! "
ވީމާ އަޅުގަނޑުމެން ޢިލްމު ނެތް ކަންކަމުގައި ޖަދަލުކޮށް ޒުވާބު ކޮށް ޒާތީ ކަންކަން ކުރިއަށް ނެރުމުގެ ބަަލުގައި ރުޖޫޢަވާންޖެހެނީ ޢިލްމުވެރިންގެ މަރުޖިޢުތަކަށެވެ . އަދި އިސްވެ ބުނެވުނު ފިޤްހީ ރައުޔުތަކުން ކުރިން ވިސްނިފައި އޮންނަ ގޮތާ ޚިލާފަށް އެނގުނު އެއްމައުލޫމާތަކީ ފިރިހެން ސަފުތަކުގެ ތެރޭގައި އަންހެނަކު ހުރެގެން ނަމާދުކުރާ ޙާލަތުގައިވެސް އެއަންމީހާ ކުރަނީ ކުށެއްކަމަށްވިޔަސް ، އެހާލަތުގައި ކުރާ ނަމާދު ޞައްޙަ ވާނެކަމަށް ގިނަ އިލްމުވެރިން ދެކިލައްވާފައިވުމެވެ .
ވީމާ އަންހެން ޖާގަ ވަކިކޮށްދޭފަދަ ޕާރޓްޝަނެއް ފާރެއްގެ ނުވަތަ ހުރަހެއްގެ ފަހަތުގައި ހެދޭ ފިރިހެން ސަފުތަށް ޞައްޙަ ނުވާނެކަމަށް ނުވަތަ ކުރާ ނަމާދުތަކަށް އަސަރުކުރާނެކަމަށް ބުނުމަކީ އެހާ ރަނގަޅު ބުނުމެއްކަމަށް ނުފެނެއެވެ .
އަދި އެގޮތަށް ބޭފަޅަކު ދެކިލައްވާނަމަ އެކަމުގައި ދީނީ ގޮތުން އަޅުގަނޑަށް އިތުބާރު ހުރި ޢިލްމުވެރިންގެ ރައުޔުތަކާއި އެބޭފުޅުންގެ ދަލީލުތަށް ޙިއްސާކޮށް ދިނުން އެދެމެވެ . ހިތުގެ އަޑިން ޤަބޫލުކޮށް ފުރިހަމައަށް އިޙްތިރާމް ކުރާނަމެވެ .
ލިޔުނީ : މުޙައްމަދު ޠައްޔިބު
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

