އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ނަގުދު ފައިސާއާއި ކޭޝް ކާޑުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ޚާއްޞަ ކައުންޓަރުތަކުންނެވެ. މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ:
22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް.
10 މާރިޗުން 19 މާރިޗަށް: ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރުފަހު 14:00 އަށް.
އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކުން ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލް އިދާރާއަށެވެ. ކައުންސިލްތަކުން ނަގުދު ފައިސާއާއި ގޮވާމުން ޒަކާތް ބަލައިގަތުމުގައި ބޭނުންކުރާނީ އެކަމަށްޓަކައި ޚާއްސަކޮށް ތައްޔާރުކޮށްފައިވާ "ފިޠުރު ޕޯޓަލް" ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.
މި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކުމުން، އެ މުއާމަލާތް ހުއްދަ ދެވިފައިވާ މުވައްޒަފުން ވަގުތުން ރެކޯޑުކުރާނެއެވެ. އަދި ފައިސާ ދައްކައި ނިމުމާއެކު، ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް އެ ފަރާތަކަށް ލިބޭނެއެވެ. މީގެ އިތުރުން ޞަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެއެވެ.
ކައުންޓަރުތަކުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އަހަރު ޖުމްލަ 7 ޕްލެޓްފޯމަކުން އޮންލައިންކޮށް ޒަކާތް ދެއްކޭނެއެވެ. އެއީ:
ދިރާގު މޯބައިލް އެޕް އަދި ޕޭ ވެބްސައިޓް
އުރީދޫ އެމް-ފައިސާ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެޕް)
ބޭންކް އޮފް މޯލްޑިވްސް (އެޕް)
ފަހިޕޭ
އަވަސް ޕޭ
ބަނޑޭރި ޕޭ
މީގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ. ނަމަވެސް އެހެން ޕްލެޓްފޯމުތަކުން ޒަކާތް ދެއްކޭނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

