ފެށުން
އައްޑޫ މީދޫގެ ތަޢުލީމަށާއި އިޖުތިމާޢީ ތަރއްޤީ އަދި ކުޅިވަރު ތަރައްގީ ކޮށް ކުރިއެރުވުމަށް ގިނގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަލް އުސްތާޛު ޖާދުﷲ ނަސީމު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1962 ވަނަ އަހަރުގެ މާރިޗުމަހުގެ 24 ވަނަދުވަހު އައްޑުއަތޮޅު މީދުއަށެވެ. ބައްޕާފުޅަކީ އައްޑޫ މީދޫ ފެންނާގޭ އަލްމަރުޙޫމަ މުޙައްމަދު ނަސީމު ނުވަތަ އެންމެން ދަންނަ ނަމުންނަމަ އެދުރުގޭ ނަސީމު އެވެ. މަރުޙުމު މުޙައްމަދު ނަސީމަކީ ނަވާރަ ވަނަ ޤަރުނގެ ފަހުކޮޅު ދިވެހިރާއްޖޭގެ އުއްތަމަ ފަނިޑިޔާރުކަން ކުރެއްވި އަލްޤާޟީ އިބްރާހިމް މަޖުދުއްދީނު އާއި އައްޑޫ މީދޫ ގަނޑުވަރު ޙަސަންދީދީގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ތަޢުލީމީ ބޭފުޅެކެވެ. މަރުޙޫމު މުޙައްމދު ނަސީމު ތަޢުލީމު ޙާޞިލު ކުރައްވާފައިވަނީ މާލޭގެ މަދުރަސަތުއް ސަނިއްޔާ (މިހާރުގެ މަޖީދިއްޔާ ސްކޫލް) އިންނެވެ. މުޙައްމދު ނަސީމުގެ ތަޢުލީމީ ޙަޔާތްޕުޅު ނިންމަވާލެއްވުމަށްފަހު އުފަން ރަށަށް ވަޑައިގެން ރަށު މަދަރުސާ ގައި ކިޔަވާ ދެއްވަން ފެއްޓެވިއެވެ. އަދި ހަމަ އެދުވަސްވަރުން ފެށިގެން މީދޫ ކުޑަކަތީބު ކަމާއި ކަތީބު ކަމާއި ބޮޑުކަތީބު ކަމުގެ އިތުރުން އަވަހާރަވުމުގެ އާލާސްކަންފުޅާ ހަމަޔަށް ހުންނެވީ އެޓޮލްސް އެޑްމިނިސްޓްރީގެ ރާއްޖެތެރޭގެ އެހީތެރޔާގެ މަގާމުގައެވެ. އަލް އުސްތާޛު ޖާދުﷲ ނަސީމުގެ މައްމާފުޅަކީ އައްޑޫ މީދުއަށް އުފަން އަލްފާޟިލާ ސަޢާދާ ޢަލީއެވެ.
އިޖުތިމާޢީ ރޮނގުންނާއި ކުޅިވަރުގެ މައިދާނުގައި މީދުއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލް އުސްތާޛުޖާދުﷲ ނަސީމު ވަރަށް ކުއްލިގޮތަކަށް މިފަނާވަނިވި ދުނެޔެއަށް ޢަލްވަދާޢު ވިދާޅުވީ، މީލާދީން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވީ ބުރާސްފަތު ދުވަހު ރޭ 11:35 ގައި ހުޅުމީދޫ ޞިއްޙީ މަރުކަޒުގައެވެ. އެއީ ހިޖުރީގޮތުން 1447 ވަނަ އަހަރުގެ ޒިލްޙިއްޖާ މަހު 22 ވަނަ ދުވަހުގެ ރެއެވެ. މީދާދީ ގޮތުން ބަލާއިރު އަވަހާރަވީއިރު ޢުމުރުފުޅަކީ 63 އަހަރެވެ. ޖާދުﷲ އަވަހާރިވިއިރު 2 ފިރިހެންބޭފުޅުންނާއި 2 އަންހެން ބޭފުޅުން އަދި އަބިކަނބަލަކު އިންނެވިއެވެ.
ތަޢުލީމީ ޙަޔާތް
ތަޢުލީމީ ރޮނގުން މަތީ އަރުތަ ތަކެއް ޙަޞިލުކުރައްވައިގެން ހުންނެވި އަލް އުސްތާޛު ޖާދުﷲ ނަސީމުގެ ތަޢުލީމީ ޙަޔާތްޕުޅު ފެށިފައިވަނީ މީދޫ މަދަރުސަތުލް ހިދާޔާ އާއި މަދަރުސަތުއް ޒަހަބިއްޔާ އިންނެވެ. އަދި މީގެ އިތުރުން ރަށުގެ އެކިއެކި ޢިލްމުވެރި ބޭފުޅުންގެ އަރިހުން ތަޢުލީމު ޙާޞިލު ކުރައްވާފައި ވެއެވެ. ޚާއްޞަ ގޮތެއްގައި ފަޟީލަތުއްޝައިޚު އުސްތާޒު އަޙުމަދު ވަޙީދު ޢަލީ ގެ އަރިހުން ގިނަދުވަސްތަކެއް ވަންދެން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ކަން ފާހަގަކޮށްލަމެވެ. މަތީ ތަޢުލީމުގެ ރޮނގުން އަލް މަރުޙޫމު އަލްއުސްތާޒު ޖާދުﷲ ނަސީމު އެންމެ ފުރަތަމަ ޙާޞިލު ކުރެއްވި ސަނަދަދަކީ އިނގިރޭސިވިލާތުގެ އޮކްސްފޯރޑު ކޮލެޖުން ޙާޞިލުކުރައްވާފައިވާ ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓރޭޝަން އެވެ. އޭގެފަހުން ވިލާ ކޮލެޖުން ބެޗެލާރސް އިން ޝަރީޢާ އެންޑް ލޯ ޙާޞިލު ކުރެއްވުމަށްފަހު 2020 ވަނައަހަރު މާސްޓާރސް އިން ޝަރީޢާ އެންޑް ލޯ ޙާޞިލު ކުރައްވާފައިވެއެވެ. އަލް އުސްތާޛު ޖާދުﷲ ނަސީމަކީ ދިވެހިރާއްޖޭގެ ބާކައުންސިލްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި ދަފްތަރު ކުރެވި، ރާއްޖޭގެ ކޯޓު ތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެވެކެވެ. އެގޮތުން އަލް އުސްތާޛު ޖާދުﷲ ނަސީމު، ރާއްޖޭގެ މަޝްހޫރު ބައެއް ލޯފާމްތަކުގައި ފުލްޓައިމް ލޯޔަރެއްގެ ޙައިޡިއްޔަތުން މަސައްކަތް ކުރައްވާފައި ވެއެވެ.
އަލް އުސްތާޛު ޖާދުﷲ ނަސީމަކީ ފޮތްތައް ވިދާޅުވުމަށާއި ދިރާސާ ކުރެއްވުމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ. އަލް އުސްތާޛު ޖާދުﷲ ނަސީމުގެ ޙަޔާތުގެ ފަހުދުވަސްތައް ހޭދަކުރައްވާފައިވަނީ އިސްލާމްދީނާއި ބެހޭގޮތުން ޢިލްމުވެރިން ލިޔުއްވާފައިވާ ޢިލްމީ ފޮތްތަކާއި ލިޔުންތައް ދިރާސާ ކުރެއްވުމާއި ޤުރުއާން ތަފްސީރު މުޠާލިޢާ ކުރެއްވުމާއި ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވުމުގައެވެ.
ޚިދުމަތްތެރިއެއް
ޖާދުﷲ ނަސީމުގެ ޢާއްމު ޚިދުމަތްތަކުގެ ތެރެއިން ފާހަގކޮށްލެވޭ އެންމަ އަގުހުރި އެއް ޚިދުމަތަކީ މީދު ސްކޫލުގައި މުދައްރިސެއްގެ ގޮތުގައި ހުންނވައިގެން މީދޫގެ ތަޢުލީމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކެވެ. އެގޮތުން 1980 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރާ ހަމައަށް މީދޫ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ޙަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ. އަދި ހަމަ މިދުވަސްވަރު މީދޫ އޮފީހުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ދަރުމަވެރިއެއްގެ ހައިސިއްޔަތުން ރަށުގެ ރަޖިސްޓްރީ އެކުލަވާލުމަށްޓަކައި ހިންގި ޚާއްޞަ ޕްރޮޖެކްޓެއްގައި ގޯތީގެ ޗާޓު ކުރެހުމާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލުން އެކުލަވާލުމުގެ މަސައްކަތުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވާފައިވެއެވެ. އަލް އުސްތާޛު ޖާދުﷲ ނަސީމު އެންމެ ފުރަތަމަ އަދާކުރެއްވި ސަރުކާރުގެ ވަޒީފާ އަކީ ސ. މީދޫ ކޯޓުގެ ކާތިބުކަމުގެ ވަޒީފާ އެވެ.
ޖާދުﷲ ނަސީމަކީ ކުޅިވަރަށް ލޯބިކުރެއްވި މޮޅު ކުޅުންތެރިއެކެވެ. 1980 ގެ އަހަރުތަކުގައި ކުރިއަރައިގެން އައި މީދޫގެ ވޯލީ ބޯޅަ ޓީމުގެ އެއްމެ ފާހަގަ ކުރެވޭ އެއް ކުޅުންތެރިއަކީ ޖާދުﷲ އެވެ. މިދުވަސްވަރު މިޑުގެ ކުޅިވަރު ދިރުވައި އާލަކުރުމަށާއި ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ އެއް މޭސްތިރި އަކީވެސް ޖާދުﷲ ނަސީމެވެ. އަތޮޅު ފެންވަރުގައި ބޭއްވުނު މުބާރާތަކުން އެންމެފުރަތަމަ މީދުއަށް ރަންވަނަ ޙާޞިލުކުރި، މީދޫ ވޮލީ ބޯޅަޓީމުގެ ކެޕްޓަނަކީ ޖާދު ކަން ފާހަގަކޮށްލެވެއެވެ.
ޖާދުﷲ ނަސީމުގެ އިޖުތިމާޢީ ޚިދުމަތަށް ބަލާއިރު، ފާގަ ކޮށްލެވޭ އެއްމެ ބޮޑު އެއް ޚިދުމަތަކީ، 1990 ގެ އަހަރުތަކުގެތެރޭގައި މީދޫގެ އިޖުތިމާޢީ ތަރައްގީއަށް މަސައްކަތް ކުރުމަށް އުފެއްދީ ފައުންޑޭޝަން ފޮރ މީދޫ ޑިވެލޮޕްމެންޓުގެ ރަޢީސް ކަމުގެ މަޤާމުގައި ހުންނަވައިގެން ކޮށްދެއްވާފއިވާ ޚިދުމަތްތަކެވެ. އެގޮތުން މީދޫ އިޖުތިމާޢީ މަރުކަޒު ތަރައްގީ ކުރުމަށް ހިންގުނު ޕްރޮޖެކްޓުގެ އިސްމޭސްތިރިއަކީ ޖާދުﷲ ނަސީމުކަން ފާހަގަކުރެވެއެވެ.
އަދާކުރެއްވި ވަޒީފާ ތަކާއި އަމިއްލަ މަސައްކަތް
އަލް އުސްތާޒު ޖާދުﷲ ނަސީމު އެންމެ ފުރަތަ އަދާކުރެއްވި ސަރުކާރުގެ ވަޒީފާ އަކީ ސ. މީދޫ ކޯޓުގެ ކާތިބުކަމުގެ ވަޒީފާ އެވެ. އޭގ ފަހުން މީދޫ ސްކޫލުގެ މުދައްރިސު ކަން އަދާކުރައްވާފައި ވެއެވެ. ޖަދުﷲ ނަސީމު މާލެ އަށް ވަޑައިގަތުމަށްފަހު ބައެއް ޓޫރިސްޓު ރިސޯރޓު ތަކުގެ އިދާރީ ދާއިރާ ތަކުގައި ވަޒީފާ އަދާ ކުރައްވާފައި ވެއެވެ.
ރިސޯރޓު ލައިފުން ވަކިވުމަށްފަހު އަމިއްލަ އެކިއެކި ވިޔަފާރިތަކުގައި ކޮންސަލްޓެންޓެއްގެ ޙައިޡިއްޔަތުން ނާއި އިދާރީ އިސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ބައެއް ޕްރޮޖެކްޓް ތައް ނަންގަވައިގެން މަސައްކަތް ކުރައްވާފައިވާކަން ފާހަގަ ކޮށްލަމެވެ.
އަލް މަރުޙޫމު އަލް އުސްތާޛު ޖާދުﷲ ނަސީމުގެ ލެގެސީ އަކީ ތަޢުލީމާއި އިޖުތިމާޢީ ޚިދުމަތުގެ މޫނުބަލާ ލޯގަނޑެކެވެ. ޖާދުﷲ ނަސީމު މީދުއަށް، މީދޫގެ ޒުވާނުންނަށް ކޮށްދެއްވާފއިވާ އަގުނުކުރެވޭ ޚިދުމަތްތެރި މަސައްކަތްތައް މިއަދުވެސް އުފާވެރިކަމާއެކު ފާހަގަ ކޮށްލެވެއެވެ. އަލުގަނޑުގެ ދުޢާއަކީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ޢާއިލާ އަށް ކެތްތެރިކަން ދެއްވުމެވެ. އާމީން!
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

