މުޖުތަމަޢު ކުރިއެރުވުމަށްޓަކައި ބޭނުންވަނީ ހަރުދަނާ ލީޑަރުންނެވެ. ހަރުދަނާ ލީޑަރުންނަކީ ތެދުވެރިކަމާއި، ޢަދުލުވެރިކަމާއި، ޙިކުމަތްތެރިކަމާއެކު މުޖުތަމަޢު އިސްލާޙުކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ބައެކެވެ.
މިފަދަ ފަރާތްތަކަކީ އެބައެއްގެ މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި އަގުނުކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މިފަދަ ލީޑަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރ މީދޫ މަރްޔަމް ޝަޒްލީނަކީ ފާހަގަކޮށްލެވޭ އެއް ބޭފުޅެކެވެ.
ޝަޒްލީނުއަކީ ހުޅުމީދޫގައި އިޙުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެކަމަނާއަކީ ދިވެހިރާއްޖޭގެ ބޭންކިންގ ދާއިރާގައި ތަޖުރިބާކާރު އަންހެން ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބޭންކު އޮފް މޯލްޑިވުސް ގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޝަޒްލީނު ވަނީ، ބީއެމްއެލް ހުޅުމީދޫ ބްރާންޗުގެ މެނޭޖަރު ކަމުގެ އިތުރުން ބީއެމްއެލް މަޖީދީމަގު ބްރާންޗް، ބީއެމްއެލް މާފުށި ބްރާންޗު އަދި ކުރީގެ ބީއެމްއެލް ލައިޓު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވެސް އަދާ ކުރައްވާފައެވެ. މުޖުތަމަޢުގެ އިތުބާރާއި ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ޝަޒްލީނަކީ ވަޒީފާގެ ޒިންމާތަކުގެ އިތުރުން މުޖުތަމަޢުގެ އެކިއެކި ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ވަޒީފާގެ ދާއިރާއިން އޭނާއަށް ލިބިފައިވާ ތަޖުރިބާއާއި ތަމްރީނާއެކު އޭނާގެ ލީޑަރޝިޕާއި ޤާބިލުކަން އިޖުތިމާޢީ ދާއިރާއިންވެސް ފެނިގެންދެއެވެ.

ވަޒީފާގެ އިތުރުން ޝަޒްލީން މިވަގުތު ދަނީ ދިވެހި ބަހާއި، ތާރީޚާއި، ސަޤާފަތާއި، އާދަކާދަ ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ "ޝާޢިރުންގެ ވާދީ" ގެ ނާއިބު ރައީސްގެ މަޤާމު ފުރުއްވަމުންނެވެ.
"ޝާޢިރުންގެ ވާދީ" ޖަމްޢިއްޔާގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ޝަޒްލީން ވަނީ ދިވެހި ބަހާއި ސަގާފަތް ދިރުވައި އާލާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން ހުޅުމީދޫގައި ބޭއްވިފައިވާ އެކިއެކި ހަރަކާތްތަކުގައި ޝަޒްލީނުގެ ބޮޑު ދައުރެއް ފެނިގެންގޮސްފައިވެއެވެ.
ތަފާތު އެކި މުނާސަބަތުތައް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތަކާއި، ޅެންވެރިކަމުގެ މުބާރާތްތަކާއި، ދިވެހި ސަގާފީ ކުޅިވަރުތައް ދިރުވުމަށް ބޭއްވުނު ހަރަކާތްތަކުގައި ޝަޒްލީންގެ އިސްނެގުން ފާހަގަކޮށްލެވެއެވެ.
އަދި މީގެ އިތުރަށް ޝަޒްލީނާއަކީ މީދޫގެ ހަރަކާތްތެރި ޖަމްޢިއްޔާތަކުގެ ތެރެއިން "މީދޫ އެކުވެރިންގެ ޗޭނު" ގެ އެއް މުއައްސިސެވެ. މި ޖަމްޢިއްޔާގެ ނާއިބު ރައީސެއްގެ ހައިސިއްޔަތުން ޝަޒްލީން ވަނީ 10 އަހަރަށްވުރެ ގިނަ ދުވަހު ޖަމްޢިއްޔާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވާފައެވެ.
ޝަޒްލީނަކީ ޙަޤީޤީ ލީޑަރެއްގެ ސިފަތައް ފުރިހަމައަށް ލިބިފައިވާ ބޭފުޅެކެވެ. މިގޮތުން އެކަމަނާގެ ކިބައިގައި ހުރި ހިންގުންތެރިކަމާއި، ޒިންމާދާރުކަމާއި، އިޖުތިމާޢީ ހޭލުންތެރިކަމަކީ ކޮންމެ ލީޑަރެއްގެ ކިބައިގައިވެސް ހުންނަންޖެހޭ ސިފަތަކެވެ. ޝަޒްލީނުގެ ލީޑަރޝިޕް ސްޓައިލްއަކީ އެހެން މީހުންނަށް ބާރުވެރިކަން ދިނުމާއި، އެހެން މީހުންގެ ޚިޔާލުތަކަށް އިޙްތިރާމްކުރުމާއި، އެހެން މީހުންނަށް ފުރުޞަތު ދިނުމުގެ މައްޗަށް ބިނާވެފައިވާ ސްޓައިލެކެވެ.
ޝަޒްލީނުގެ ކާމިޔާބީގެ ސިއްރަކީ އިޚްލާޞްތެރިކަމާއި، ހިތްވަރާއި، ކެތްތެރިކަމާއެކު މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ޖޯޝެވެ. މި ސިފަތަކުގެ ސަބަބުން ޝަޒްލީން ވަނީ ހުޅުމީދޫގެ ރައްޔިތުންގެ އިތުބާރާއި ލޯތްބާއި އިޙްތިރާމް ހޯއްދަވާފައެވެ. ޝަޒްލީން ފަދަ ލީޑަރުން އިތުރުވެގެން ދިޔުމަކީ ދިވެހި މުޖުތަމަޢަށް ނުހަނު ބޭނުންތެރިކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

