ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ސުލްހައިގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔެ ފާހަގަކުރާ ދުވަހެވެ.
2026 ވަނަ އަހަރުގެ ޝިއާރު: ސުލްހައަށް އިންވެސްޓްކުރަމާ - ކޮންމެ މީހަކަށް، ކޮންމެ ތަނަކަށް، ކޮންމެ ދުވަހަކު
މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ހަލަބޮލިކަމުގެ ތެރޭގައި، ސުލްހަ ހޯދުމަކީ ބުރަ މަސައްކަތަކަށް ވީނަމަވެސް، އެއީ އިންތިހާއަށް މުހިންމު އަދި އަވަސް ހައްލެއް ބޭނުންވެފައިވާ ކަމެކެވެ.

ސުލްހައަކީ ހަމައެކަނި ހަނގުރާމައެއް ނެތުމެއް ނޫނެވެ. އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެންމެން ގުޅިގެން ކުރިމަތިލުމަށް ބޭނުންވާ އެންމެ މުހިންމު ބިންގަލެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި އިހުސާސްކުރެވޭ ރައްކާތެރިކަމާއި، ކަރާމާތާއި، ފުރުސަތުތަކާއި އަދި އެކަކު އަނެކަކަށް އެހީތެރިވެ އުޅުމެވެ.
"ސުލްހައަށް އިންވެސްޓްކުރަމާ: ކޮންމެ މީހަކަށް، ކޮންމެ ތަނަކަށް، ކޮންމެ ދުވަހަކު" މި ޝިއާރުގެ ދަށުން، މިއަހަރުގެ ބައިނަލްއަގުވާމީ ސުލްހައިގެ ދުވަހު ހާއްސަ އިސްކަމެއް ދެނީ "ސުލްހައިގެ ބިނާކުރަނިވި މަސައްކަތްތެރިން" ނަށެވެ. އެއީ އަމިއްލަ މުޖުތަމައުތަކުގައި ހަމަޖެހުން ގާއިމުކޮށް، ދެމެހެއްޓެނިވި ސުލްހައެއްގެ ބިންގާ އެޅުމަށް ކޮންމެ ދުވަހަކު އަމަލީ ގޮތުން މަސައްކަތްކުރާ ފަރާތްތަކެވެ.
ހަނދާން ބަހައްޓަވާށެވެ؛ ސުލްހައަކީ ހަމައެކަނި ބޮޑެތި ކޮންފަރެންސް ރޫމްތަކުގައި ބިނާކުރެވޭ އެއްޗެއް ނޫނެވެ. އެއީ ކޮންމެ މީހަކު، ކޮންމެ ތަނެއްގައި، ކޮންމެ ދުވަހަކު ކުރާ މަސައްކަތުން ބިނާވާ އެއްޗެކެވެ.
ކޮންމެ މީހަކަށްވެސް، ކޮންމެ ތަނެއްގައި ހުރެގެންވެސް ސުލްހައަށްޓަކައި މަސައްކަތް ކުރެވިދާނެއެވެ. ސުލްހަ ގާއިމުކުރުމަށް ކޮންމެ ދުވަހަކުވެސް ކުޑަ ނަމަވެސް ފިޔަވަޅެއް އަޅުއްވާށެވެ:
ސުލްހައިގެ މަޝްވަރާ ބައްދަލުވުންތައް ބާއްވާށެވެ - މިއީ ހައްލުތައް ހޯދުމަށް ޒުވާނުން އިސްނަގައިގެން އެކި ޖީލުތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކެކެވެ.
ސުލްހައާއި އުންމީދުގެ ވާހަކަތައް ފެތުރުމަށް ތިބާގެ ވަސީލަތްތައް ބޭނުންކުރައްވާށެވެ.
މި ހޭޝް ޓެގް InvestInPeace# ބޭނުންކޮށްގެން، ސުލްހައާއި އިންސާފު ގާއިމުކުރުމަށް ތިބާ ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

