# 2024-2025 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޖީސީއީ އޯލެވެލް އިމްތިހާނުން މުޅި ރާއްޖެއިން 2 ވަނަ ހޯދި ޢާއިޝަތު މަނާލް ޢަލީ
ސ. އަތޮޅު މަދަރުސާގެ 2024-2025 ވަނަ ދިރާސީ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ކުލަގަދަ ގޮތެއްގައި ބާއްވައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ އެ ސްކޫލުގެ ހޯލުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަރްޔަމް ފިޒާނާ ރަޝީދެވެ. މި ޖަލްސާގައި މަތީ ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ އިތުރުން، އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ބޭއްވުނު އެކި މުބާރާތްތަކުން ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.
2024-2025 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޖީސީއީ އޯލެވެލް އިމްތިހާނުން މުޅި ރާއްޖެއިން 2 ވަނަ ހޯދި ޢާއިޝަތު މަނާލް ޢަލީއެވެ. އޭނާ ދެއްކި ވާހަކައިގައި، މިއީ ގްރޭޑް 7 އިން ފެށިގެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި، މި ކާމިޔާބީއަކީ އެތައް ގުރުބާނީތަކެއްގެ ނަތީޖާ ކަމުގައި ފާހަގަކުރިއެވެ.
ޖަލްސާގެ ޝަރަފުވެރި މެހުމާނު މަރްޔަމް ފިޒާނާ ރަޝީދު ދެއްކެވި ވާހަކަފުޅުގައި، އިލްމު އުނގެނުމުގެ މުހިންމުކަމާއި، ލިބޭ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ދެނެގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދަރިވަރުންނާއި ބެލެނިވެރިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވިއެވެ.
މީގެއިތުރުން، 556 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން އަންނަ އެ ސްކޫލުގެ ޕްރިންސިޕަލް ނާޒްނީން ޢަބްދުﷲ ދީދީ ވިދާޅުވީ، ދަރިވަރުންގެ ހަގީގީ ކާމިޔާބީއަކީ ހަމައެކަނި ރިޕޯޓް ފޮތުގައި އޮންނަ މާކްސް ނޫން ކަމަށެވެ. އަދި ތަޢުލީމުގެ މި މަރުހަލާއަކީ މަންޒިލެއް ނޫން ކަމަށާއި، މިއީ އިތުރު ކާމިޔާބީތަކަށް ވާސިލުވުމަށް ލިބުނު އައު ފެށުމެއް ކަމަށް ބަލައިގެން ގަދައަޅައި މަސައްކަތް ކުރުމަށް އެކަމަނާ ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެމުން އަންނަ ސ. އަތޮޅު މަދަރުސާއަކީ ޚިދުމަތުގައި 44 އަހަރު ވެފައިވާ، ދެކުނުގެ ތަޢުލީމީ މުހިންމު ބިނާއެކެވެ.
ޚަބަރު :އަމީން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

