ރަޝިޔާގެ ކަބާރްޑިނޯ-ބަލްކާރިއާ ސަރަހައްދުގެ ފަރުބަދަމަތީގައި ސަލާމަތީ އިދާރާތަކުގެ މުވައްޒަފުން ތަމްރީނު ހަދަމުން ދަނިކޮށް، ސުނޯގަނޑެއް ކަހާލައިގެން ހިނގި ހާދިސާއެއްގައި 11 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ އެމަޖެންސީ މިނިސްޓްރީން ހާމަކޮށްފިއެވެ. މީގެ އިތުރުން ހަ މީހަކު އަދިވެސް ނުފެންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރަޝިޔަން މައުންޓަނިއަރިން ފެޑެރޭޝަނުގެ އޮފިޝަލެއް ކަމަށްވާ އެލެގްޒެންޑަރ ޔަކޮވެންކޯ ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާދިއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ބެޒެންގީ ކަނޑުއޮޅި ސަރަހައްދުގައި ގަނޑުފެންމަތީގައި ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތައް ހަދަމުން ދިޔަ ވަގުތު، އެ މީހުން ތިބި ވަގުތީ ކޭމްޕަށް ސުނޯގަނޑު ފައިބާފައިވާ ކަމަށެވެ. މި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ އާންމު އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ.
"މިއީ އާންމުކޮށް ފަރުބަދައަށް އެރުމުގެ ހަރަކާތެއް ނޫން، މިއީ ހާއްސަ ތަމްރީނު ޕްރޮގްރާމެއް،"
ޔަކޮވެންކޯ ވިދާޅުވިއެވެ.
"ބައިވެރިން ފޭލިގެ ޖަހައިގެން ކޭމްޕް ހެދުމަށްފަހު، ގަނޑުފެންމަތީގައި ދަތުރުފަތުރުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ގޮތްތައް ދަސްކުރުމަށް ދެތިން ދުވަހު ބޭރުގައި ހަރަކާތްތެރިވޭ. ތަމްރީނު ނިމުމުން އެ މީހުން އެނބުރި އަންނަން ހަމަޖެހިފައިވަނީ ދާއިމީ ކޭމްޕަށް."
ޔަކޮވެންކޯ ވިދާޅުވިއެވެ.
ޔަކޮވެންކޯ އިތުރަށް ވިދާޅުވީ، ފަރުބަދައިގެ މާ މަތިން ވަރަށް ބޮޑު ސްނޯ އާއި ގަނޑުފެންގަނޑެއް ނެއްޓިގެން ގަނޑުފެން ކޯރަށް (ގްލޭޝިއާ) ފޭބުމުގެ ސަބަބުން، އޭގެ ތިރީގައި ހުރި ތަކެތި ކަހާލައިގެން ދިޔައީ ކަމަށެވެ.
އެމަޖެންސީ މިނިސްޓްރީން ބުނި ގޮތުގައި 11 މީހަކު މަރުވެފައިވާކަން މިހާތަނަށް ވަނީ ކަށަވަރުވެފައެވެ. އަދި ހަ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ ގްރޫޕުގެ 10 މީހަކު ވަނީ އެއްވެސް އެހީތެރިކަމަކާ ނުލައި ރައްކާތެރި ހިސާބަށް ފައިބާފައެވެ. ރެސްކިއު ޓީމުތަކުން މިހާރު ދަނީ ގެއްލިފައިވާ ހަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސުނޯގަނޑު ފޭބި ސަރަހައްދު ބޮޑުވުމުގެ އިތުރުން، އިތުރަށް ސުނޯގަނޑު ކަހާލުމުގެ ބިރު އޮތުމުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެމަޖެންސީ މިނިސްޓްރީން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނުގައި 56 މީހުން ހަރަކާތްތެރިވަމުންދާއިރު، މޫސުން ތަންދޭ މިންވަރަކުން ހެލިކޮޕްޓަރުގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ.
ޔަކޮވެންކޯ އިތުރަށް ވިދާޅުވީ، މި ހަރަކާތުގައި ބައިވެރިވި މީހުންނާއި އިންސްޓްރަކްޓަރުންނަކީ ކަމާބެހޭ ފެންވަރުގެ ތަމްރީނު ލިބިފައިވާ ބައެއް ކަމަށާއި، ރަޝިޔަން މައުންޓަނިއަރިން ފެޑެރޭޝަނުގެ ޕްރޮގްރާމްތަކުގެ ދަށުން ސަލާމަތީ ބާރުތަކަށް މިފަދަ ތަމްރީނު ދިނުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

