ގަތަރުގެ ދޯހާގައި ކުރިއަށްދާ އެފް.އައި.ވީ.ބީ ވޮލީބޯލް ބޯއީސް އންޑަރ 17 ވޯލްޑް ޗެމްޕިއަންޝިޕްގެ ގަދަ 16 ގެ ބުރުގައި، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ 3-1 ސެޓުން ބަލިކޮށް، އާޖެންޓީނާއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އާޖެންޓީނާގެ އިތުރުން ވެނެޒުއޭލާ، ފްރާންސް، ބްރެޒިލް، އީރާން، ޕޮލެންޑް، ރޫމޭނިއާ އަދި ޕާކިސްތާނު ވެސް ވަނީ މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިފައެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި އެއްވެސް މެޗަކުން ބަލިނުވެ ނޮކައުޓް ބުރަށް ދަތުރުކުރި އިޓަލީގެ މައްޗަށް އާޖެންޓީނާއިން ކުރިހޯދީ 25-20، 25-23، 20-25 އަދި 25-16 އިންނެވެ. މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ވެލެންޓިން ޓޯމަސް ބިއަންޗީ ވަނީ 26 ޕޮއިންޓް ހޯދައިދީ، މޮޅު ކުޅުމެއް ދައްކާފައެވެ.

މީގެ އިތުރުން، ބަލްގޭރިއާ އަތުން ފުރަތަމަ ދެ ސެޓުން ބަލިވެފައި އޮއްވާ، ފަހަތުން އަރައި 3-2 ސެޓުން މެޗު ކާމިޔާބުކޮށް ވެނެޒުއޭލާ ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 28-30، 17-25، 25-19، 25-18 އަދި 15-12 އިންނެވެ. ވެނެޒުއޭލާގެ ބެންޖަމިން ޖޯސޫ ގާސިއާ ވަނީ އެ ޓީމަށް 20 ޕޮއިންޓް ހޯދައިދީފައެވެ.

ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ސްޕެއިންއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 ސެޓުން ކާމިޔާބުކޮށްގެންނެވެ. ދެ ގަޑިއިރާއި 34 މިނެޓަށް ދެމިގެންދިޔަ މި މެޗުގައި ފްރާންސްގެ އެންޓޮނިން ބޮނާޑް ވަނީ 30 ޕޮއިންޓް ހޯދައިފައެވެ. އީރާނުން ކުއާޓާގެ ޖާގައެއް ހޯދީ ޗައިނީސް ޓައިޕޭ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އެ ޓީމުގެ ކެޕްޓަން ސީނާ ހަޒްރަތީ ވަނީ 20 ޕޮއިންޓް ހޯދައިދީފައެވެ.

ބްރެޒިލުން އިންޑިއާގެ މައްޗަށް 3-0 ސެޓުން ކުރިހޯދިއިރު، ރޫމޭނިއާއިން ޓިއުނީޝިއާ ބަލިކުރީ 3-1 ސެޓުންނެވެ. ޕޮލެންޑުން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ދެ ސެޓުން ބަލިވެފައި އޮއްވާ، ފަހަތުން އަރައި 3-2 ސެޓުން މެޗު ކާމިޔާބުކުރިއެވެ. ހަމައެފަދައިން ޕާކިސްތާނުން ވެސް ވަނީ މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ދެ ސެޓުން ބަލިވެފައި އޮއްވާ، ފަހަތުން އަރައި 3-2 ސެޓުން މޮޅުވެ ކުއާޓާގެ ފަހު ޖާގަ ހޯދާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

