ދޯހާގައި ކުރިއަށްދާ އެފް.އައި.ވީ.ބީ ވޮލީބޯލް ބޯއިސް އަންޑަރ-17 ވޯލްޑް ޗެމްޕިއަންޝިޕްގެ ފަސްވަނަ ދުވަހު ބްރެޒިލް، އީރާން އަދި އިޓަލީން ވަނީ އެޓީމުތައް ކުޅުނު ތިންވަނަ މެޗު ކާމިޔާބުކޮށް، ގަދަ 16 ގެ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. މީގެ އިތުރުން ޓިއުނީޝިއާ އާއި މިޞްރުން ވެސް ދެވަނަ މޮޅެއް ހޯދައި، ނޮކައުޓް މަރުޙަލާއާ ގާތަށް ޖެހިލާފައެވެ.

އިޓަލީން ގްރޫޕް ބީގެ އެއްވަނަ ހޯދީ ނުވަ ޕޮއިންޓާއެކުގައެވެ. ބްރެޒިލް އަށް ގްރޫޕް ސީގެ އެއްވަނަ ލިބުނީ އަށް ޕޮއިންޓާއެކުގައެވެ. އަދި އީރާނުން ގްރޫޕް އީގެ އެއްވަނަ ކަށަވަރުކުރީ ނުވަ ޕޮއިންޓާއެކުގައެވެ. ގްރޫޕް އޭގައި ޓިއުނީޝިއާ އޮތީ ހަ ޕޮއިންޓާއެކު ދެވަނައިގައެވެ. މިއީ ފްރާންސާ އެއްވަރު އަދަދެކެވެ. ގްރޫޕް ސީގެ ތިންވަނައިގައި އާޖެންޓީނާ ތިން ޕޮއިންޓާއެކު އޮތްއިރު، ގްރޫޕް އީގެ ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތީ ޗައިނީޒް ތައިޕޭއެވެ. ޤަޠަރާއި ކިއުބާ އޮތީ ގްރޫޕް އޭ އަދި ބީގެ ހަތަރުވަނައިގައެވެ.
ބްރެޒިލް އިން ގްރޫޕް ސްޓޭޖު ނިންމާލީ އާޖެންޓީނާ އަތުން ސީދާ ތިން ސެޓުން (25-19، 25-15، 25-21) މޮޅުވެ، ބަލިނުވެއެވެ. މި މެޗުގައި ބްރެޒިލްގެ އެޓޭކިންގ ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އާރތަރ ޑި ޕޯލާ އަގިއާރ ލީމާ ވަނީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީފައެވެ. އަދި ކެޕްޓަން ޕެޑްރޯ ބާލިޓްޒް ޑި އަލްމެއިޑާގެ ފަރާތުން މޮޅު ސަރވިސްތަކެއް ފެނިގެންދިޔައެވެ.
ގްރޫޕް އީގައި އީރާނުން ޗައިނީޒް ތައިޕޭގެ މައްޗަށް ކުރިހޯދީ 3-0 ސެޓުންނެވެ. އީރާނުގެ ކެޕްޓަން ސީނާ ހަޒްރަތީ 15 ޕޮއިންޓް ހޯދައިދިންއިރު، ރާދާން ސާލެހީ އާއި އަޒްވާން ނަމާޒީގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޗައިނީޒް ތައިޕޭ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ހުއާންގ ޕޯ ވޭއެވެ.
އިޓަލީން ކިއުބާ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގައި އިޓަލީގެ ފެޑެރީކޯ ގުއިއޮއްޓޯ ވަނީ 19 ޕޮއިންޓް ހޯދައި މޮޅު ކުޅުމެއް ދައްކާފައެވެ. ކިއުބާގެ ކެޕްޓަން ރެއިނަލްޑޯ މާކޭޒް 11 ޕޮއިންޓް ހޯދައިދިން ނަމަވެސް، އިޓަލީގެ ވަރުގަދަ ސަރވިސްތަކާއި ބްލޮކްތަކުގެ ކުރިމަތީގައި ކިއުބާ އަށް މެޗު ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
ޓިއުނީޝިއާ އިން މުބާރާތް ބާއްވާ ޤަޠަރު ބަލިކުރީ 3-0 ސެޓުންނެވެ.
މި މެޗުގައި ޔޫސުފް މާލިކް ވަނީ 20 ޕޮއިންޓް ހޯދައި، ޓިއުނީޝިއާގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ޤަޠަރުން އަޙްމަދު ހަމްދީ ޙުސައިން އާއި އަޙްމަދު ޒިޔާދު ބެޓިއޫއީ ގިނަ ޕޮއިންޓްތަކެއް ހޯދި ނަމަވެސް، ޓިއުނީޝިއާގެ ޖުމްލަ ކުޅުން ފެނުނީ މާ ބޮޑަށް ވެސް ރަނގަޅުކޮށެވެ.
މިދުވަހުގެ އެންމެ ފަހު މެޗުގައި މިޞްރުން ވަނީ ވާދަވެރި ކުޅުމަކަށްފަހު ސްޕެއިން 3-2 ސެޓުން ބަލިކޮށްފައެވެ. މި މެޗުގައި މިޞްރުގެ އެންމެ ބޮޑު ކުރިއެރުމަކީ ބްލޮކިންގ އެވެ. މުޙައްމަދު ޢަބްދުލްޢަޒީޒް 26 ޕޮއިންޓް ހޯދައިދިންއިރު، މުޙައްމަދު އާމިރު، އުމަރު މުޞްޠަފާ އަދި ޔޫސުފް އައްލާމްގެ ފަރާތުން ވަރުގަދަ ބްލޮކްތަކެއް ފެނިގެންދިޔައެވެ. ސްޕެއިންގެ ރޮޖަރ މޮންޒޯ ލުއެންގޯ ވެސް ވަނީ 26 ޕޮއިންޓް ހޯދާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

