ލަލީގާގެ ތަށި ދިފާއުކުރުމަށާއި، ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރުމަށް ބާސެލޯނާއިން ފެށި ދަތުރުގައި، އެލްޗޭގެ މައްޗަށް 5-0 ގެ ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ.
ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން ލަ ލީގާގައި ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު އެލްޗޭ ބަލިކުރިއިރު، ރަފީނިއާ އާއި ފާމިން ލޮޕޭޒް ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަދި އަލަށް ޓީމާ ގުޅުނު އެންތަނީ ގޯޑަން ވަނީ އޭނާގެ ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ހޮނިހިރު ދުވަހު ހޯސޭ މޮރީނިއޯގެ ރިއަލް މެޑްރިޑުން އެސްޕަންޔޯލް އަތުން 2-1 އިން މޮޅުވި މެޗަށްފަހު، އާދީއްތަ ދުވަހު ބާސާއިން ދެއްކި ކުޅުމަކީ އެޓީމުން ތަށި ދޫކޮށްނުލާނެކަމުގެ އިންޒާރެއް މޮރީނިއޯއަށް ދިން މެސެޖެކެވެ.
މާޓީނޭޒް ވަލޭރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސާގެ އާ ކުޅުންތެރިޔާ ކަރިމް އަޑެޔޭމީ ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.
ވޯލްޑް ކަޕަށްފަހު ކުޅުންތެރިންގެ ފިޓްނަސް ހުރި ގޮތުން، ހަންސީ ފްލިކް ވަނީ ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅޭ ބައެއް ކުޅުންތެރިން ބެންޗުގައި ބައިތިއްބާފައެވެ.
ސްޕެއިންއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ފުރަތަމަ އެގާރައިގައި ކުޅެން އެރި ނަމަވެސް، އޭނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނެއެވެ. އެހެންނަމަވެސް ބާސާގެ ޖުމްލަ ކުޅުން ވަރުގަދަވުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރެއް މެޗަކަށް ނުކުރެއެވެ.
ރޭ ކުޅެވުނު މިމެޗުގެ 14 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރަފީނިއާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އޭނާ ވަނީ ބާސާއަށް ކުރިހޯދައިދީފައެވެ.
ޑިފެންސްގައި އެރިކް ގާސިއާ ހުށިޔާރުކަމާއެކު އެލްޗޭގެ ހަމަލާތައް ހުއްޓުވަމުންދިޔައިރު، މެދުތެރެއިން ގަވީ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެއީ އޭނާގެ ކުޅުމަށްވުރެ ބޮޑަށް، ސްޕެއިންގެ ކާމިޔާބީ ފާހަގަކުރުމަށް އޭނާގެ އިސްތަށިގަނޑު ފިޔާތޮށި ކުލައަށް ބަދަލުކޮށްފައި ހުރުމުންނެވެ.
ވާއަތު ފަޅިން ކުޅުނު ހަލުވި ކުޅުންތެރިޔާ އަޑެޔޭމީ މެޗު ފެށިއިރު ކޮންމެސް ވަރަކަށް އަރިއަޅާލާފައި އޮތް ނަމަވެސް، މެޗުގެ ތެރެއަށް ވަދެ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ރަފީނިއާއެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ގޯޑަން ވަނީ ރަފީނިއާގެ ދެވަނަ ލަނޑަށާއި، ލޮޕޭޒްގެ ފުރަތަމަ ލަނޑަށް ފުރުސަތު ތަނަވަސްކޮށްދީ، މޮޅު ކުޅުމެއް ދައްކާފައެވެ.
ޒުވާން ކުޅުންތެރިޔާ ޒަވީ އެސްޕާޓް ދިން ބޯޅައަކުން ލޮޕޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ބާސާގެ ކާމިޔާބީ ކަށަވަރުކޮށްދީފައެވެ. އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ބައިވެރިނުވެވުމުން ލޮޕޭޒްއަށް މިދިޔަ ހޫނު މޫސުމަކީ ހިތްދަތި ދުވަސްތަކެކެވެ.
ފްލިކްގެ 'ހައި ލައިން' ޑިފެންސްގެ ބަލިކަށިކަން ބައެއް ފަހަރު ފެނުނު ނަމަވެސް، ގޯލްކީޕަރު ޖޯން ގާސިއާ ވަނީ މުހިންމު ސޭވްތަކެއްކޮށް، ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ.
މެޗަށްފަހު ރަފީނިއާ ނޫސްވެރިންނަށް ބުނީ، "މެޗެއް ފަސޭހަވުން ނުވަތަ އުނދަގޫވުން ބިނާވެފައިވަނީ އަހަރެމެންގެ މައްޗަށް" ކަމަށެވެ. އަދި "އެންމެ މަތީ ފެންވަރުގައި ކުޅެފިނަމަ މޮޅުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި، މިއީ އުނދަގޫ މެޗެއް ނަމަވެސް އަހަރެމެންގެ ޒިންމާ ފުރިހަމައަށް އަދާކޮށްފިން" ކަމަށްވެސް އޭނާ ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

