ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ހަލިމަގު (ހައިވޭ) ގައި އަގުބޮޑު ލަމްބޯގިނީ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އަރިމަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް ސޯލާ ޕެނަލްތަކުގައި ޖެހި، ޕެނަލްތައް ވަނީ ފުރޮޅާލައިފައެވެ.

މި އެކްސިޑެންޓްގައި ކާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކާރުގެ އެކި ބައިތައް ނެއްޓި އެ ސަރަހައްދުގެ ބުރައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ. މީގެއިތުރުން، ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށާއި އެ ތަކެތީގެ އޮނިގަނޑަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެކްސިޑެންޓްވި މި ކާރަކީ "ލަމްބޯގިނީ ރިވެލްޓޯ" މަރުކާގެ ކާރެކެވެ. މިއީ މިވަގުތު ދިވެހިރާއްޖޭގައި ދުއްވާ އެންމެ އަގުބޮޑު އެއް ކާރެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ޑިއުޓީއާއި ފްރެއިޓް ހިމަނައިގެން މި މޮޑެލްގެ ކާރެއްގެ އަގު ގާތްގަނޑަކަށް 19 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
އަދި އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި ކާރުގެ ބައިތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

