ޗިލީގައި ބޭއްވި މި މުބާރާތުގެ ރިހި މެޑަލް ތުރުކީ ހޯދިއިރު، ލޯ މެޑަލް ހާސިލްކުރީ ޗައިނާއެވެ.
ޗިލީގައި ބޭއްވި 2026 ވަނަ އަހަރުގެ އެފް.އައި.ވީ.ބީ ވޮލީބޯލް ގާލްސް އަންޑަރ 17 ވޯލްޑް ޗެމްޕިއަންޝިޕްގެ ތަށި އެމެރިކާއިން އުފުލާލައިފިއެވެ.
އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި އެމެރިކާގެ ހައިސްކޫލް އަދި ކޮލެޖް ކުޅިވަރުގެ ވަރުގަދަކަން ފެނިގެންދިޔައިރު، އެ ގައުމުން ވަނީ ސީދާ ތިން ސެޓުން ތުރުކީ ބަލިކޮށްފައެވެ. މިއަހަރުގެ ކުރީކޮޅު ވޮލީބޯލް ނޭޝަންސް ލީގު ކާމިޔާބުކުރި ތުރުކީގެ ސީނިއާ ޓީމުގެ ކާމިޔާބީން ހިތްވަރު ލިބިގެން، އެ ގައުމުގެ އާ ޖީލުގެ ކުޅުންތެރިން ވަނީ މި މުބާރާތުގެ ރިހި މެޑަލް ހޯދައި، އެ ގައުމުގެ ވޮލީގެ ކުރިމަގު އުޖާލާކަން ސާބިތުކޮށްދީފައެވެ.

ޗިލީގެ ވެރިރަށް ސެންޓިއާގޯގެ ނޭޝަނަލް ސްޓޭޑިއަމް ޕާކުގައި ކުޅުނު މި ފައިނަލް މެޗު ބަލާލުމަށް ދެހާހަށްވުރެ ގިނަ ސަޕޯޓަރުން ޖަމާވިއެވެ. އެމެރިކާ މޮޅުވީ 3-0 ސެޓުންނެވެ (25-23، 25-11، 25-23). ތުރުކީން ފުރަތަމަ އަދި ތިންވަނަ ސެޓުގައި ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، އެމެރިކާގެ ހަމަލާތަކުގެ ކުރިމަތީގައި އެ ޓީމަށް ނަތީޖާ ބަދަލެއް ނުކުރެވުނެވެ.
އެމެރިކާގެ ފަރާތުން ފެނުނު ބައެއް ގޯސްތަކުގެ ފައިދާ ނެގުމަށް ތުރުކީން މަސައްކަތް ކުރި ނަމަވެސް، އެމެރިކާއިން ވަނީ ހުރިހާ ދާއިރާއަކުން ކުރި ހޯދާފައެވެ. އެގޮތުން ސްޕައިކްތަކުން 45-24 އިން، ސާވިސް ސުން 9-4 އިން އަދި ބްލޮކްތަކުން 12-8 އިން އެމެރިކާ ކުރި ހޯދިއެވެ. މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެމެރިކާގެ 15 އަހަރުގެ ކެރީ ކްނޮޓްސްއެވެ. އޭނާ ވަނީ ޖުމްލަ 23 ޕޮއިންޓް ހޯދައިދީފައެވެ. މީގެ އިތުރުން މާޔާ އޮގްބޯގޫ ވަނީ 18 ޕޮއިންޓާއެކު މޮޅު ކުޅުމެއް ދައްކާފައެވެ.
ތުރުކީ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ޕޮއިންޓް ހޯދައިދިން ކަގްލާ ކަގްލަޔަންޑެރޭ އަދި ޒައިނަޕް ދޮގާ އަލްޕޭއެވެ.
މީގެ ދެ އަހަރު ކުރިން ބޭއްވި ފުރަތަމަ ޔޫ-17 ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅުނު ޗައިނާ އާއި ޗައިނީޒް ތައިޕޭ، ގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ޗައިނާއަށް މިފަހަރު ލިބުނީ ތިންވަނައެވެ. އެއީ ޗައިނީޒް ތައިޕޭއާ ބައްދަލުކޮށް 3-1 ސެޓުން (26-28، 25-15، 25-19، 25-22) މެޗު ކާމިޔާބުކޮށްގެންނެވެ. ޗައިނީޒް ތައިޕޭއަށް މިފަހަރުވެސް ލިބުނީ ހަތަރުވަނައެވެ.
މިމެޗްގައި ޗައިނާގެ ފަރާތުން ފެނުނު ވަރުގަދަ ސާވިސްތަކާއެކު އެ ޓީމުން ވަނީ މެޗުގައި 13 އެސް ހޯދާފައެވެ. އެ ޓީމުގެ ރެން ސިޗެން އާއި ޗެން ރޫއިހާން އަދި ޒަންގް ޔީޖިއާ ވަނީ ޓީމަށް މުހިންމު ޕޮއިންޓްތަކެއް ހޯދައިދީފައެވެ. ޗައިނީޒް ތައިޕޭގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދިން ޗަންގް ޔުން-ޗެން އާއި ޗެން ޓިންގް-ޔީ އެވެ.
މުބާރާތުގެ ފަސްވަނަ އިޓަލީއަށް ލިބުނުއިރު، ހަވަނަ ލިބުނީ ދެކުނު ކޮރެއާއަށެވެ. ހަތްވަނަ ތައިލެންޑުން ހޯދީ ކްރޮއޭޝިއާ ބަލިކޮށްގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

