އެފް.އައި.ވީ.ބީ ވޮލީބޯޅަ ގާލްސް ޔޫ-17 ވޯލްޑް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގެ ފޯރިގަދަ މެޗުތަކަށްފަހު، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ގައުމުތައް ކަށަވަރުވެއްޖެއެވެ.
ސެންޓިއާގޯގައި ކުރިއަށްދާ މި މުބާރާތުގެ ސެމީފަނަލުން ޖާގަ ހޯދާފައިވަނީ ޗައިނީޒް ތައިޕޭ، ޗައިނާ، ތުރުކީ އަދި އެމެރިކާއެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗައިނާ އާއި ޗައިނީޒް ތައިޕޭ ސެމީ ފައިނަލަށް ދަތުރުކުރީ ފަސް ސެޓަށް ދެމިގެންދިޔަ ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ތުރުކީން ސެމީގެ ޖާގައެއް ހޯދީ މިހާތަނަށް މުބާރާތުގައި ބަލިނުވެ އޮތް ކޮރެއާ ބަލިކުރުމަށްފަހުއެވެ. އަދި އެމެރިކާ ސެމީއަށް ދަތުރުކުރީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ސެޓެއް ގެއްލުނަ ނުދީއެވެ.
ޗައިނީޒް ތައިޕޭ ސެމީ ފައިނަލުން ޖާގަ ހޯދީ ތައިލެންޑާ ބައްދަލުކުރި ފޯރިގަދަ މެޗު 3-2 ސެޓުން (15-25، 26-24، 29-27، 22-25، 15-7) ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ތައިލެންޑުން ބޮޑު ތަފާތަކުން ކުރި ހޯދި ނަމަވެސް، ޗައިނީޒް ތައިޕޭއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެ ޓީމަށް މެޗު ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ 25 ޕޮއިންޓް ހޯދައިދިން ޗަންގް ޔުން-ޗެން އެވެ. ތައިލެންޑް ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދި ނަތަމޮން އަޖްޗުއާއެވެ.

ޗައިނާ ސެމީއަށް ދަތުރުކުރީ ކްރޮއޭޝިއާއާ ބައްދަލުކުރި މެޗު 3-2 ސެޓުން (25-23، 25-21، 20-25، 19-25، 15-7) ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ދެ ސެޓު ޗައިނާއިން ކާމިޔާބުކޮށްފައި ވަނިކޮށް، ކްރޮއޭޝިއާއިން ވަނީ ޖެހިޖެހިގެން ދެ ސެޓު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ކާމިޔާބުކޮށް ޗައިނާއިން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. ކްރޮއޭޝިއާގެ އެރިން އިވޭޒިޗް ވަނީ މި މެޗުގައި 33 ޕޮއިންޓް ހޯދައިދީފައެވެ.

ތުރުކީން ވަނީ 3-1 ސެޓުން (21-25، 27-25، 25-22، 25-17) ކޮރެއާ ބަލިކޮށް، އެ ޓީމުން މުބާރާތުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެނެސްފައެވެ. ތުރުކީގެ ޒޭނެޕް ދޯގާ އަލްޕޭ 20 ޕޮއިންޓް ހޯދައިދިން އިރު، އެ ޓީމުން ވަނީ ބްލޮކް ކުރުމުގައި ވަރަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
އެމެރިކާ ސެމީއަށް ދަތުރުކުރީ އިޓަލީއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން (25-10، 25-15، 26-24) ކާމިޔާބުކޮށްގެންނެވެ. މިއީ މި މުބާރާތުގައި އެމެރިކާއިން ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. އެމެރިކާ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 19 ޕޮއިންޓް ހޯދި ކާރީ ނޮޓްސް އެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެމެރިކާ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޗައިނާއާއެވެ. ދެވަނަ ސެމީގައި ޗައިނީޒް ތައިޕޭ ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.
މީގެ އިތުރުން މުބާރާތުގެ އެހެނިހެން ރޭންކިންގް ކަނޑައެޅުމަށް ކުޅޭ މެޗުތައް ވެސް މިއަދު ކުރިއަށްދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

