މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއިން އެޗްއައިވީގެ އައު 13 ކޭސް ރިޕޯޓުކޮށްފިއެވެ.
"ޖަވިޔަނި" ނޫހުން ހުށަހެޅި އާރްޓީއައި އަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު މުޅި ރާއްޖޭގައި އެޗްއައިވީގެ 'އެކްޓިވް' ކޭސްތަކުގެ ގޮތުގައި 49 މީހަކު ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
މިއީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، ރާއްޖެއިން އެޗްއައިވީގެ ކޭސްތައް އެންމެ ގިނައިން ފެނުނު އެއް އަހަރެވެ. އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި 13 ކޭސް ފެނުމަކީ ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމަކަށް ބަލާއިރު ނިސްބަތުން ބޮޑު އަދަދެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖުލައި މަހު ފާހަގަކުރެވުނު ކޭސްތަކުގެ ތެރެއިން ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ހުޅުމާލެއިންނެވެ. އަދި އޭގެ ތެރޭގައި ގިނައީ ޒުވާނުންކަން ފާހަގަކުރެވެއެވެ. ނަމަވެސް، މި އަހަރު ފެނުނު ކޭސްތަކާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
އެޗްއައިވީ (ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް) އަކީ އިންސާނާގެ ދިފާއީ ނިޒާމަށް ހަމަލާދީ، ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދޭ 'ސީޑީ4 ޕޮޒިޓިވް ޓީ-ސެލްސް' ނައްތާލާ ރެޓްރޯވައިރަހެކެވެ. މި ސެލްތަކަކީ ހަށިގަނޑަށް އެތެރެވާ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެހެން ސެލްތަކަށް އިރުޝާދުދޭ މުހިންމު ސެލްތަކެކެވެ. މި ވައިރަސް މި ސެލްތަކުގެ ތެރެއަށް ވަދެ، އަމިއްލައަށް އުފެދި އިތުރުވާ 'ފެކްޓަރީތަކަކަށް' އެ ސެލްތައް ބަދަލުކޮށް، އެންމެ ފަހުން އެ ސެލްތައް މަރާލައެވެ.
އެޗްއައިވީއަށް ފަރުވާނުދީ ދޫކޮށްލައިފިނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމު އިންތިހާއަށް ބަލިކަށިވެ، ޓިއުބަރކިއުލޯސިސް (ޓީބީ) އާއި، އެކި ބާވަތްތަކުގެ ކެންސަރުގެ އިތުރުން ނުރައްކާތެރި އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅިގެންދެއެވެ. އަދި ސީޑީ4 ސެލް ކައުންޓް 200 އަށްވުރެ ދަށްވުމުން، އެ ހާލަތަކީ އެއިޑްސް (AIDS) ޖެހިފައިވާ ހާލަތުގެ ގޮތުގައި ކަނޑައެޅެއެވެ.
އެޗްއައިވީ ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ވަކި ދިޔަކަށް މެދުވެރިކޮށެވެ. އޭގެ ތެރޭގައި ލޭ، މަނި އަދި މައިކިރު ހިމެނެއެވެ. މި ވައިރަސް އެންމެ އާންމުކޮށް ފެތުރެނީ ރައްކާތެރިކަމެއް ނެތި ކުރެވޭ ޖިންސީ ގުޅުމާއި، ޖަރާސީމު ހުރި އިންޖެކްޝަން ކަށި ބޭނުންކުރުމުގެ ތެރެއިންނެވެ.
ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ގަވާއިދުން އެޗްއައިވީއަށް ޓެސްޓުކުރުމަށާއި، ބަލިޖެހުމުގެ ނުރައްކާ ބޮޑު މީހުންނަށް ދެވޭ "ޕްރެޕް" (PrEP) ބޭހާއި، ބައްޔަށް ހުށަހެޅޭ ހާލަތްތަކުގައި ވަގުތުން ބޭނުންކުރަންޖެހޭ "ޕެޕް" (PEP) ފަރުވާގެ ބޭނުން ފުރިހަމައަށް ހިފުމަށެވެ.
އެޗްއައިވީއަށް މުޅިން ދާއިމީ ފަރުވާއެއް އަދި ހޯދިފައި ނުވި ނަމަވެސް، ރާއްޖޭގައި އެންޓިރެޓްރޯވައިރަލް ތެރަޕީ (ART) ހިލޭ ފޯރުކޮށްދެއެވެ. މި ފަރުވާ ގަވާއިދުން ކުރިއަށްގެންދިއުމުން ލޭގައި ވައިރަސް ހުންނަ މިންވަރު މަދުކޮށްދީ، ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅުމަށާއި އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށް އެހީތެރިވެދެއެވެ.
ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް، މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވުމުގެ "ޓްރިޕަލް އެލިމިނޭޝަން" ސެޓިފިކެޓް ރާއްޖެއަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

