އަންހެން ކުދިންގެ 17 އަހަރުން ދަށުގެ ވޮލީބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލުން ތައިލެންޑް ފުރުސަތު ހޯދައިފިއެވެ. ތައިލެންޑުން މި ފުރުސަތު ހޯދީ މުބާރާތުގައި ބަލިނުވެ ކުރިއަށްދިޔަ ޕޮލެންޑް ހައިރާންކޮށްލުމަށްފަހުއެވެ. މީގެ އިތުރުން އެމެރިކާ، ޗައިނާ އަދި ކޮރެއާއިން ވެސް ވަނީ އެޓީމުތަކުގެ ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ޗިލީގައި ކުރިއަށްދާ މި މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ދެން ހިމެނެނީ ތުރުކީ، ކްރޮއޭޝިއާ، އިޓަލީ އަދި ޗައިނީޒް ތައިޕޭ އެވެ.
ބުދަ ދުވަހު ކުޅުނު މެޗުގައި ތައިލެންޑުން ވަނީ ޕޮލެންޑުގެ މައްޗަށް 3-1 ސެޓުން ކުރިހޯދާފައެވެ. ސެޓުތައް ދިޔައީ 25-19، 25-21، 10-25 އަދި 25-23 އިންނެވެ. ޕޮލެންޑަކީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރި ޓީމެވެ. މި މެޗުގައި ތައިލެންޑަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 25 ޕޮއިންޓާއެކު ނަތަމޮން އަޖޫއާ އެވެ.

އެމެރިކާއިން ވަނީ އާޖެންޓީނާގެ މައްޗަށް 3-0 ސެޓުން (25-15، 25-23، 25-15) ފަސޭހަ މޮޅެއް ހޯދައި ބަލިނުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުގައި އެމެރިކާގެ ކާރީ ނޮޓްސް އަދި މަޔާ އޮގްބޯގޫ ކޮންމެ ކުޅުންތެރިއަކު 16 ޕޮއިންޓް ހޯދައިދިނެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗައިނާއިން ވެސް ވަނީ ޑޮމިނިކަން ރިޕަބްލިކް 3-1 ސެޓުން ބަލިކޮށް ބަލިނުވެ ކުރިއަށް ގޮސްފައެވެ.
ޗައިނާގެ ޗެން ޝިންޔީ އެ ޓީމަށް 15 ޕޮއިންޓް ހޯދައިދިން އިރު، ޑޮމިނިކަން ރިޕަބްލިކްގެ ކެޕްޓަން ރޭނީ މޮންޑޭސީ ވަނީ ފާހަގަކޮށްލެވޭ ފަދަ ކުޅުމެއް ދައްކައި 31 ޕޮއިންޓް ހޯދައިދީފައެވެ.
ކޮރެއާއިން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ފިލިޕީންސް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.
އަދި ތުރުކީން ވަނީ ޖަޕާން ބަލިކޮށްފައެވެ.
މީގެ އިތުރަށް ޔޫރަޕްގެ ދެ ޓީމު ބައްދަލުކުރި މެޗުގައި ކްރޮއޭޝިއާއިން ވަނީ ޗެކް ރިޕަބްލިކް ބަލިކޮށްފައެވެ.
އިޓަލީން ޕެރޫގެ މައްޗަށް ކުރިހޯދިއިރު، ޗައިނީޒް ތައިޕޭއިން ކުއާޓާގެ ފަހު ޖާގަ ހޯދީ ވެނެޒުއޭލާ ބަލިކޮށްގެންނެވެ.
ބުރާސްފަތި ދުވަހު މުބާރާތުގެ މެޗުތައް މެދުކަނޑާލުމަށްފަހު، ކުއާޓާ ފައިނަލް މެޗުތައް ފެށޭނީ ހުކުރު ދުވަހުއެވެ. ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ:
އިޓަލީ އާއި އެމެރިކާ
ޗައިނީޒް ތައިޕޭ އާއި ތައިލެންޑް
ކްރޮއޭޝިއާ އާއި ޗައިނާ
ތުރުކީ އާއި ކޮރެއާ




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

