ޗިލީގައި ކުރިއަށްދާ އެފް.އައި.ވީ.ބީ 17 އަހަރުން ދަށުގެ އަންހެން ކުދީން ވޯލްޑް ޗެމްޕިއަންޝިޕް ވޮލީ މުބާރާތުގެ ޕްރިލިމިނަރީ ބުރުގެ ކުޅުން އަންގާރަ ދުވަހު ނިމުނުއިރު، އެމެރިކާއާއި ޗައިނާ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފުރިހަމަ ރެކޯޑަކާއެކު ގަދަ 16 ގެ ބުރަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން ޕޮލެންޑާއި ކޮރެއާ ވެސް ވަނީ އެ ގައުމުތައް ހިމެނޭ ގްރޫޕްތަކުގެ އެއްވަނަ ކަށަވަރުކޮށްފައެވެ.

ގްރޫޕް އޭ:
އެމެރިކާ ވަނީ މި ބުރުގެ ފަހު މެޗުގައި ޗެކިއާގެ މައްޗަށް 3-0 ސެޓުން (25-10، 25-13، 25-17) ކުރިހޯދައި، ކުޅުނު ފަސް މެޗުން 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. މި މެޗުގައި އެމެރިކާގެ ކާރީ ނޮޓްސް 16 ޕޮއިންޓް ހޯދައިދީފައިވެއެވެ. މި ގްރޫޕްގެ ދެވަނަ ތުރުކީން ހޯދިއިރު، ތިންވަނަ ލިބުނީ ޗެކިއާއަށެވެ. އަދި ހަތަރުވަނަ ހޯދީ ތައިލެންޑެވެ.
ގްރޫޕް ބީ:
އެންމެ ފަހުގެ ޗެމްޕިއަން ޗައިނާ ވަނީ ޕެރޫ 3-0 ސެޓުން (25-13، 25-15، 25-20) ބަލިކޮށް، ގްރޫޕްގެ އެއްވަނަ މަގާމުގައި މި ބުރު ނިންމާލާފައެވެ. ޗައިނާ ވެސް ވަނީ ކުޅުނު ފަސް މެޗުން މޮޅުވެ، އެއްވެސް ސެޓެއް ގެއްލުވައިނުލައި 15 ޕޮއިންޓް ހަމަކޮށްފައެވެ. މި މެޗުގައި ޗައިނާގެ ޒަންގް ޔީޖިއާ 12 ޕޮއިންޓް ހޯދައިދިންއިރު، އޭގެ ތެރޭގައި 11 އެޓޭކް ޕޮއިންޓް ހިމެނެއެވެ. މި ގްރޫޕްގެ ދެވަނަ ވެނެޒުއޭލާއަށް ލިބުނުއިރު، ތިންވަނަ ލިބުނީ ޕެރޫއަށެވެ. އަދި ހަތަރުވަނަ ހޯދީ ފިލިޕީންސެވެ.

ގްރޫޕް ސީ:
ޕޮލެންޑުން ވަނީ ސްޕެއިން 3-0 ސެޓުން ބަލިކޮށް، ފަސް މެޗުން 14 ޕޮއިންޓާއެކު ގްރޫޕްގެ ކުރި ހޯދާފައެވެ. ޕޮލެންޑްގެ ޒުޒާނާ ލަންޖޭ މި މެޗުގައި 16 ޕޮއިންޓް ހޯދައިދިނެވެ. މި ގްރޫޕްގެ ދެވަނަ ކްރޮއޭޝިއާއަށް ލިބުނުއިރު، ތިންވަނަ ލިބުނީ ޖަޕާނަށެވެ. ބްރެޒިލް ވަނީ ފަހު މެޗުގައި ޖަޕާން ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
ގްރޫޕް ޑީ:
ކޮރެއާ ވަނީ އަލްޖީރިއާ 3-0 ސެޓުން ބަލިކޮށް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައެވެ. ކޮރެއާގެ ޖޭންގް ސުއިން މި މެޗުގައި 13 ޕޮއިންޓް ހޯދައިދީ މޮޅު ކުޅުމެއް ދެއްކިއެވެ. މި ގްރޫޕްގެ ދެވަނަ އިޓަލީއަށް ލިބުނުއިރު، ތިންވަނަ ހޯދީ ޗައިނީޒް ތައިޕޭއެވެ. އަދި ހަތަރުވަނަ ލިބުނީ ޑޮމިނިކަން ރިޕަބްލިކަށެވެ.
ގަދަ 16 ގެ މެޗުތައް:ބުދަ ދުވަހު ފެށޭ ގަދަ 16 ގެ މެޗުތަކުގައި ބައްދަލުކުރާނެ ޓީމުތަކަކީ:
ކްރޮއޭޝިއާ - ޗެކިއާ
އިޓަލީ - ޕެރޫ
އެމެރިކާ - އާޖެންޓީނާ
ޗައިނާ - ޑޮމިނިކަން ރިޕަބްލިކް
ތުރުކީ - ޖަޕާން
ވެނެޒުއޭލާ - ޗައިނީޒް ތައިޕޭ
ޕޮލެންޑް - ތައިލެންޑް
ކޮރެއާ - ފިލިޕީންސް
މިމުބާރާތުގައި ޑޮމިނިކަން ރިޕަބްލިކްގެ ކެޕްޓަން ރޭނީ މޮންޑޭސީ ވަނީ މިހާތަނަށް ޖުމްލަ 102 ޕޮއިންޓާއެކު މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ މަގާމަށް ކުރިއަށް ޖެހިލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

