ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން ގޭމްސްގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓުން، ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޑޮމިނިކަން ރިޕަބްލިކް ރަން މެޑަލް ހޯދައި
ޑޮމިނިކަން ރިޕަބްލިކްގައި ބޭއްވުނު 25 ވަނަ ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން ގޭމްސްގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓުން، ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ރަން މެޑަލް ހޯދައި އެ ގައުމުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ޑޮމިނިކަން ރިޕަބްލިކުން ކޮލަމްބިއާގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 25-19، 25-19 އަދި 25-21 އިންނެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ރިކާޑޯ ޖިއޮރިވާ އާރިއަސް ވޮލީބޯޅަ ޕެލަސްގައި ކުޅުނު މި ފޯރިގަދަ މެޗުގައި "ލަސް ރެއިނަސް ޑެލް ކެރީބޭ" (ކެރީބިއަންގެ ރާނީން) އަށް ސަޕޯޓްކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، މުޅި ދަނޑު އޮތީ ގުގުމާލާފައެވެ.
މި ކާމިޔާބީއާއެކު ޑޮމިނިކަން ރިޕަބްލިކުން ވަނީ މި މުބާރާތުގައި ޖެހިޖެހިގެން ހަތް ފަހަރު ރަން މެޑަލް ހޯދުމުގެ ރެކޯޑް އިތުރަށް ވަރުގަދަކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ވެސް ޑޮމިނިކަން ރިޕަބްލިކުން ދިޔައީ މެޗުގެ ކޮންޓްރޯލް ހޯދަމުންނެވެ. ވަރުގަދަ ސާވިސްތަކާއި ނެޓް ކައިރީގައި ދެއްކި ހުޝިޔާރު ކުޅުމުގެ ސަބަބުން ކޮލަމްބިއާގެ މައްޗަށް ބޮޑު ލީޑެއް ނަގައި، 25-19 އިން ފުރަތަމަ ސެޓް އެ ގައުމުން ކާމިޔާބުކުރިއެވެ. ދެވަނަ ސެޓުގައި ވެސް ފެނިގެންދިޔައީ ދާދި އެއްގޮތް ކުޅުމެކެވެ. ކޮލަމްބިއާ އިން މެޗުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރި ނަމަވެސް، ސެޓުގެ ފަހުބައިގައި ޑޮމިނިކަން ރިޕަބްލިކުން ކުޅުން ވަރުގަދަކޮށް، އަނެއްކާވެސް 25-19 އިން ސެޓް ކާމިޔާބުކޮށް ތާރީޚީ ކާމިޔާބީއާ ގާތަށް ޖެހިލިއެވެ.
ތިންވަނަ ސެޓުގައި ކޮލަމްބިއާ އިން ވަނީ ވަރުގަދަ ފައިޓެއް ދީފައެވެ. ސެޓުގެ ބޮޑު ބައެއްގައި ދެ ޓީމުގެ ޕޮއިންޓްތައް ހުރީ ވަރަށް ކައިރިކައިރީގައެވެ. ނަމަވެސް 14-14 އިން އެއްވަރުވެފައި އޮއްވައި، ޑޮމިނިކަން ރިޕަބްލިކުން އަނެއްކާވެސް ލީޑު ނަގައި، 23-20 އަށް ސްކޯ ބަދަލުކުރިއެވެ. އަދި 24-21 އަށް ސްކޯ ގެންގޮސް މެޗު ޕޮއިންޓަށް ވާސިލްވިއެވެ.
މިސެޓްގެ ފަހުޕޮއިޓް ޑޮމިނިކަން ރިޕަބްލިކުންގެ ޖިނޭރީ މާޓީނޭޒް ކުރި ވަރުގަދަ ބްލޮކަކުން 25-21 އިން ސެޓް ކާމިޔާބުކޮށް، މެޗު ނިންމާއެކު މުޅި ދަނޑު އުފާވެރިކަމުން ގުގުމާލައި، "ލަސް ރެއިނަސް ޑެލް ކެރީބޭ" އާއި އެ ގައުމުގެ ސަޕޯޓަރުން ފާހަގަކުރަން ފެށިއެވެ.
ޑޮމިނިކަން ރިޕަބްލިކްގެ މި ކާމިޔާބީގައި ބްލޮކް ކުރުން މުހިންމު ދައުރެއް އަދާކުރިއެވެ. އެގައުމުން 12 ބްލޮކް ޕޮއިންޓް ހޯދިއިރު، ކޮލަމްބިއާ އަށް ލިބުނީ 5 ޕޮއިންޓެވެ. އަދި ސާވިސް އިން 8-2 ގެ ލީޑެއް ޑޮމިނިކަން ރިޕަބްލިކުން ހޯދިއެވެ. މުޅި މެޗުގައި ޑޮމިނިކަން ރިޕަބްލިކުން ހެދީ 17 ގޯސް ކަމަށްވާއިރު، ކޮލަމްބިއާ އިން 21 ގޯސް ހެދިއެވެ. ހަމައެކަނި އެޓޭކިން ޕޮއިންޓަށް ބަލާއިރު ކޮލަމްބިއާ އުޅުނީ ކުޑަ ތަފާތަކުން ކުރީގައެވެ.
މެޗުގައި ޑޮމިނިކަން ރިޕަބްލިކަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 16 ޕޮއިންޓާއެކު ޔޮންކައިރާ ޕޭނިއާ އެވެ. ގައިލާ ގޮންޒާލޭޒް ވަނީ 13 ޕޮއިންޓް ހޯދައިދީފައެވެ. ކޮލަމްބިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 14 ޕޮއިންޓް ހޯދި އިވޯން މޮންޓާނޯ އެވެ.
ކޮލަމްބިއާ އަށް މި ލިބުނު ރިހި މެޑަލަކީ އެ ގައުމުގެ ތާރީޚުގައި މި މުބާރާތުގެ އަންހެން ވޮލީބޯޅައިން ލިބުނު ދެވަނަ މެޑަލެވެ. މި ދެ ފަހަރު ވެސް ފައިނަލުގައި އެ ގައުމު ބަލިވީ ޑޮމިނިކަން ރިޕަބްލިކް އަތުންނެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ހެޑް ކޯޗު މާކޯސް ކްވިއެކް ފާހަގަކުރި ގޮތުގައި، މުޅި މުބާރާތުގައި ވެސް ޓީމުން ދެއްކި ކުޅުމަކީ މުބާރާތް ކާމިޔާބު ވުމުގެ ސިއްރެވެ.
"އަހަރެމެން މުބާރާތަށް ނުކުތީ އެންމެ ފޭވަރިޓް ޓީމުގެ ގޮތުގައި. ވަރަށް ބޮޑަށް ފޯކަސްކޮށްގެން ކުޅުނީ. ކުޅިވަރުގައި މޮޅުވަނީ މެޗްތެރޭގައި ދައްކާ ކުޅުމުން، ކުރިން ނުވަތަ ފަހުން ދައްކާ ވާހަކައަކުން ނޫން. އަހަރެމެން މިތިބީ ވަރަށް ރަނގަޅު ފެންވަރެއްގައިކަން ސާބިތުކޮށްދީފިން. މިއަދު މި އުފާ ފާޅުކުރަނީ، އެކަމަކު މާދަމާ އަނެއްކާވެސް ކުރިއަށް ހުރި ކަންކަމަށް ތައްޔާރުވުމުގެ މަސައްކަތް ފަށާނަން،"
ކޯޗު ކްވިއެކް ބުންޏެވެ.
މި ރަން މެޑަލާއެކު ޑޮމިނިކަން ރިޕަބްލިކް ވެފައިވަނީ ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން ގޭމްސްގެ ތާރީޚުގައި އެންމެ ކާމިޔާބު އަންހެން ވޮލީބޯޅަ ޓީމަށެވެ. އެ ގައުމުން މިހާތަނަށް 9 ރަން މެޑަލް ހޯދާފައިވާއިރު، މީގެ ކުރިން މި ރެކޯޑް އޮތް ކިއުބާ އަތުގައެވެ. އެއީ 8 ރަން މެޑަލް ހޯދައިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

