17 އަހަރުން ދަށުގެ އަންހެނުންގެ " ވޮލީބޯޅަ ވޯލްޑް ޗެމްޕިއަންޝިފް 2026 އިއްޔެ ފަށާފައިވާއިރު 24 ޓީމު ވާދަކުރާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން ތުރުކީ، ޗައިނާ، ޕޮލެންޑް އަދި އިޓަލީން ވަނީ ސީދާ ތިން ސެޓުން މެޗުތައް ކާމިޔާބުކޮށް،ފައެވެ.
މީގެ އިތުރުން އެމެރިކާ، ޗެކް ރިޕަބްލިކް، ޕެރޫ، މެކްސިކޯ، ސްޕެއިން، ކްރޮއޭޝިއާ، ޗައިނީޒް ތައިޕޭ އަދި ކޮރެއާ ވެސް ވަނީ މޮޅަކާއެކު މުބާރާތް ފަށާފައެވެ.
ގްރޫޕް 'އޭ' ގެ ކުޅުނު މެޗްތަކުން ތުރުކީ، އެމެރިކާ އަދި ޗެކް ރިޕަބްލިކް ވަނީ ކުޅުނު މެޗުތަކުން ސީދާ ތިން ސެޓުން މޮޅުވެ ތިން ޕޮއިންޓް ހޯދާފައެވެ. އެމެރިކާ އިން މިސްރުގެ މައްޗަށް ކުރިހޯދީ 3-0 ސެޓުންނެވެ. ތުރުކީން ތައިލެންޑް ބަލިކުރީ ވެސް ހަމަ މި ނަތީޖާއިންނެވެ. ތުރުކީގެ ކެޕްޓަން އެކްރިން ސެލިސް ތުރުކުޔަސާރް އާއި ޒޭނަބް ދޮގާ އަލްޕޭ ކޮންމެ ކުޅުންތެރިއަކު 14 ޕޮއިންޓް ހޯދައިދިން އިރު، އެ ޓީމުން ވަނީ މުޅި މެޗުގައި ޖުމްލަ 36 އެޓޭކް ޕޮއިންޓާއި، 11 ބްލޮކް އަދި 9 ސާވިސް ކާމިޔާބުކޮށްފައެވެ. ހޯސްޓް ޗިލީ އަތުން ޗެކް ރިޕަބްލިކް މޮޅުވީ 3-0 ސެޓުންނެވެ.

ގްރޫޕް 'ބީ' ގައި މެކްސިކޯ އާއި ވެނެޒުއޭލާ ބައްދަލުކުރި މެޗު ދިޔައީ ފަސް ސެޓަށެވެ. މި މެޗު 3-2 ސެޓުން ކާމިޔާބުކުރީ މެކްސިކޯއެވެ. ޕެރޫ އިން ޓިއުނީޝިއާ 3-0 އިން ބަލިކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗައިނާ އިން ވަނީ ފިލިޕީންސްގެ މައްޗަށް 3-0 އިން ކުރިހޯދާފައެވެ.

ގްރޫޕް 'ސީ' ގައި އާޖެންޓީނާ 3-0 އިން ބަލިކޮށް، ތިން ޕޮއިންޓް ކަށަވަރުކުރި ހަމައެކަނި ޓީމަކީ ޕޮލެންޑެވެ. ޕޮލެންޑްގެ ޒުޒާނާ ލަންޖް ވަނީ އެ ޓީމަށް 18 ޕޮއިންޓް ހޯދައިދީފައެވެ. މި ގްރޫޕްގެ އަނެއް ދެ މެޗު ވެސް ނިމުނީ ފަސް ސެޓަށް ކުޅެގެންނެވެ. ކްރޮއޭޝިއާ އިން ބްރެޒިލް ބަލިކުރީ 3-2 އިންނެވެ. އަދި ސްޕެއިން އިން ޖަޕާން އަތުން މޮޅުވީ ފުރަތަމަ ދެ ސެޓު ގެއްލިފައި ވަނިކޮށް، ފަހަތުން އަރައި 3-2 އިންނެވެ.

ގްރޫޕް 'ޑީ' ގައި ކޮރެއާ އިން ޕުއެރްޓޯ ރީކޯ ބަލިކުރީ 3-1 ސެޓުންނެވެ. މި މެޗުގައި ކޮރެއާގެ ސޮން ސޯޔޯން ވަނީ 28 ޕޮއިންޓް ހޯދައި، މުބާރާތުގެ ފުރަތަމަ ދުވަހު އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. މީގެ އިތުރުން ޗައިނީޒް ތައިޕޭ އިން ޑޮމިނިކަން ރިޕަބްލިކް 3-0 އިން ބަލިކުރިއިރު، އިޓަލީން އަލްޖީރިއާ ބަލިކުރީ ފަސޭހަކަމާއެކު 3-0 ސެޓުންނެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތައް މިހާރު ޗިލީގައި ކުރިއަށް އެބަދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

