ފުވައްމުލަށް ސިޓީގެ ޒުވާނުންނާއި އާންމު ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ފުވައްމުލަށް ސިޓީ ކައުންސިލުން އިސްނަގައިގެން 2026 ވަނަ އަހަރަށް ރޭވިފައިވާ ކުޅިވަރު ހަރަކާތްތަކުގެ ތަފުސީލު ފުވައްމުލަށް ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ.
2026 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތްތަކަކީ:
ފުވައްމުލަށް ސިޓީ ކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް:
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2026 ގައެވެ. މިއީ ސިޓީގެ ސަރުކާރު މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
19 އަހަރުން ދަށުގެ ބޭންޑް ބޯލް މުބާރާތް:
ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ފެށުމަށް ތާވަލުކުރެވިފައިވަނީ 25 އޯގަސްޓް 2026 ގައެވެ.
ފުވައްމުލަށް ސިޓީ ކައުންސިލް ވެޓްރަންސް ފުޓްބޯޅަ މުބާރާތް:
ދޮށީ އުމުރުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މި ފޯރިގަދަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 3 ސެޕްޓެމްބަރ 2026 ގައެވެ.
ފުވައްމުލަށް ސިޓީ ކައުންސިލް ބަށި މުބާރާތް:
އަންހެނުންގެ މެދުގައި މަގުބޫލު ކުޅިވަރެއް ކަމަށްވާ ބަށި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރ 2026 ގައެވެ.
ކްރިކެޓް މުބާރާތް:
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2026 ގައެވެ.
ފުވައްމުލަށް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް:
ގިނަ އަދަދެއްގެ ޓީމުތަކެއް ބައިވެރިވާނެ ކަމަށް ބެލެވޭ ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 17 އޮކްޓޯބަރ 2026 ގައެވެ.
ފުވައްމުލަށް ސިޓީ ކައުންސިލް ފުޓްބޯޅަ މުބާރާތް:
ސިޓީގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް ކަމަށްވާ ފުޓްބޯޅަ މުބާރާތް ފެށުމަށް ތާވަލުކުރެވިފައިވަނީ 15 ނޮވެމްބަރ 2026 ގައެވެ.
ފުވައްމުލަށް ސިޓީ ކައުންސިލް ހޭންޑްބޯލް މުބާރާތް:
2026 ވަނަ އަހަރުގެ ކުޅިވަރު ކަލަންޑަރުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ހޭންޑްބޯލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 1 ޑިސެމްބަރ 2026 ގައެވެ.
މި މުބާރާތްތަކުގެ ސަބަބުން ފުވައްމުލަށް ސިޓީގެ ކުޅިވަރުގެ ފެންވަރު މަތިވެ، ޒުވާނުންގެ ހުނަރުތައް ދެއްކުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. ފުވައްމުލަށް ސިޓީ ކައުންސިލުން އުންމީދު ކުރަނީ މި ހުރިހާ މުބާރާތްތަކަކީވެސް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު ކާމިޔާބުކަމާއެކު ކުރިއަށްދާނެ މުބާރާތްތަކެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

