ވޮލީބޯލް ނޭޝަންސް ލީގު (ވީ.އެން.އެލް) ގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލެންޑުން، މިއަހަރުގެ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ސްލޮވީނިއާގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި، އަނެއްކާވެސް ތަށި ދިފާއުކުރުމުގެ އުއްމީދު އާކޮށްފިއެވެ.
ޗައިނާގެ ނިންގްބޯ ބެއިލުންގައި މިއަދު މެންދުރު ކުޅުނު މި މެޗު ޕޮލެންޑުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގައި ޕޮލެންޑްގެ ތަރި ވިލްފްރެޑޯ ލިއޯން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ޕޮލެންޑުން މެޗުގެ ސެޓުތައް ގެންދިޔައީ 25-16، 25-19 އަދި 25-17 އިންނެވެ. މިއީ ވީ.އެން.އެލްގެ ތާރީޚުގައި ޕޮލެންޑުން ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ 2023 އަދި 2025 ވަނަ އަހަރު މި ތަށި އުފުލާލާފައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ލިއޯންގެ ފަރާތުން ފެނުނީ ވަރުގަދަ ހަމަލާތަކެކެވެ. އޭނާގެ އެހީތެރިކަމާއެކު ޕޮލެންޑުން ފަސޭހަކަމާއެކު ފުރަތަމަ ސެޓު ކާމިޔާބުކުރިއެވެ. ދެވަނަ ސެޓު ފެށުމުގައި ސްލޮވީނިއާއިން ކޮންމެވެސް ވަރަކަށް ވާދަކުރި ނަމަވެސް، ބާޓްލޮމީ ބޯލާޑްޒްގެ ހަމަލާތަކާއި ބާޓްލޮމީ ލެމަންސްކީގެ ވަރުގަދަ ބްލޮކްތަކާއެކު ޕޮލެންޑުން އެ ސެޓުވެސް ކާމިޔާބުކުރިއެވެ. ތިންވަނަ ސެޓުގެ ކުރީކޮޅު ލިއޯން ކާމިޔާބުކުރި ސާވިސްތަކާ އެކު ޕޮލެންޑުން ބޮޑު ލީޑެއް ނަގައި، މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޕޮލެންޑުން ވަނީ މެޗްގައި ހުރިހާ ގޮތަކުންވެސް ސްލޮވީނިއާއަށްވުރެ މޮޅަށް ކުޅެފައެވެ. އެގޮތުން ސާވިސްތަކުގައި 9-3، ބްލޮކްތަކުގައި 12-6 އަދި އެޓޭކްތަކުގައި 35-25 އިން ޕޮލެންޑް އުޅުނީ ކުރީގައެވެ. އަދި މުޅި މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 16 ޕޮއިންޓާއެކު ލިއޯން އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ލިއޯން ބުނީ، ސެމީ ފައިނަލެއްގައި މިފަދަ ބޮޑު ތަފާތަކުން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، ފައިނަލް މެޗުގައި މިއަށްވުރެ ގިނަ ހައެސް ސާވިސްތަކެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ސްލޮވީނިއާގެ ރޮކް މޮޒިޗް ބުނީ، ޕޮލެންޑްގެ ވަރުގަދަ ބްލޮކްތަކުގެ ސަބަބުން އެޓޭކް ކުރުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް މި މެޗުން ފިލާވަޅު ލިބިގަނެ، އާދީއްތަ ދުވަހު އޮންނަ ތިންވަނަ ހޮވާ މެޗުގައި ލޯ މެޑަލް ހޯދުމަށް އެޓީމުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗު އާދީއްތަ ދުވަހުގެ މެންދުރުފަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ފޯރިގަދަ ފައިނަލް މެޗު އޮންނާނީ ރާއްޖޭ ގަޑިން 16:30 ގައެވެ.
ކުޅިވަރުގެ ދުނިޔެ މިހާރު އިންތިޒާރު ކުރަމުންދަނީ ޕޮލެންޑުން އެމީހުންގެ ތަށި ދިފާއުކުރާނެތޯ ނުވަތަ އާ ޗެމްޕިއަނަކު ފެނިގެންދާނެތޯ ބެލުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

