ތިން ގައުމެއްގައި، 39 ދުވަހުގެ ތެރޭގައި ކުޅެވުނު 104 މެޗާއެކު، އުފެދިގެންދިޔަ ސަތޭކަޔަށްވުރެ ގިނަ ހަނދާންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުނު މި މުބާރާތަކީ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކުގައި އަބަދަށް ހަނދާން ހުންނާނެފަދަ ގިނަގުނަ ކުޅިވަރުގެ ހަރަކާތްތަކެއް ފެނިގެންދިޔަ މުބާރާތެކެވެ.
މުބާރާތުގެ އެންމެ ރީތި ލަނޑު

ޖުލައި މަހުގެ 3 ވަނަ ދުވަހު ފްލޮރިޑާގެ މިއާމީ ގާޑްންސްގައި ކުޅެވުނު ގަދަ 32 ގެ މެޗުގައި، ކޭޕް ވާޑްގެ ސިޑްނީ ލޯޕޭސް ކަބްރާލް ވަނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ސިއްސުވާލުމަށްފަހު، އިތުރު ވަގުތުގެ ތެރޭގައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ދުނިޔޭގެ ރޭންކިންގެ 67 ވަނައިގައި އޮވެ މުބާރާތާ ކުރިމަތިލީ ކޭޕް ވާޑް، މެޗުގެ 103 ވަނަ މިނެޓާ ހަމައަށް އޮތީ 2-1 އިން ފަހަތުގައެވެ. ނަމަވެސް، ޔަނިކް ސެމޭޑޯ ދިން ދުރު ޕާހެއް ކޮންޓްރޯލް ކުރުމަށްފަހު، ތުރުކީގެ ޓްރެބްޒަންސްޕޯއަށް ކުޅޭ އުމުރުން 23 އަހަރުގެ ކަބްރާލް ވަނީ އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ ކައިރިން ނައްޓާލުމަށްފަހު، އޭރިއާ ތެރެއިން ވަރަށް ރީތި ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލާފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން 14 މެޗުގެ ތެރޭގައި ޖެހި 4 ވަނަ ލަނޑެވެ. އަދި މިއީ މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ޖެހި އެންމެ ރީތި ލަނޑެވެ.
އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިޔާ

ބާސެލޯނާގެ އުމުރުން 19 އަހަރުގެ ޑިފެންޑަރު ޕާއު ކުބާސީ ވަނީ، ސްޕެއިންއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން ކުޅުނު ކޮންމެ މެޗެއްގެ ކޮންމެ މިނެޓެއްގައި ކުޅެފައެވެ. އޭނާ ވަނީ ޖުމްލަ 690 ޕާސް ދިނުމަށް މަސައްކަތްކޮށް، އޭގެ ތެރެއިން 668 ޕާސް ކާމިޔާބުކަމާއެކު ފޯރުކޮށްދީފައެވެ. މިއީ 96.8 އިންސައްތައިގެ ކާމިޔާބީއެކެވެ. މުޅި މުބާރާތުގައިވެސް އޭނާއަށްވުރެ ގިނަ ޕާސް ދީފައިވަނީ ހަމައެކަނި އޭނާގެ ޓީމުގެ ރޮޑްރީއެވެ. ކުބާސީ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕް ތާރީހުގައި މި ތަށި އުފުލާލި 7 ވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
އެންމެ ނުރައްކާތެރި ފައުލް

ޖޫން 18 ވަނަ ދުވަހު ވެންކޫވަރގައި ކުޅެވުނު ގްރޫޕް ސްޓޭޖްގެ މެޗެއްގައި، ގަތަރުގެ މިޑްފީލްޑަރު އާސިމް މަދީބޯ ކެނެޑާގެ އިސްމާއިލް ކޯނޭއަށް ފަހަތުން ކުރި ނުރައްކާތެރި ޓެކްލަކާ ގުޅިގެން، ކޯނޭގެ ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން މަދީބޯއަށް ރަތް ކާޑެއް ދައްކައި، ފަސް މެޗަށް ސަސްޕެންޑް ކުރެވުނެވެ.
އެންމެ ބޮޑު ގޯސް

ގަދަ 16 ގެ މެޗުގައި ބެލްޖިއަމް އަތުން 4-1 އިން އެމެރިކާ ބަލިވި މެޗުގައި، އެމެރިކާގެ ގޯލްކީޕަރު މެޓް ފްރީޒްއަށް ހެދުނު ގޯހަކީ ގޯލްކީޕަރުންގެ "ބްލޫޕާ" ރީލްތަކުން ގިނަ ދުވަސްތަކެއް ވަންދެން ފެންނާނެ މަންޒަރެކެވެ. އޭރިއާގެ ބޭރަށް ނުކުމެ ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފްރީޒްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބެލްޖިއަމްގެ ހާންސް ވަނަކެން ވަނީ 30 ޔާޑު ދުރުން ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
އެންމެ ފޯރިގަދަ ސަޕޯޓަރުން

ނޯވޭގެ ސަޕޯޓަރުން ދައްކާލި "ވައިކިންގް ރޯ" އަކީ ދަނޑުތަކުގެ ތެރޭގައާއި، ނިއުޔޯކްގެ ޓައިމްސް ސްކޮޔަރ ފަދަ މަޝްހޫރު ތަންތަނުގައިވެސް އެންމެންގެ ސަމާލުކަން ހޯދި ހަރަކާތެކެވެ. މީގެ އިތުރުން ސްކޮޓްލޭންޑްގެ ސަޕޯޓަރުންވެސް ވަނީ އެމީހުންގެ ސަގާފީ ހަރަކާތްތަކާއި ފޯރިން މުބާރާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ.
އެންމެ ބޮޑު ސިއްސުން

މުޅި މުބާރާތުގައި ފެނިގެންދިޔަ އެންމެ ބޮޑު ސިއްސުމަކީ، ވަރުގަދަ ޖަރުމަނު ޓީމު ބަލިކޮށް، ޕެރަގުއޭއިން ހޯދި ކުރިއެރުމެވެ. ޖޫން 29 ވަނަ ދުވަހު ބޮސްޓަންގައި ކުޅެވުނު ގަދަ 32 ގެ މެޗުގައި، ޕެރަގުއޭއިން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަނު ބަލިކޮށްފައެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި ޕެނަލްޓީ ޝޫޓްއައުޓަކުން ޖަރުމަނު ބަލިވި މަދު ފަހަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަހަރެކެވެ.
އެންމެ ފުރިހަމަ ފޮޓޯ

ޖޫން 11 ވަނަ ދުވަހު ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި މެކްސިކޯގެ ރައުލް ހިމެނޭޒް ޖެހި ލަނޑަށްފަހު، އެސޯސިއޭޓެޑް ޕްރެސްގެ ފޮޓޯގްރާފަރު ނަޓާޝާ ޕިސަރެންކޯ ނަގާފައިވާ ފޮޓޯއަކީ މުބާރާތުގެ އެންމެ ފުރިހަމަ ފޮޓޯއެވެ. މިއީ މީގެ ހަ އަހަރު ކުރިން އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗެއްގައި ބޮލަށް ލިބުނު ނުރައްކާތެރި އަނިޔާއަކަށްފަހު، ފުޓްބޯޅަ ކެރިއަރު ނިމުމަކާ ގާތްވެފައި ވަނިކޮށް އެނބުރި އައިސް، ބޮލުން ލަނޑެއް ޖެހުމަށްފަހު އޭނާ ފާޅުކުރި އުފާވެރިކަން ދައްކުވައިދޭ އަސަރުގަދަ މަންޒަރެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

