އަންހެނުންގެ ވޮލީބޯލް ނޭޝަންސް ލީގު 2026 ގެ ފައިނަލް މެޗުގައި ބްރެޒިލް ބަލިކޮށް، ތުރުކީން މި މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދައިފިއެވެ. ތުރުކީން މީގެ ކުރިން މި ތަށި ފުރަތަމަ ފަހަރަށް އުފުލާލީ 2023 ވަނަ އަހަރުއެވެ. މިހާތަނަށް ތުރުކީން ވަނީ މި މުބާރާތުން ރިހި މެޑަލްއާއި ލޯ މެޑަލްވެސް ހޯދާފައެވެ.
މި މުބާރާތުގެ ތިންވަނަ ހޮވި މެޗު ކާމިޔާބުކޮށް ލޯ މެޑަލް ހޯދީ އިޓަލީންނެވެ.

ޗައިނާގައި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު ތުރުކީން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުން ބްރެޒިލް ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 23-25، 25-23، 26-24 އަދި 25-21 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ބްރެޒިލްގެ 22 އަހަރުގެ އަނާ ކްރިސްޓީނާގެ މޮޅު ކުޅުމާއެކު އެ ޓީމުން ބޮޑު ބައެއްގައި ކުރީގައި އޮތެވެ. އެއް ފަހަރަކު 23-18 އިން ބްރެޒިލް ކުރީގައި އޮއްވައި ތުރުކީން ޖެހިޖެހިގެން ހަތަރު ޕޮއިންޓް ހޯދައި ފަރަގު ކުޑަކުރިއެވެ. ނަމަވެސް، ބްރެޒިލްގެ ކިސީ ނަސިމެންޓޯ ކާމިޔާބުކުރި ޕޮއިންޓް ތަކާއެކު 25-23 އިން ބްރެޒިލް ފުރަތަމަ ސެޓު ގެންދިޔައެވެ.
ދެވަނަ ސެޓުގައި ފެނިގެންދިޔައީ މެލިސާ ވަރްގަސްގެ ހުނަރުވެރިކަމެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު މި ސެޓުގެ ފަހު ވަގުތު ތުރުކީގެ ހާންޑޭ ބަލަޑިންގެ ބްލޮކަކުން އެ ޓީމަށް ލީޑު ހޯދައިދިންއިރު، ވަރްގަސް ވަނީ ސެޓުގެ ފަހު ޕޮއިންޓް ކާމިޔާބުކޮށް 25-23 އިން ސެޓު ކާމިޔާބުކޮށްދީފައެވެ.
ތިންވަނަ ސެޓަކީވެސް ދެ ޓީމުގެ މެދުގައި ވަރަށް ބޮޑަށް ވާދަވެރިކަން ބޮޑުވި ސެޓެކެވެ. ވަރްގަސް މި ސެޓުގައި އެކަނިވެސް 11 ޕޮއިންޓް ހޯދިއިރު، މެޗުގެ ފޯރިގަދަވެ ނަތީޖާ ނިންމަން ޖެހުނީ އެކްސްޓްރާ ޕޮއިންޓްތަކަކަށެވެ. އެންމެ ފަހުން ތުރުކީން މި ސެޓު 26-24 އިން ކާމިޔާބުކުރިއެވެ. ހަތަރުވަނަ ސެޓުގެ ކުރީކޮޅު ތުރުކީން 8-2 އިން ބޮޑު ލީޑެއް ނެގި ނަމަވެސް، ބްރެޒިލުން ފަހަތުން އަރައި 19-18 އިން ލީޑު ހޯދިއެވެ. ނަމަވެސް ތުރުކީން އަލުން ކުޅުން ރަނގަޅުކޮށް، ސެޓުގެ ފަހުކޮޅު ކޮންޓްރޯލް ހޯދައި 25-21 އިން މެޗު ކާމިޔާބުކުރިއެވެ.
މި އަހަރުގެ ވީ.އެން.އެލް ގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މޯސްޓް ވެލިއުބަލް ޕްލޭޔަރ (އެމް.ވީ.ޕީ) ގެ ޝަރަފު ހޯދީ ތުރުކީގެ އޮޕޮޒިޓް ކުޅުންތެރިޔާ މެލިސާ ވަރްގަސް އެވެ. މީގެ އިތުރުން، އޭނާ ވެފައިވަނީ ވީ.އެން.އެލް ފައިނަލް މެޗެއްގައި މިހާތަނަށް އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާއަށެވެ.
މެލިސާ ވަރްގަސް ވަނީ މުޅި މެޗުގައި ޖުމްލަ 33 ޕޮއިންޓް ހޯދާފައެވެ. މިއީ ވީ.އެން.އެލް ފައިނަލް މެޗެއްގައި ކުޅުންތެރިއަކު ހޯދި އެންމެ ގިނަ ޕޮއިންޓެވެ. ތުރުކީގެ ހާންޑޭ ބަލަޑިން 19 ޕޮއިންޓް އަދި އިލްކިން އައިޑިން 15 ޕޮއިންޓް ހޯދިއެވެ.
ބްރެޒިލް ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 25 ޕޮއިންޓް ކާމިޔާބުކުރި އަނާ ކްރިސްޓީނާއެވެ. ރޮސަމާރިއާ މޮންޓިބެލަރ 19 ޕޮއިންޓް ހޯދިއިރު، ޖޫލިއާ ބާގްމަން 15 ޕޮއިންޓް އަދި ލޫޒިއާ ޑަ ސިލްވާ 11 ޕޮއިންޓް ހޯދިއެވެ.
"މިއީ ބަޔާންކުރަން ނޭނގޭ ފަދަ އުފާވެރި ވަގުތެއް،" މެޗަށްފަހު އުފަލުން ރޮމުން ތުރުކީގެ ކެޕްޓަން އަދި ލިބަރޯ ގިޒެމް އޯޖް ބުންޏެވެ. "ބްރެޒިލުން ދެއްކި ހިތްވަރަށް ސާބަސް ދެން. އަހަރެން މިއަދު ކުޅުނީ ކަކުލަށް ލިބިފައިވާ ވަރަށް ބޮޑު އަނިޔާއަކާއެކު ވޭނުގައި ހުރެގެން. އެކަމަކު މި ޓީމުގެ ކޮންމެ ކުޅުންތެރިއަކު ކުރި މަސައްކަތާ މެދު އަހަރެން ފަޚުރުވެރިވަން."
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

